ބޮލީވުޑް

ސަލްމާނަށް މި މަހުގެ 18ގައި ހުކުމް އިއްވަނީ

Jan 11, 2017

ހިމާޔަތްކޮށްފައިވާ ދެ ޖަނަވާރެއް ޝިކާރަކުރިކަމުގެ ދައުވާ ފިލްމީ ތަރި ސަލްމާން ޚާންގެ މައްޗަށް 1998 އިން ފެށިގެން ކުރަމުން އައިސް މިއަހަރުގެ ޖުލައި މަހުގެ ތެރޭގައި ރާޖްސްތާނުގެ ހައިކޯޓުން ވަނީ އެމައްސަލައިގައި ސަލްމާން ކުށްވެރިނުވާ ކަމަށް ނިންމާފަ އެވެ.

ނަމަވެސް ފަހުން ރާޖަސްތާނުގެ ސަރުކާރުން ވަނީ އެމައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ.

މި މައްސަލައިގެ އެންމެފަހު އަޑުހެންތައް ކުރިއަށް ގެންގޮސް ދެފަރާތުގެ ވާހަކަކަތައް ވެސް ޝަރީއަތުގައި ދައްކައި، އެންމެފަހުން ޖޯދްޕޫރްގެ ކޯޓަކުން ވަނީ މައްސަލައިގެ ހުކުމް މިމަހުގެ 18 ވަނަ ދުވަހު ކުރަން ނިންމާފަ އެވެ.

އިންޑިއާގެ ޖޯދްޕޫރުގައި 1998 ވަނަ އަހަރު ސަލްމާން ޚާނާއި "ހަމް ސާތު ސާތު ހޭ"ގެ ކުރޫން ފިލްމު ޝޫޓްކުރުމަށް ގޮސް ތިބިއިރު، ހިމާޔަތްކޮށްފައިވާ ވައްތަރެއްގެ ދެ ފުއްލާއެއް ޝިކާރަކުރި މައްސަލައިގައި ރާޖަސްތާން ސަރުކާރުން އޭނާއާ ދެކޮޅަށް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި ހުކުމް އިއްވުން މިމަހުގެ 18 ވަނަ އޮންނާނެ ކަމަށް ސަލްމާންގެ ވަކީލު ހަސްތިމަލް ސަރަސްވަތް ވަނީ ބުނެފަ އެވެ.

އިންޑިއާގެ ނޫސްތަކަށް ހަސްތިމަލް ދިން އިންޓަވިއުއެއްގައި ވަނީ ހޯމަ ދުވަހު އޮތް މި މައްސަލައިގެ އަޑުއެހުމަށްފަހު ޖޯދްޕޫރް ކޯޓުގެ އިސް ގާޒީ ވަނީ 18 ވަނަ ދުވަހު ހުކުމް އިއްވާނެ ކަމަށް ބުނެފައިވާ ކަމަށެވެ.

މިމައްސަލައިގައި ހުކުމް އިއްވާ ޝަރީއަތަށް ސަލްމާން ކޯޓަށް ހާޒިރުވާން ޖެހޭނެ ކަމަށް އަމުރު ނެރެފައިވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

"ހަމް ސާތް ސާތްހޭ" ގެ ޝޫޓިންގެ ތެރޭގައި ހިމާޔަތްކޮށްފައިވާ ދެ ފުއްލާ ޝިކާރަކުރި ކަމުގެ ތުހުމަތު ވަނީ ސަލްމާންގެ އިތުރުން އެފިލްމުގައި ހަރަކާތްތެރިވި ބައެއް ބޮލީވުޑްގެ ތަރިންގެ މައްޗަށް ވެސް ކޮށްފަ އެވެ.

ސަލްމާންގެ މައްޗަށް އުފުލާފައިވާ ދައުވާ އަކީ ލައިސެންސްގެ މުއްދަތު ހަމަވެފައިވާ ހުއްދަ ނޫން ހަތިޔާރަކުން ދެ ޖަނަވާރަކަށް ސަލްމާން އަމިއްލައަށް ބަޑި ޖެހިކަމުގެ ތުހުމަތުގައި ކުރާ ދައުވާ އެކެވެ.

އެންމެފުރަތަމަ މި މައްސަލަ ބެލި ދަށު ކޯޓުން ވަނީ ސަލްމާން ކުށްވެރިވާ ކަމަށް ނިންމައި، އޭނާއާ ދެކޮޅަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވާފަ އެވެ. ނަމަވެސް ހައިކޯޓުން ވަނީ ސަލްމާނާ ދެކޮޅަށް އެކަށީގެންވާ ހެކި ނެތް ކަމަށް ބުނެ އޭނާގެ މައްޗަށް ކުރި ހުކުމް ބާތިލްކޮށްފަ އެވެ.

މީގެކުރިން މި މައްސަލައިގައި ސަލްމާން ކުށްވެރިވާ ކަމަށް ނިންމައި، ފަސް އަހަރުގެ ޖަލު ހުކުމެއް އޭނާގެ މައްޗަށް އިއްވާފައިވާއިރު، މިފަހަރު ސަލްމާންގެ މައްޗަށް ހުކުމެއް އިއްވާނެކަން ނުވަތަ އޭނާގެ ކުށެއް ނެތް ކަމަށް ސާބިތުވާނެ ކަން އަދި ނޭނގެ އެވެ.

ނަމަވެސް މި މައްސަލައިގެ އެންމެ މުހިއްމު ހެކި ކަމަށްވާ ހަރީޝް ދުލާނީ ހައި ކޯޓަށް ހާޒިރުކޮށްފައިނުވާއިރު ހަރީޝް އަކީ މިހާދިސާ ހިނގިއިރު ސަލްމާން އިން ވެހިކަލްގައި އޭގެ ޑްރައިވަރެއްގެ ގޮތުގައި އިން މީހާ އެވެ. ހައި ކޯޓުގައި މައްސަލަ ހިނގިއިރު ހަރީޝް ވީ ތަނެއް ނޭނގޭ ކަމަށް ބުނެ އޭނާއާ ސުވާލެއް ކޮށްފައިނުވާއިރު، ރާޖަސްތާނުގެ ސަރުކާރުން ވަނީ އޭނާއާ ސުވާލުކޮށްފައިނުވަނީ ހަރީޝްގެ ހެކިބަހުން ސަލްމާން ކުށްވެރިވާނެކަން ޔަގީން ވާނެތީ ކަމަށެވެ.

މި މައްސަލަ ރާޖަސްތާންގެ ހައިކޯޓުން ނިންމުމާއެކު ފިލައިގެން އުޅުނު ހަރީޝް ވަނީ މީޑިއާގައި ވާހަކަދައްކަމުން ސަލްމާން ފުއްލާ އަށް ބަޑި ޖަހަނިކޮށް ދެކުނު ކަމަށާއި އޭނާ އަށް ފުލުހުން ހިމާޔަތް ދޭނަމަ ކޯޓަށް ގޮސް ސަލްމާނާ ދެކޮޅަށް ހެކި ބަސް ދޭނެ ކަމަށް ބުނެފަ އެވެ. ނަމަވެސް ސަލްމާންގެ ކުށެއް ނެތް ކަމަށް ނިންމި ޝަރީއަތުގެ މަޖިލީހަށް ހަރީޝް ހާޒިރުކޮށްފައިނުވާއިރު އޭނާގެ ވާހަކަތަކަށް ޝަރީއަތުގައި ރިއާޔަށް ކޮށްފައެއް ވެސް ނުވެ އެވެ.