ގއ. ވިލިނގިލި

ކުއްޖަކަށް ޖިންސީ ގޯނާކުރި މީހެއް ދޫކޮށްލުމުން ރުޅިގަދަވެއްޖެ

ގއ. ވިލިނގިލީގައި ކުޑަ ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހެއް ބަންދުން ދޫކޮށްލުމުން އެ ރަށު ރައްޔިތުން ނުރުހުން ފާޅުކޮށް، ކައުންސިލް ކުރިމަތީ އިހުތިޖާޖުކޮށްފި އެވެ.

އެ ރަށު ކޯޓުން ދޫކޮށްލާފައިވާ މީހަކީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ހައްޔަރުކުރި މީހެކެވެ. އޭނާ ދޫކޮށްލާފައިވަނީ ކޯޓުން ފުރަތަމަ ދިން 15 ދުވަހުގެ ބަންދުގެ މުއްދަތު ހަމަވުމުން އަލުން ބަންދު ޖެހުމަށް ހާޒިރުކުރުމަށް އޭނާ ދޫކޮށްލަން ކޯޓަށް ފެނިގެނެވެ. އެމީހަކީ ވިލިނގިލީ މީހަކާ އިނދެގެން އުޅޭ އެހެން ރަށެއްގެ މީހެކެވެ.

އެމީހާ ދޫކޮށްލުން އެ ރަށު ގިނަ އަދަދެއްގެ ޒުވާނުން މިއަދު ވަނީ ކައުންސިލް އިދާރާއަށް ގޮސް، ކައުންސިލަރުންނާއެކު ބައްދަލުވުމެއް ބާއްވާފަ އެވެ. އެ ބައްދަލުވުމުގައި އެ ޒުވާނުން ވަނީ އެކަމާ ނުރުހުން ފާޅުކޮށް، ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަން އެކަން ގެންދަން އެދިފަ އެވެ. ބައްދަލުވުމަށްފަހު ކައުންސިލް އިދާރާގެ ކުރިމަތީ އަޑު ވެސް އުފުލާފައިވެ އެވެ.

މިކަމާ ގުޅިގެން ވިލިނގިލީ ކައުންސިލްގެ ރައީސް ނިޔާޒު ނިޒާރު "އަވަސް" އަށް މިރޭ ވިދާޅުވީ، އެކަމާ ގުޅިގެން ޒުވާނުންގެ ހުރި ކަންބޮޑުވުންތައް ކަމާ ގުޅުން ހުރި މުއައްސަސާތަކާ ހިއްސާކުރާނެ ކަމަށެވެ. ދޫކޮށްލާފައިވާ މީހާއަކީ މީގެ ކުރިން ވެސް އެފަދަ މައްސަލައެއްގައި ހުކުމެއް ތަންފީޒެއް ކޮށްފައިވާ މީހަކަށްވުމުން އެފަދަ މީހަކު އަނެއްކާވެސް މުޖުތަމައުއަށް ދޫވެފައި ހުރުމަކީ ކައުންސިލުން ވެސް ކަންބޮޑުވާ ކަމެއް ކަމަށެވެ.

"މިކަމުގައި ގިނަ އަދަދެއްގެ ޒުވާނުން މިވަނީ ނުރުހުން ފާޅުކޮށްފަ، އެމީހާ މިހާރު ހުރީ ގޭގަ، އޭނާ ގެއިން ނުކުމެއްޖެނަމަ ހަމަނުޖެހުމެއް ހިނގާފާނެ ކަމުގެ ބިރު ވެސް ކައުންސިލަށް އެބަ އޮތް،" ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.