ވިޔަފާރި

ބިން ހިއްކުން ނިމުމަކާ ގާތަށް، އާ ރަންވޭ އަޅަން ފަށަނީ

  • ބިން ހިއްކުމުގެ 70 ޕަސެންޓް ނިމިއްޖެ
  • ފުރަތަމަ ކުއާޓާގައި މަސައްކަތް ފަށާނެ
  • މަސައްކަތް ކުރަނީ ބީޔޫސީޖީ އިން

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގައި ތަރައްގީ ކުރާ އާ ރަންވޭގެ ބިން ހިއްކުމުގެ މަސައްކަތް ނިންމާލައި، އާ ރަންވޭ އެޅުމަށް ވާން ޖެހޭ ތައްޔާރީތަކުގެ މަސައްކަތް ފަށައިފި އެވެ. ވީއައިއޭ އިން ލަފާ ކުރަނީ މިއަހަރުގެ ފުރަތަމަ ކުއާޓާގައި މަސައްކަތް ފެށޭނެ ކަމަށެވެ.

ވީއައިއޭގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސުގައި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ ވިދާޅުވީ އާ ރަންވޭގެ ބިން ހިއްކުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ.

"ރަންވޭ އެޅުމަށް ކުރަން ޖެހޭ މަސައްކަތްތައް މި ބަލަނީ އިރާދަކުރެއްވިއްޔާ ފުރަތަމަ ކުއާޓަރު [ފުރަތަމަ ތިން މަސް ދުވަހު] ގެ ތެރޭގައި ފެށޭނެ ކަމަށް. ސައުތު އެންޑުން ދެން ހުރި އަމަލީ މަސައްކަތް ފެށުމުގެ ކަންތައް ރާވަމުން މިދަނީ،" އާދިލް ވިދާޅުވި އެވެ.

ވީއައިއޭގައި އަޅާ އާ ރަންވޭގެ މަސައްކަތް ކުރަނީ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އާ ހަވާލުކޮށްގެންނެވެ. އާ ރަންވޭ އަށް 400 މިލިއަން ޑޮލަރު ހޭދަވާނެ އެވެ. އަދި މީގެތެރެއިން 373 މިލިއަން ޑޮލަރު ފޯރުކޮށްދީފައިވަނީ ޗައިނާގެ ލޯނު އެހީގެ ދަށުންނެވެ. މި މަސައްކަތް ކުރަނީ ގަލްފް ކޮބްލާ ކުންފުނިންނެވެ.

އާ ރަންވޭ ކުރުކޮށް

  • ދިގު މިނުގައި 3400 މީޓަރު
  • ފުޅާ މިނުގައި 65 މީޓަރު
  • މަޝްރޫއުގެ އަގު 400 މިލިއަން ޑޮލަރު

އާ ރަންވޭ ބިން ހިއްކުމުގެ މަސައްކަތް އެމްއޭސީއެލް އިން މިއަދު ވަނީ ދައްކާލާފަ އެވެ. އާ ރަންވޭ އަޅާ ސަރަހައްދުގައި ހިއްކާ ބިމުގެ 70 ޕަސެންޓް މަސައްކަތް ވަނީ ނިމިފަ އެވެ. ބިން ހިއްކުމުގެ މަސައްކަތް މިހާރު ވަނީ ހުޅުމާލެ ނެރާ ހަމައަށް ގޮސްފަ އެވެ.

އެމްޑީ އާދިލް ވިދާޅުވީ އާ ރަންވޭގެ މަސައްކަތުގައި ހިމެނޭ، އެއާޓެކްސީ ސައިޓް ބަދަލު ކުރުމުގެ މަސައްކަތް ވެސް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ.

އާ ރަންވޭގެ މަސައްކަތް ފަށާފައިވާއިރު، ޕެސެންޖަރު ޓާމިނަލް އެޅުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ. މި މަސައްކަތް ހަވާލުކޮށްފައިވާ ސައޫދީ ބިންލާދިން ގްރޫޕަށް 300 މިލިއަން ޑޮލަރަށެވެ. އަދި މުޅި މަޝްރޫއުގެ އަގު ގާތްގަނޑަކަށް 800 މިލިއަން ޑޮލަރަށް އަރަ އެވެ. އަދި މި މަޝްރޫއު ނިންމަން ކަނޑައަޅާފައިވަނީ އަންނަ އަހަރު އެވެ.

އާ އިންޓަނޭޝަނަލް ޓާމިނަލް

  • 40 ޑީޕާޗާ ގޭޓް
  • 38 އިމިގްރޭޝަން ކައުންޓަރު
  • ޒަމާނީ ފެންވަރަށް ހަދައި ހިޔާކޮށްފައިވާ 12 ޖެޓީ
  • ހަ އެއިރޯ ބްރިޖް، ހަތަރު ބްރިޖަށް ބޮޑު ކުރެވޭނެ
  • ޒަމާނީ ބެގޭޖް ސްކްރީނިން އަދި ބެގެޖް ސާވިސް ބެލްޓްތައް
  • ހައި އޮކްސްޕްލޯސިވް ޑިޓެކްޝަން ސިސްޓަމް
  • ފިއުލް ހައިޑްރެންޓް ސިސްޓަމް

ވީއައިއޭގެ އާ ޕެސެންޖަރު ޓާމިނަލް ތަރައްގީ ކުރަނީ ގާތްގަނޑަކަށް 80،000 އަކަ މީޓަރު ބޮޑު އޭރިއާއެއްގަ އެވެ. އެއާޕޯޓް ތަރައްގީ ކުރަނީ ފަސް މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދިނުމަށެވެ.