ވޯލްޑް ކަޕްގައި ވާދަ ކުރާ ގައުމު ތަކުގެ އަދަދު 32 ން 48 އަށް އިތުރު ކުރުމުން ޔޫރަޕްގެ ފުޓްބޯޅައިގެ ބޭޑެތި އޮގަނައިޒޭޝަންތަކުން އެ ނިންމުމާ ދެކޮޅަށް ރުޅި ވެރިކަން ފާޅު ކުރަން ފަށައިފި އެވެ.
އެކަމާ ދެކޮޅަށް އެންމެ ބޮޑަށް ނުރުހުން ފާޅު ކުރީ ޔޫރަޕްގެ ބޮޑެތި ކުލަބުތައް ތަމްސީލު ކުރާ ބެލެނިވެރި ފަރާތް ކަމަށްވާ ޔޫރަޕިއަން ކުލަބު އެސޯސިއޭޝަނުން ނެވެ.
ޔޫރަޕްގެ ބޮޑެތި ކުލަބުތައް ކަމަށްވާ ރެއާލް މެޑްރިޑާއި މެންޗެސްޓާ ޔުނައިޓަޑާއި ބާސެލޯނާ، ބަޔާން މިޔުނިކް، ޗެލްސީ، ޔުވެންޓަސް އާއި އޭސީ މިލާން ފަދަ ކުލަބުތައްވެސް ތަމްސީލު ކުރާ އެ ޖަމާއަތުން ވަނީ ފީފާގެ ރައީސް ޖިއާނީ އިންފެންޓީނޯގެ މައްޗަށް "ސިޔާސީ ތުހުމަތު" ތަކެއް ކޮށްފަ އެވެ.
އެ ޖަމާއަތުން ބުނެފައިވަނީ ވޯލްޑް ކަޕްގެ ޖާގަތައް އިތުރު ކުރީ ކުޅިވަރު ފޯރިގަދަ ކުރުމަށް ނޫން ކަމަށާއި އެއީ ސިޔާސީ މަންފާ އެއް ހޯދަން ގެނެސްފައިވާ ބަދަލެއް ކަމަށެވެ.
"މިހާރު އަމަލު ކުރަމުންދާ އޮނިގަނޑަށް ގެނައި ބަދަލު ކޮލިޓީ ތޯ ބެލޭނެ ގޮތެއް ނެތް. 32 ޓީމުގެ އޮނިގަނޑަކީ ހުރިހާ ދިމާލަކުން ބެލި ކަމުގައި ވިޔަސް މިހާރު ވެސް ކޮލިޓީ ފޯމިއުލާއެއްކަން ސާބިތުވޭ މިހާ އަވަސް އަރުވާލައިގެން 48 ޓީމަށް އޮނިގަނޑު ބަދަލު ކުރުމުން ސުވާލު އުފެދޭ ކަންކަން އެބަހުރި، އަދި ބަދަލު ގެނެސްފައިވަނީ އެންމެ ފުރިހަމަ ގޮތުގައި ކަމާބެހޭ ދާއިރާ ތަކުގެ ބައިވެރި ވުމެއް ނުހޯދައި،" ޔޫރަޕްގެ 220 ކުލަބު ތަމްސީލު ކުރާ ޖަމާއަތުން ނެރފައިވާ ބަޔާނުގައި ބުނެފައި ވެއެވެ.
ފީފާއިން އިއްޔެ ފާސް ކުރި އޮނިގަނޑަށް އަމަލު ކުރާނީ 2026 ވަނަ އަހަރު ވޯލްޑް ކަޕް ގައެވެ.
"އަހަރެމެންނަށް އެނގެނީ މި ނިންމުން އައިސްފައި ވަނީ ސީޔާސީ ސަބަބަކަށް ކަން. ކުޅިވަރުގެ ސަބަބަކަށްވުރެ ސިޔާސީ ފިއްތުންތަކެއް އޮވެގެން ކަމަށް ގަބޫލު ކުރެވޭ،" އެ އެސޯސިއޭޝަނުން ތުހުމަތު ކޮށްފައި ވެއެވެ.