ވިޔަފާރި

މިދިޔަ އަހަރު ލިބުނު އާމްދަނީ 11.2 ޕަސެންޓް އިތުރުވެއްޖެ

Jan 11, 2017

މިދިޔަ އަހަރު ދައުލަތަށް ލިބުނު އާމްދަނީ، އޭގެ ކުރީ އަހަރު، 2015 ވަނައަހަރާ އަޅާބަލާއިރު 11.2 ޕަސެންޓް އިތުރުވެއްޖެ އެވެ.

ދައުލަތުގެ ޓެކްސް އިދާރާ، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ، މީރާގެ ޑިސެމްބަރު މަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ 12 މަސްދުވަސް ފާއިތުވި އިރު، އާމްދަނީގެ ގޮތުގައި ދައުލަތައް 14.5 ބިލިއަން ރުފިޔާ ވަނީ ބަލައިގެންފައިވެ އެވެ. މިއީ އޭގެ ކުރީ އަހަރު ބަލައިގަތް 13 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 11.2 ޕަސެންޓް އިތުރު އަދަދެކެވެ.

މީރާ އިން ބުނި ގޮތުގައި މިދިޔަ އަހަރު ވިޔަފާރީގެ ފައިދާއިން ނަގާ ޓެކްސްގެ ގޮތުގައި 2.7 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. ނަމަވެސް އޭގެ ކުރީ އަހަރު ލިބުނީ 2.6 ބިލިއަން ރުފިޔާ އެވެ. އަދި މިދިޔަ އަހަރު މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް ނުވަތަ ޖީއެސްޓީގެ ގޮތުގައި 6.2 ބިލިއަން ރުފިޔާ ލިބުނެ އެވެ. ނަމަވެސް އޭގެ ކުރީ އަހަރު ލިބުނީ ހަ ބިލިއަން ރުފިޔާ އެވެ.

މިދިޔަ އަހަރު ޓޫރިޒަމަށް ބިން ކުއްޔަށް ދީގެން 1.4 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. ނަމަވެސް އޭގެ ކުރީ އަހަރު ލިބުނީ 1.1 ބިލިއަން ރުފިޔާ އެވެ. އަދި ގްރީން ޓެކްސްގެ ގޮތުގައި 633 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. ނަމަވެސް އޭގެ ކުރީ އަހަރު ލިބުނީ 45 މިލިއަން ރުފިޔާ އެވެ.

މީރާއިގެ ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރު ޑޮލަރުން އާމްދަނީގެ ގޮތުގައި ދައުލަތައް 572 މިލިއަން ޑޮލަރު ލިބުނެވެ. މިއީ މިދިޔަ އަހަރު ލިބުނު 518 މިލިއަން ޑޮލަރާ އަޅާ ބަލާއިރު 10 ޕަސެންޓުގެ އިތުރުވުމެކެވެ.

ދައުލަތުގެ ޓެކްސް އިދާރާއިން ބުނީ ޑިސެމްބަރު މަހު އެކަނި ދައުލަތައް 1.23 ބިލިއަން ރުފިޔާ ބަލައިގެންފަައިވާ ކަމަށެވެ.