ހަބަރު

250 ވަޒީފާއާއެކު ކަނޑިންމަ ރިސޯޓުގެ އޯޕަން ޑޭ ފަށަނީ

ކަނޑިންމަ މޯލްޑިވްސް އިން 250 ވަޒީފާއާއެކު އޯޕަން ޑޭތަކެއް ފަށަން ނިންމައިފި އެވެ. ކަނޑިންމަ މޯލްޑިވްސް އަކީ ދ. އަތޮޅުގައި އަލަށް ހުޅުވުމަށް ތައްޔާރުވަމުން އަންނަ ރިސޯޓެކެވެ.

ކަނޑިންމަ މޯލްޑިވްސްގެ ޑިރެކްޓާ އޮފް ހިއުމަން ރިސޯސް މުހައްމަދު އާތިފް މިއަދު ވިދާޅުވީ އެ ރިސޯޓުގެ 65 ޕަސަންޓު ވަޒީފާ ދިވެހިންނަށް ދިނުމަށް އަމާޒު ހިފާފައިވާ ކަމަށެވެ. އެގޮތުން އެކި ރަށްތަކުގައި ދިވެހިންނަށް ހާއްސަކޮށް އޯޕަން ޑޭތައް ބާއްވަން ނިންމާފައިވާ ކަމަށެވެ.

އޭނާ އަދި ވިދާޅުވީ މިމަހު 20 ވަނަ ދުވަހުން ފެށިގެން އޯޕަންޑޭތައް ދެކުނުގެ ފުވަމުލަކުގަ އާއި، އައްޑޫ ސިޓީގެ ހުޅުދޫ އަދި ހިތަދޫގައި ކުރިޔަށްދާނެ ކަމަށެވެ. އެ އޯޕަން ޑޭތަކުގައި މީދޫ މަރަދޫ އަދި ފޭދޫގެ ރައްޔިތުންނަށް ވެސް ބައިވެރިވެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ވެރިންގެ ވަރަށް ބޮޑު އަމާޒެއް އެއީ މި ރިސޯޓަށް ވީހާވެސް ގިނަ ދިވެހިން ރެކްރޫޓުކޮށް ދިވެހިންނަށް ވަޒީފާތައް ހޯދައި ދިނުމަކީ އެގޮތުން މިބަލަނީެ 65 ޕަސަންޓު ވަޒީފާތައް ދިވެހިންނަށް ދޭން،" އާތިފް ވިދާޅުވި އެވެ.

ވަޒީފާ ހުޅުވާލާފައިވާ ބައެއް ދާއިރާތައް

  • ގެސްޓް ރިލޭޝަން އޮފިސާ
  • ކިއު އާއި ބެލް އެޓެންޑަންޓް
  • ވެއިޓަރުން
  • ބޯޓް ކެޕްޓަން އާއި ކްރޫ
  • ސެކިއުރިޓީ އޮފިސަރުން
  • ބަދިގެއަށް ބޭނުންވާ މުއައްޒިފުން
  • މެރިން މެކޭނިކްސް
  • ހޯސްޓަސް

ކަނޑިންމަ މޯލްޑިވްސްއަކީ 274 ކޮޓަރީގެ ރިސޯޓެކެވެ. އާތިފް ވިދާޅުވީ އެ ރިސޯޓު އަންނަ މަހުގެ ތެރޭގައި ހުޅުވަން މަސައްކަތް ކުރަމުން އަންނަ ކަމަށާއި ރިސޯޓު ހުޅުވުމުގެ ކުރިން މާލޭގައި ވެސް އޯޕަން ޑޭއެއް ބާއްވާނެ ކަމަށެވެ.