މޯލްޑިވްސް ކަސްޓަމްސް ސާވިސް

އޮޅުވާލައިގެން އެތެރެކުރި މަސް މަރާ 21 ބަޑި އަތުލައިފި

އޮޅުވާލައިގެން މަސް މަރާ ބަޑިތަކެއް ރާއްޖެއަށް އެތެރެކޮށްފައިވަނިކޮށް އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ބުނީ އެ އިދާރާއިން ހިންގި އޮޕަރޭޝަނެއްގައި މަސްމަރާ 21 ބަޑި އަތުލާފައިވާ ކަމަށާއި ކަނޑު މަގުން ރާއްޖެ އައި ބޯޓަކުން ހެދުންތަކެއްގެ ގޮތުގައި ގެނައި އެ ތަކެއްޗަކީ ދުބާއީގެ ކުންފުންޏެއް މެދުވެރިކޮށް ދިވެހި ކުންފުންޏަކުން އެތެރެ ކުރި ބަޑިތަކެއް ކަމަށެވެ. އަތުލައިގަތީ މުދާ ކްލިއާ ކުރުމުގެ ތެރޭގައިކަމަށެވެ.

ކަސްޓަމްސް އިން މި އޮޕަރޭޝަން ހިންގާފައި ވަނީ އިއްޔެ އެވެ.

ސުޕްރިޓެންޑެންޓް އޮފް ކަސްޓަމްސް އަހްމަދު ފަހީމް މިއަދު ވިދާޅުވީ އެ ތަކެތި މުދާ ރާއްޖެ ގެނެސްފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހު ކަމަށާއި އެތަކެތި ހުރީ އަންނައުނު ކަމަށް ބުނާ 12 ދާގީނާއެއްގެ ތެރޭގައި ކަމަށެވެ.

"މިތަކެތި އަތުލައިގެންފައިވަނީ އަޅުގަނޑުމެންނަށް ލިބުނު އިންޓެލް މައުލޫމާތަކާއި ގުޅިގެން. އެކުންފުންޏަކީ އާންމުކޮށް އިލެކްޓްރޯނިކް ސާމާނު ގެންނަ ކުންފުންޏެއް،" ފަހީމް ވިދާޅުވި އެވެ. ނަމަވެސް އެއީ ކޮން ކުންފުންޏެއް ކަމެއް ވިދާޅެއް ނުވެއެވެ. އަދި މި މައްސަލައާއި ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ވެސް ހައްޔަރުކޮށްފައެއް ނުވެއެވެ.

މަސް މަރާ ބަޑިއަކީ ރާއްޖެ އެތެރެކުުރުން މަނާ އެއްޗަކަށްވާއިރު އެ އެތެރެކުރެވޭނީ ހާއްސަ ހުއްދައެއްގެ ދަށުންނެވެ.

ބަޑިތަކުގެ އިތުރުން އެ ޝިޕްމެންޓްގެ ތެރޭ ކަސްޓަމްސް ޑިކްލަރޭޝަންގައި ނުހިމެނޭ ގަވާއިދާ ހިލާފަށް އެތެރެކޮށްފައިވާ ތިން ބުރުމާވެސް އަތުލި އެވެ. އެ ހުރިހާ ތަކެއްޗެއް މިހާރު ވަނީ ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.