ވިޔަފާރި

އިތުރު ތިން އެއާލައިނަކުން މިއަހަރު ރާއްޖެއަށް ދަތުރު ފަށާނެ

  • އިންޑިޔާގެ އެއާލައިނެއްގެ ދަތުރުތައް ފަށާނެ
  • އެއާޕޯޓުގެ ޓްރެފިކް އަންނަނީ މަތި ވަމުން
  • ޔޫރަޕުންވެސް ސީދާ ދަތުރުތައް ފަށާނެ

މި އަހަރުގެ ތެރޭގައި އިތުރު ތިން އެއާލައިނެއްގެ ދަތުރުތައް ރާއްޖެއަށް ފަށާނެ ކަމަށް މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނެފި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ހިންގާ، އެމްއޭސީއެލް ވީއައިއޭގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސުގައި މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ ވިދާޅުވީ ބޭރުގެ ތިން އެއާލައިނެއްގެ ދަތުރުތައް ރާއްޖެ އަށް ފެށުމަށް ވާހަކަ ދައްކަމުންދާ ކަމަށާއި، މި އެއާލައިންތައް ނިސްބަތްވަނީ އިންޑިޔާ އާއި ޗައިނާ އަދި ޔޫރަޕުގެ ގައުމަކަށް ކަމަށެވެ. ނަމަވެސް، މި އެއާލައިންތަކުގެ ނަން ތަކެއް އޭނާ ވިދާޅެއް ނުވެ އެވެ.

"މިހާރު ވެސް އިތުރު އެއާލައިންތައް ވާހަކަ ދައްކާ އެބަ މީގެތެރޭގައި އިންޑިޔާގެ ޑައިރެކްޓް ފްލައިޓްތައްް ވެސް. ހިމެނޭ. އިރާދުކުރެއްވިއްޔާ މި އަހަރު އިތުރު ތިނެއް ނޫނީ ހަތަރު އެއާލައިންގެ ދަތުރު ފަށާނެ،" އާދިލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި އަަހަރު އެއާޕޯޓުގައި ރެކޯޑު އަދަދަކަށް މަތިންދާ ބޯޓުގެ ޓްރެފިކް މަތިވެފައިވާ ކަމަށާއި، ކުރި އަށް އޮތްތަނުގައި ވެސް ދައްކަނީ އެގޮތަށް ކަމަށެވެ.

"މީގެން ދައްކުވައި ދެނީ ޓޫރިޒަމް ރަނގަޅުވެގެން ދާކަން. އެހެންވެ އެއާޕޯޓް ތަރައްގީ ކުރަން ކުރާ މަސައްކަތްތައް މުހިންމު ކަމެއްގެ ގޮތުގައި މި ދެކެނީ،" އާދިލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި އަހަރު އިންޑިޔާގެ ދެ ސިޓީއަކުން ސީދާ ދަތުރުތައް ފެށުމަށް ހުށަހެޅުން ލިބިފައިވާ ކަމަށެވެ.

"މި ބަލަނީ އިންޑިޔާގެ ދަތުރުތައް މި އަހަރުގެ މެދުތެރޭ ފެށޭނެ ކަމަށް. އަދި ޔޫރަޕުން އަންނަ ފްލައިޓް ވިންޓާ ސިޒަން [އޮކްޓޫބަރު] މަހު ފެށޭނެ ކަމަށް، ޗައިނާ އެއާލައިން އަދި ޓައިމް ލައިނެއް ނުދޭ، ނަމަވެސް މި އަހަރު ފެށޭނެ،" އާދިލް ވިދާޅުވި އެވެ.

ރާއްޖެ އަށް އިތުރު އެއާލައިންތައް ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެމްއޭސީއެލް އިން ބުނިއިރު، އާ އަހަރު ފާހަގަ ކުރުމަށް ރެކޯޑް އަދަދަކަށް ރާއްޖެ އަށް އެއާލައިންތައް ވަނީ އައިސްފަ އެވެ. އަދި މި އަހަރުގެ ސީޒަންގައި 508 އެއާ ކްރާފްޓް މޫވްމަންޓް ރިކޯޑް ކުރެވިފަ އެވެ. އަދި މި އަހަރު ޗައިނާގެ ގައުމީ އެއާލައިން އެއާ ޗައިނާގެ ދަތުރުތައް ފަށަން ވެސް ދަނީ ވާހަކަ ދައްކަމުންނެވެ.