ހޮލީވުޑް

ބަފްޓާ ރޭހުގެ ކުރީގައި ވެސް "ލާ ލާ ލޭންޑް"

Jan 10, 2017

އިނގިރޭސި ސިނަމާގެ އޮސްކާގެ ގޮތުގައި މަޝްހޫރުވެފައިވާ، ބްރިޓިޝް އެކަޑެމީ ފިލްމު އެވޯޑްސް (ބަފްޓާ) ގެ ނޮމިނޭޝަންސްތައް އިއްޔެ އިއުލާނުކުރިއިރު ޖުމްލަ 11 ނޮމިނޭޝަނާ އެކު "ލާ ލާ ލޭންޑް" ރޭހުގެ ކުރި އަތުލައިފި އެވެ.

އެމެރިކާގެ ޒުވާން ޑައިރެކްޓަރު ޑޭމިއަން ޝަޒޭލްގެ މިއުޒިކަލް ރޮމޭންސް ޑްރާމާ "ލާ ލާ ލޭންޑް" އަކީ ނިމިގެން ދިޔަ ހޮލީވުޑްގެ ގޯލްޑެން ގްލޯބްސްގައި މިއުޒިކަލް/ކޮމެޑީ ކެޓަގަރީން އެންމެ މޮޅު ފިލްމުގެ އެވޯޑް ހާސިލުކޮށްފައިވާ ފިލްމެކެވެ. އޭގެ އިތުރުން މި ފިލްމަށް ވަނީ ގްލޯބްސްގައި އެންމެ މޮޅު އެކްޓްރެސް އާއި އެކްޓަރު އަދި ޑައިރެކްޝަންގެ އިތުރުން އޮރިޖިނަލް ސްކްރީންޕްލޭގެ އެވޯޑް ވެސް ލިބިފަ އެވެ.

އެހެންކަމުން ބަފްޓާ އަދި ކުރިއަށް އޮތް ޝަރަފްވެރި އޮސްކާ އެވޯޑްސްގެ ވެސް އެންމެ ބޮޑު ފެވަރިޓަކީ އެމާ ސްޓޯން އާއި ރަޔަން ގޮސްލިން ލީޑް ރޯލު ކުޅެފައިވާ މި ފިލްމެވެ.

މި ފިލްމަށް 11 ނޮމިނޭޝަންސް ލިބުނުއިރު ދެ ވަނަ އަށް އެންމެ ގިނަ ނޮމިނޭޝަންސް ލިބިފައިވާ ފިލްމަކީ މިދިޔަ އަހަރު ގިނަ ބައެއްގެ ތައުރީފު އޮހުނު ސައިންސް ފިކްޝަން ފިލްމު "އެރައިވަލް" އެވެ. ޑައިރެކްޓަރު ޑެނިސް ވިލެނޯވާގެ މި ފިލްމަށް ނުވަ ނޮމިނޭޝަންސް ލިބިފައިވާއިރު އެންމެ މޮޅު ފިލްމަށާއި އެންމެ މޮޅު ޑައިރެކްޝަންގެ އެވޯޑަށް ވާދަކުރެ އެވެ.

"އެރައިވަލް" އާ އެއް ވަރަކަށް ނޮމިނޭޝަން ލިބިފައިވާ އަނެއް ފިލްމަކީ ފެޝަން ޑިޒައިނަރެއްގެ ގޮތުގައި މަޝްހޫރުކަން ހޯދުމަށް ފަހު ހޮލީވުޑް ފަތަހަކޮށްފައިވާ ޒުވާން ޑައިރެކްޓަރު ޓޮމް ފޯޑްގެ އާ ފިލްމު "ނޮކްޓޫރަލް އެނިމަލްސް" އެވެ. މި ފިލްމު ފަހަތުން އެންމެ ގިނަ ނޮމިނޭޝަންސް ލިބިފައި ވަނީ އެކްޓަރު ކޭސީ އެފްލެކް އާއި މިޝޭލް ވިލިއަމްސް ލީޑް ރޯލުކުޅެ، ގިނަ ބައެއްގެ ތައުރީފު އޮހެމުން އަންނަ އަސަރުގަދަ ޑްރާމާ ފިލްމު "މެންޗެސްޓާ ބައި ސީ" އެވެ.

ބަފްޓާގެ އެވޯޑްތައް އޭގެ ހައްގުވެރިންނާ ހަވާލުކުރާނީ ލަންޑަންގެ ރޯޔަލް އަލްބަޓް ހޯލްގައި އަންނަ ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހު ބާއްވާ ރަސްމިއްޔާތެއްގަ އެވެ.

އެވޯޑް ހަފުލާގެ މުހިންމު ކެޓަގަރީތަކުގައި ވާދަކުރާ މުހިންމު ތަރިންނާއި ފިލްމުތައް ތިރީގައި މި ވަނީ އެވެ.

އެންމެ މޮޅު ފިލްމު:

  • އެރައިވަލް
  • އައި، ޑެނިއަލް ބްލޭކް
  • ލާ ލާ ލޭންޑް
  • މެންޗެސްޓާ ބައި ސީ
  • މޫންލައިޓް

އިނގިރޭސި ވިލާތުގެ އެންމެ މޮޅު ފިލްމަށް:

  • އެމެރިކަން ހަނީ
  • ޑިނައަލް
  • ފެންޓާސްޓިކް ބީސްޓްސް އެންޑް ވެއާ ޓު ފައިންޑް ދެމް
  • އައި، ޑެނިއަލް ބްލޭކް
  • ނޯޓްސް އޮން ބްލައިންޑްނެސް
  • އަންޑަ ދަ ޝެޑޯ

އެންމެ މޮޅު ޑައިރެކްޓަރުން:

  • ޑެނިސް ވިލަނޯވާ - އެރައިވަލް
  • ކެން ލޯޗް - އައި، ޑެނިއެލް ބްލޭކް
  • ޑޭމިއަން ޝެޒޭލް - ލާ ލާ ލޭންޑް
  • ކެނެތު ލޯގަން - މެންޗެސްޓާ ބައި ސީ
  • ޓޮމް ފޯޑް - ނޮކްޓޯރަލް އެނިމަލްސް

އެންމެ މޮޅު ބަތަލާއިން:

  • އޭމީ އެޑަމްސް - އެރައިވަލް
  • އެމިލީ ބްލަންޓް - ދަ ގާލް އޮން ދަ ޓްރެއިން
  • އެމާ ސްޓޯން - ލާ ލާ ލޭންޑް
  • މެރީލް ސްޓްރީޕް - ފްލޯރެންސް ފޮސްޓާ ޖެކިންސް
  • ނެޓްލީ ޕޯޓްމަން - ޖެކީ

އެންމެ މޮޅު އެކްޓަރުން:

  • އެންޑްރޫ ގާފިލްޑް - ހެކްސޯ ރިޖު
  • ކޭސީ އެފްލެކް - މެންޗެސްޓާ ބައި ދަ ސީ
  • ޖޭކް ގްލެންހޯލް - ނޮކްޓޫރަލް އެނިމަލްސް
  • ރަޔަން ގޮސްލިން - ލާ ލާ ލޭންޑް
  • ވިގޯ މޯޓެންސަން - ކެޕްޓަން ފެންޓާސްޓިކް