ބޮލީވުޑް

އިންޑިއާގައި އެންމެ ފުރަތަމަ ޕެޑް ހެދި މީހާގެ ހަޔާތަށް ފިލްމެއް

Jan 11, 2017
1

އިންޑިއާގައި އެންމެ ފުރަތަމަ ފަހަރަށް ޕެޑް އުފައްދައި އޭގެ ވިޔަފާރި ފެށި މީހާގެ ހަޔާތުގެ މައްޗަށް ފިލްމެއް އުފައްދަން ތައްޔާރުވެއްޖެ އެވެ.
އިންޑިއާގެ އެންމެ ތަފާތު އަދި ކާމިޔާބު އެންޓްރިޕްރެނުއާގެ ގޮތުގައި ދުނިޔޭގެ ސަމާލުކަން ވެސް ހޯދި އަރުނަޗަލަމް މުރުގަނަތަމްގެ ހަޔާތުގެ މައްޗަށް އުފައްދާ "ޕެޑްމޭން" ގައި ލީޑްރޯލުން ފެންނާނީ މަޝްހޫރު އެކްޓަރު އަކްޝޭ ކުމާރާ އެކު ސޯނަމް ކަޕޫރުގެ އިތުރުން މިހާރު މަޝްހޫރުކަން ހޯދަމުން އަންނަ، ރާދިކާ އަޕްޓޭ އެވެ.

އަކްޝޭގެ އަންހެނުން، ޓްވިންކަލް ކަންނާގެ އަމިއްލަ ޕްރޮޑަކްޝަން ކުންފުނި، "މިސިޒް ފަނީ ބޯންސް މޫވީސް" އިން އުފައްދާ މި ފިލްމަކީ އިންޑިއާގައި އެންމެ ފުރަތަމަ އަގު ހެޔޮކޮށް ސެނިޓަރީ ނެޕްކިންސް އުފައްދައި ވިއްކަން ފެށި އަރުނަޗަލަމްގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމެކެވެ.

އާރް ބަލްކީ ޑައިރެކްޓްކުރާ "ޕެޑްމޭން"ގައި ސޯނަމް އާއި އަކްޝޭގެ އިތުރުން ރާދިކާ ފެނިގެންދާނެކަން ހާމަކޮށްފައިވަނީ ސޯނަމް އާންމުކުރި މި ފިލްމުގެ ޕޯސްޓަރެއްގަ އެވެ.

ސޯނަމްގެ އިންސްޓަގްރާމުގައި އޭނާ އާންމުކުރި ޕޯސްޓަރާއެކު ލިޔެފައިވާ މެސެޖުގައި ވަނީ މިފަދަ ޝަރަފުވެރި ފިލްމެއްގައި ބައިވެރިވުމުގެ ފުރުސަތު ލިބުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށް ވަނީ ބުނެފަ އެވެ.

"ޕެޑްމޭން" އަކީ ސޯނަމް އާއި އަކްޝޭ އެކުގައި ފެނިގެންދާ ދެވަނަ ފިލްމެވެ. މިދެތަރިން މީގެކުރިން ވަނީ 2011 ވަނަ އަހަރު ނިކުތް "ތެންކިޔު" އިން އެކުގައި ފެނިގެން ގޮސްފަ އެވެ.