ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް

ވީއައިއޭއަށް ފްރެންޗައިސް ހަތަރު ބްރޭންޑެއް ގެންނަނީ

Jan 10, 2017
3
  • ކޭއެފްސީ، ސްޓާބަގްސް، މެކްޑޮނަލްޑް ގެންނާނެ
  • ހުޅުވަނީ ޑޮމެސްޓިކް ޓާމިނަލް ކުރިމަތީގައި
  • މި އަހަރު ޖުލައި މަހު މި ތަންތަން ހުޅުވޭނެ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް ފްރެންޗައިސް ހަތަރު ބްރޭންޑެއް ގެންނަން ނިންމައި އެކަން އިއުލާންކޮށްފި އެވެ.

ވީއައިއޭ ހިންގާ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސެއްގައި މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ ވިދާޅުވީ މަޝްހޫރު ރެސްޓޯރެންޓް ބްރޭންޑް، ކޭއެފްސީ އާއި މެކްޑޮނަލްޑް، ސްޓާބަކްސްގެ އިތުުން ޕިއްޒާ ހަޓާއި ހާޑް ރޮކް ފަދަ ބްރޭންޑްތައް ގެންނަން ވާހަކަތައް ފެށިފައިވާ ކަމަށާއި، އެ ފަރާތްތަކުން ވަރަށް ބޮޑު ޝައުގުވެރި ކަމެއް ވެސް އެބަ ހުރި ކަމަށެވެ.

"ގާތްގަނޑަކަށް ހަތަރު ނޫނީ ފަސް ބްރޭންޑް ގެންނަން ވާހަކަ ދައްކަނީ. މި މަސައްކަތްތަކީ ބަޔަކާ ހަވާލު ކުރެވިފައި ވަނީ،" އާދިލް ވިދާޅުވި އެވެ.

އެމްއޭސީއެލް އިން އިންޓަނޭޝަނަލް ފްރެންޗައިޒްތައް ހުޅުވަނީ މިހާރު ޑޮމެސްޓިކް ޓާމިނަލްއަށް އަންނަ މީހުން ލަފާ ޖެޓީ ސަރަހައްދުގަ އެވެ.

އެ ސަރަހައްދުގައި މޫދު ފެންނަ ގޮތަށް ހަދާ މި ހިތް ގައިމު ފްރެންޗައިޒްތަކުގެ މަސައްކަތްއެއްކޮށް ޖުލައި މަހު ނިންމާލާނެ ކަމަށް އާދިލް ވިދާޅުވި އެވެ.

"މީގައި ދެ ކޮމްޕޯނެންޓެއް މި އޮތީ. މީގެ ސްޓީލް ސްޓްރަކްޗާ މި ހަދަނީ ސިންގަޕޫރުގެ ފާމްއަކާ ހަވާލުކޮށްގެން. އެ މަސައްކަތުގެ ޑިޒައިން ނިމި، އަދި ސިވިލް މަސައްކަތް ކުރުމަށްޓަކައި ބިޑް އިއުލާނުކޮށް މި މަހު ތެރޭގައި ކޮންޓްރެކްޓާއެއް ނެގޭނެ،" އާދިލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިތަން ހިންގާ ފަރާތްތައް، އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއު ނިމުމުން އާ ޕެސެންޖަރު ޓާމިނަލްގައި ފްރެންޗައިޒް ހުޅުވަން ވެސް އިސްކަންދޭނެ ކަމަށެވެ.

"އަޅުގަނޑުމެން މައިގަނޑު ގޮތެއްގައި ފޯކަސް ކުރަނީ ބްރޭންޑްތަކަށް. ގިނަ ފަރާތްތަކުން އިންޓްރެސްޓް ފާޅު ކުރޭ،" އާދިލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އާ ފްރެންޗައިޒްތަކެއް ގެންނަން މަސައްކަތް ކުރުމުން އެނގިގެންދަނީ އެއާޕޯޓުގެ މާލީ ގާބިލްކަން ހުރި މިންވަރު ކަމަށެވެ.

ވީއައިއޭގައި މިހާރު ވެސް އިންޓަނޭޝަނަލް ފްރެންޗައިޒްތައް ހިދުމަތްދެ އެވެ. މިގޮތުން ހިދުމަތްދޭ ބައެއް ބްރޭންޑްތަކުގެ ތެރޭގައި ނޫޑީ އާއި ބާގަކިންގްގެ އިތުރުން ކޮފީ ކްލަބާއި ތައިއެކްސް ޕްރެސް ހިމެނެ އެވެ.