ބޭރު ކުޅިވަރު

ނުވަ ވަނަ މޮޅާއެކު މެންޔޫ ލީގް ކަޕްގެ ފައިނަލާ ގާތަށް

Jan 11, 2017

ހަލް ސިޓީގެ މައްޗަށް 2-0 ގެ ނަތީޖާއަކުން ގަދަވެ، ޖެހިޖެހިގެން ހޯދި ނުވަ ވަނަ މޮޅާއެކު މެންޗެސްޓާ ޔުނައިޓަޑް ލީގް ކަޕް ނުވަތަ އީއެފްއެލް ކަޕްގެ ފައިނަލާ ގާތަށް ޖެހިލައިފި އެވެ.

ރޭ އަމިއްލަ ދަނޑު އޯލްޑް ޓްރަފާޑް ގައި ކުޅުނު މެޗުގައި މެން ޔޫގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރީ ހުއާން މާޓާ އެވެ. މެޗްގެ 56 ވަނަ މިނެޓްގައި އެންޓޯނިއޯ ވެލެންސިއާ ޕެނަލްޓީ އޭރިއާ ބޭރުން ނެގި ހުރަހެއްގައި ހެންރިކް މުހިތާރިޔަން ގޯލާ ދިމާލަށް ފޮނުވާލި ބޯޅަ ލިބުނީ މާޓާ އަށެވެ. އޭނާ ވަނީ އެއް ފަހަރުން އެބޯޅަ ގޯލް ތެރެއަށް ފޮނުވާލާފަ އެވެ.

މެޗު ފެށިގެން ދެ ވަނަ މިނެޓްގައި ވެސް މާޓާ އަށް ވަނީ ލަނޑެއް ޖަހަން ވަރަށް ތަނަވަސް ފުރުސަތެއް ލިބިގެން ގޮސްފައެވެ. ނަމަވެސް އޭނާ ފޮނުވާލި ބޯޅަ ހަލްގެ ކިޕަރު އެލްޑިން ޖެކޮޕޮވިކް ވަނީ ދިފާއު ކޮށްފަ އެވެ.

ފުރަތަމަ ހާފު ވެގެން ގޮސްފައިވަނީ ހަލް ސިޓީގެ ފަހަތަށް ބާރު ބޮޑުވި ހާފެއްގެ ގޮތުގަ އެވެ. ޔުނައިޓަޑްގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑް ހެދުމަށް ފަހު ކެޕްޓަން ވޭން ރޫނީ ކުޅުނު ފުރަތަމަ މެޗުގައި އޭނާ އަށްވީ އުނދަގޫ ގޮތެކެވެ. ފުރަތަމަ ހާފުގައި އޭނާ އަށް ލިބުނު ގިނަ ބޯޅަ ތަކެއް ހަލް ސިޓީ ޑިފެންސުން ވަނީ ދިފާއު ކޮށްފަ އެވެ.

ލަނޑަށް ފަހު، ޔުނައިޓަޑްގެ ގިނަ ހަމަލާތަކެއް މިސް ވުމުން އެ ޓީމުގެ ކުޅުންތެރިންގެ ފަރާތުން ފެނުނީ މާޔޫސް ކަމެވެ. މެޗު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް އެ ޓީމަށް ހަމަޖެހުމެއް ގެނެސްދިނީ އާންމުކޮށް ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނިކުންނަ މަރުއާން ފެލޭނީ ކާމިޔާބު ކުރި ލަނޑުން ނެވެ.

މެންޔޫ އަށް ލިބުނު ގިނަ ފުރުސަތުތައް ބޭނުން ނުކުރެވުމުން، މެޗަށް ފަހު ޥާހަކަ ދައްކަމުން ކޯޗް ހޯސޭ މޮރީނިއޯ ބުނީ ޕްރިމިއާ ލީގްގެ ޓީމާކާ ދެކޮޅަށް ކުޅުމަކީ އުނދަގޫ ކަމެއް ކަމަށެވެ.

ސެމީ ފައިނަލްގެ ދެ ވަނަ ލެގް މެޗް އޮންނާނީ މިމަހުގެ 26 ވަނަ ދުވަހުގެ ރޭގަ އެވެ.