ފިނިޕޭޖް

އޯމް ޕޫރީގެ ޕޯސްޓްމޯޓަމް: ހާޓް އެޓޭކެއް ކަމަށް ނުބެލެވޭ!

Jan 11, 2017

މިދިޔަ ހުކުރު ދުވަހު މަރުވި ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އޯމް ޕޫރީގެ މަރާއެކު މުޅި ބޮލީވުޑަށް ކުއްލި ސިހުމެއް ވަނީ ލިބިފަ އެވެ.

ސަތޭކައަށް ވުރެން ގިނަ ފިލްމު ކުޅެފައިވާ އޯމް ޕޫރީގެ ޖަނާޒާގައި ބޮލީވުޑްގެ ނަން މަޝްހޫރު ފަރާތްތަކުން ބައިވެރިވެފައިވާއިރު، އޭނާ މަރުވި ދުވަހުން ފެށިގެން އަންނަނީ، އޭނާގެ މަރާ މެދު ޝައްކު ކުރެވޭ ކަންތައްތަކެއް ހުރި ކަމަށް ބުނަމުންނެވެ.

ބުރާސްފަތި ދުވަހުގެރޭ ނިދި ގޮތަށް އޯމް ޕޫރީ ނުހޭލައިގެން އޭނާގެ ނޯކަރު މީހާ ފުލުހުންނަށް ގުޅައިގެން ބެލިއިރު، އޭނާ އޮތީ ބިންމައްޗަށް ވެއްޓިފަ އެވެ. އޭނާ އަށް ވަރަށް ވަރުގަދަ ހާޓް އެޓޭކެއް ޖެހިގެން މަރުވެފައިވާ ކަމަށް އޭނާ ބެލި ޑޮކްޓަރުން ވަނީ ބުނެފަ އެވެ. އޭނާގެ މޫނުގައި އަނިޔާގެ ނިޝާންތަކެއް ހުރި ކަމަށާއި އެއީ ހާޓް އެޓޭކް ޖެހިގެން ތެޅިގަނެވުނު ވަގުތު އެނދުން ވެއްޓުން ފަދަ ކަމެއް ދިމާވެގެން ވެފައި ހުރި ޒަހަމްތަކެއް އޭރު ބުނެވުނު ނަމަވެސް ޕޯސްޓް މޯޓަމް ރިޕޯޓްތައް ބުނާގޮތުން އޭނާގެ ބޮލުގައި ހަތަރު ސެންޓިމީޓަރުގެ ދިގު އަދި 1.5 ސެންޓިމީޓަރުގެ ފުން ޒަހަމެއް ލިބިފައިވާ ކަމަށްވެ އެވެ.

އޯމް ޕޫރީގެ މަރާމެދު ޝައްކު އުފެދޭތީ އޭނާ ވަޅުލާފައިވަނީ ޕޯސްޓް މޯޓަމް ހެދުމަށްފަހު އެވެ. ޕޯސްޓް މޯޓަމްގެ ރިޕޯޓް ފުލުހުން އާންމުކޮށްފައިވާއިރު، ޕޯސްޓް މޯޓަމް ރިޕޯޓަށްފަހު ޕޮލިސް އޮފިޝަލާ ހަވާލާދީ ނޫސްތަކުގައިވާ ގޮތުން އޯމް ޕޫރީގެ ބޮލަށް ލިބިފައިވާ ގެއްލުމަކީ ކިހިނެއް ލިބުނު ގެއްލުމެއްކަން ބުނަން އަދި ނޭނގެއެވެ.

އޯމް ޕޫރީގެ ކުއްލި މަރާ ގުޅިގެން ފުލުހުން ވަނީ އޭނާގެ ނޯކަރު މީހާ އާއި ޑްރައިވަރާ ވެސް ސުވާލުކޮށްފަ އެވެ. އޯމް ޕޫރީ މަރުވުމުގެ ކުރިން އޭނާ އެންމެ ފަހުން ވާހަކަ ދައްކާފައިވަނީ ޑްރައިވަރާ އެވެ. ޑްރައިވަރު ބުނެފައިވާ ކަމަށް ނޫސްތަކުގައިވާ ގޮތުން ބުރާސްފަތި ދުވަހުގެ ރޭ އޯމް ވަނީ އޭނާގެ ހުރި ހަމައެކަނި ފިރިހެން ދަރިފުޅު އިޝާން އާ ބައްދަލު ކުރަން ވަރަށް ކެތްމަދު ވެގެން އުޅެފަ އެވެ. އެގޮތުން އޭނާގެ ދަރިފުޅު ހުންނަނީ އަންހެނުން ނަންދިތާ ކައިރީ ކަމަށްވާތީ އެގެއަށް ދިއުމުން ނަންދިތާ އާއި ދަރިފުޅު ޕާޓީ އަކަށް ގޮސްފައިވާކަން އެނގުމުން އޭނާ އަށް ގުޅައި، ދަރިފުޅާ ބައްދަލު ކުރަން ގޮސް ހުރި ވާހަކަ ބުނެފައި ވެއެވެ. އަދި އެމީހުންގެ އިންތިޒާރުގައި އޯމް ޕޫރީ އެ ގޭގައި 45 ވަރަކަށް މިނިޓް މަޑުކޮށްފައިވާއިރު އެ ގޭގައި ހުރެގެން އޯމް ޕޫރީ ރާ ބުއި ކަމަށް ވެއެވެ.

އެމީހުން ނައިސް ލަސްވުމުން އޭނާގެ އަންހެނުންނަށް ގުޅައި ޒުވާބު ވެސް ކުރި ކަމަށް ޑްރައިވަރު ވަނީ ބުނެފަ އެވެ. އެންމެ ފަހުން އެމީހުން ލަސްވުމުން އޯމް ޕޫރީ ގެއަށް ދިޔައީ ކަމަށާއި ގެއަށް ދިޔަ މަގުމަތީގައި އޭނާ އައީ ރާފުޅި ހިފައިގެން އެ ބޮމުން ކަމަށް ވަނީ ބުނެފަ އެވެ.

"އެރޭ އޯމް ޕޫރީ އުޅުނީ ވަރަށް ޖަޒުބާތީ ވެގެން. ދަރިފުޅާ ވެސް ވަރަށް ބައްދަލު ކުރަން އުޅުނު. އެކަމަކު އޭނާގެ މަރާ ގުޅޭގޮތުން އެއްވެސް ޝައްކުކުރެވޭ ފަދަ ކަމެއް އުޅޭހެނެއް ހިޔެއް ނުވޭ،" އޯމް ޕޫރީގެ ޑްރައިވަރު ބުނެފައިވެ އެވެ.

ނަމަވެސް އޯމް ޕޫރީގެ މަރާ މެދު ޝައްކުކުރެވޭ ކަންތައްތަކެއް ހުރުމުން ފުލުހުން ތަހުގީގު ފަށާފައިވާއިރު، ތަހުގީގަށް ވަރަށް މުހިންމު އެއްޗެއް ކަމަށްވާ އޭނާގެ ފޯނު، އަންހެނުން ނަންދިތާ އަތުގައި އޮތުމުން އަދި ފޯނު އަތަށް ލިބިފައިނުވާ ކަމަށް މި މައްސަލަ ތަހުގީގުކުރާ ފުލުހުން ވަނީ ބުނެފަ އެވެ.

މީގެ އިތުރުން ވެސް އާންމުކޮށްފައިވާ ޕޯސްޓްމޯޓަމް ރިޕޯޓްގައި ހާޓްއެޓޭކެއް ޖެހިގެން މަރުވާ މީހުންގެ ޑެޑް ޓިޝޫތައް ހުންނައިރު އޯމް ޕޫރީގެ ކޭސްގައި ޑެޑް ޓިޝޫ ހުރިކަމަށް ނުދައްކާ ކަމަށް ރިޕޯޓްގައިވެ އެވެ. އަދި ރާ ބުއިމަށް ދެވި ހިފާފައިވުމުގެ ސަބަބުން އޭނާގެ ފުރަމޭ ވަރަށް ބޮޑަށް ހަލާކުވެފައިވާ ކަމަށް ވެސް ރިޕޯޓުގައިވެ އެވެ.

އޯމް ޕޫރީ މަރުވެފައިވަނީ ހާޓް އެޓޭކެއް ޖެހިގެން ތޯ ޔަގީން ކުރުމަށް އިތުރު ޓެސްޓް ތަކެއް އަންނަނީ ހަދަމުންނެވެ.