ހުސައިން ރަޒީން (ރަބަރޭ)

ރަބަރޭ މަރާލާ ފޮޓޯ ފޮނުވީ ބިލާލު، ހަރަދުކުރީ އިބްރާހިމް: ދައުލަތް

ދެހާސްފަނަރަ ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި އަވަށްޓެރި ސްރީލަންކާގައި ހ. ހަންޑްރެޑް ފްލާވާ، ހުސައިން ރަޒީން، 29އ، (ރަބަރޭ) މަރާލި މައްސަލާގެ ޝަރީއަތް މިއަދު ފަށައިފި އެވެ. މިއަދު ފަށާފައިވަނީ ރަބަރޭ މަރަން ހަރަދުކުރި ކަމަށް ބުނާ ރ ކަނދޮޅުދޫ ފީރޯޒުގެ، އިބްރާހިމް އަބްދުއްރަހްމާންގެ ޝަރީއަތެވެ.

އިބްރާހިމްގެ މައްޗަށް މި މައްސަލާގައި ދައުލަތުން ވަނީ ދެ ދައުވާއެއް އުފުލާފަ އެވެ. އެއީ، އެނގިހުރެ މަރެއް ފޮރުވުމުގެ ދައުވާ އާއި ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުން ކޮށްގެން މީހަކު މެރުމުގައި ބައިވެރިވި ކަމުގެ ދައުވާ އެވެ. މި ދެ ދައުވާ ވެސް ދައުލަތުން މިއަދު ވަނީ އިއްވާފަ އެވެ.

ދައުލަތުގެ ވަކީލް އާދަމް މުހައްމަދު ވިދާޅުވީ، 2015 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި އިބްރާހިމް ލަންކާއަށް ގޮސް، ހ. ފީރޯޒް ހިޔާ، ބިލާލު މުހައްމަދު އަހުމަދުއާ ބައްދަލުކޮށް ރަބަރޭ މަރާލުމަށް ރާވައި ފައިސާ ދީފައިވާ ކަމަށެވެ. އަދި ނޮވެމްބަރު މަހުގެ ތެރޭގައި ބިލާލުގެ ވޭނުގެ ތެރޭގައި ރަބަރޭ މަރާލައި، އިބްރާހިމަށް ފޮޓޯ ފޮނުވާފައިވާ ކަމަށެވެ.

އެ ފޮޓޯ ބިލާލު، އިބްރާހިމަށް ފޮނުވުމުން އިތުރަށް ފައިސާ ފޮނުވާފައިވާ ކަމަށް ވެސް ވަކީލް އާދަމް މުހައްމަދު ވިދާޅުވި އެވެ. އޭގެ އިތުރުން ރަބަރޭ މަރާލިކަން އެނގިހުރެ އެކަން އިބްރާހިމް ފޮރުވާފައިވާ ކަމަށެވެ.

ދެ ދައުވާ އިއްވުމުން އިބްރާހިމް ވަނީ ދައުވާތައް ސާފު ކަމަށް ބުނެފަ އެވެ. އަދި ކުރިއަށް ދާން ބޭނުންވަނީ ވަކީލަކާއެކު ކަމަށް ބުނެފަ އެވެ. އެކަމަށް 15 ދުވަސް ބޭނުންވާ ކަމަށް ބުނުމުން މައްސަލަ ބައްލަވާ ގާޒީ އަހުމަދު ޝަކީލް ވަނީ އެ މުއްދަތު ދެއްވާފަ އެވެ.

އިބްރާހިމް މިހާރު ހުރީ ގޭބަންދުގަ އެވެ. މި މައްސަލާގެ ބޮޑު ކަމާއި ބާވަތަށް ބަލާފައި ދައުލަތުން ވަނީ ޝަރީއަތް ނިމެންދެން ހޯމް މިނިސްޓްރީން ކަނޑައަޅައި ތަނެއްގައި އޭނާ ބަންދުގައި ބަހައްޓައި ދިނުމަށް އެދިފަ އެވެ. ނަމަވެސް ގާޒީ ޝަކީލް ވިދާޅުވީ، އޭނާ ޝަރީއަތް ނިމެންދެން ހުންނާނީ ގޭބަންދުގައި ކަމަށާއި ބަންދާމެދު އިތުރު ގޮތެއް ނިންމުމަށް ވާހަކަ ދައްކާނީ އިބްރާހިމްގެ ދިފާއީ ވަކީލާއެކު އަންނަ އަޑުއެހުމުގަ އެވެ. ދެން މި މައްސަލާގެ އަޑުއެހުމެއް އޮންނާނީ މި މަހުގެ 23 ވަނަ ދުވަހުގެ 13:00 ގަ އެވެ.

ބިލާލަކީ މި މައްސަލާގައި ލަންކާ ފުލުހުން ހައްޔަރުކޮށްފައިވާ މީހާ އެވެ. މި މައްސަލާގެ ތަހުގީގުން އެނގުނު މައުލޫމާތުތައް މީގެކުރިން ލަންކާ ފުލުހުން ވެސް ވަނީ އާންމުކޮށްފަ އެވެ. ލަންކާ ފުލުހުން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، ރަބަރޭ މަރާލާފައިވަނީ ބަދަލު ހިފުމުގެ ގޮތުންނެވެ.

އެގޮތުން ރަބަރޭގެ މަރަން ހަރަދުކުރި މީހާގެ ކޮއްކޮއަކު މަރާލުމުގައި ރަބަރޭ ވަނީ ބައިވެރިވެފަ އެވެ. އޭގެ ބަދަލެއްގެ ގޮތުގައި އެ ހަރަދުކުރި މީހާ ބޭނުންވީ ރަބަރޭ މަރާލަން ކަމަށާއި އޭނާއަށް އަމަލީ ގޮތުން އެކަން ނުވުމުން ފައިސާ ދީގެން އެކަން ކުރުމަށް ބިލާލާ ހަވާލުކުރީ ކަމަށް ތަހުގީގަށް ބިލާލު ކިޔައިދީފައިވާ ކަމަށް ލަންކާ ފުލުހުން ބުނެފައިވެ އެވެ.