ބާސެލޯނާ

މެސީގެ ޖާދޫ ފަނޑު ވުމެއް ނެތް، ބަދަލު ހިފައި ބާސާ ކްއާޓާއަށް

Jan 12, 2017

ފުރތަމަ ލެގް މެޗްގައި އެތުލެޓިކް ބިލްބޯ އަތުން ބަލިވި މެޗަށް ފަހު އަމިއްލަ ދަނޑުގައި ކުޅުނު ދެ ވަނަ ލެގް މެޗްގައި މެސީ ކާމިޔާބު ކުރި ހިތްގައިމު ހިލޭ ޖެހުމާއެކު 3-1 އިން މޮޅުވެ 4-3 ގެ އެގްރިގޭޓް ނަތީޖާއިން ބިލްބާއޯގެ މައްޗަށް ބަދަލު ހިފައި އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ ސްޕެނިޝް ކަޕްގެ ކްއާޓާ ފައިނަލަށް ދަތުރު ކޮށްފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ކުޅުނު ފުރަތަމަ ލެގް މެޗް ބިލްބާއޯ ކާމިޔާބު ކުރީ 2-1 ގެ ނަތީޖާއިން ނެވެ. އެ މެޗުގައި ބާސާއަށް ނަތީޖާ އެއް ނުނެރެވުމުން، ރޭ ކުޅުނު މެޗަށް ތައްޔާރުވުމަށް މިދިޔަ ހޯމަ ދުވަހުގެ ރޭ ބޭއްވި ފީފާގެ "ދަ ބެސްޓް އެވޯޑް" ހަފުލާ އަށް ނުދިޔަ ބާސާގެ ޓީމަށް ރޭ ގެ މެޗުގައި ލީޑް ނަގައިދިނީ ލުއިސް ސުއަރޭޒް އެވެ.

ސުއަރޭޒް ކާމިޔާބު ކުރި މި ލަނޑަކީ އޭނާ ބާސާ އަށް ޖަހައިދިން 100 ވަނަ ލަނޑެވެ. ސަތޭކަ ލަނޑު އޭނާ ހަމަ ކުރީ 120 މެޗުން ނެވެ. ސުއަރޭޒް 100 ލަނޑު ޖެހުމާއެކު "އެމްއެސްއެން" ގެ ނަމުން މަޝްހޫރު ވެފައިވާ ބާސާގެ އެޓޭކިން ލައިންގެ ތިން ކުޅުންތެރިން ޖެހި ލަނޑުގެ އަދަދު 302 އެރީ އެވެ.

އަނެއް 202 ލަނޑުގެ ތެރެއިން މެސީ ކާމިޔާބު ކާމިޔާބު ކޮށްފައި ވަނީ 125 ލަނޑެވެ. ނޭމާ ކާމިޔާބު ކުރީ 77 ލަނޑެވެ.

ދެ ވަނަ ހާފު ފެށިގެން ތިން ވަނަ މިނެޓްގައި ބާސާ އަށް ދެ ވަނަ ލަނޑު ކާމިޔާބު ކޮށްދިނީ މި ސީޒަންގައި ލަނޑު ޖެހުމުގައި ގިނަ މައްސަލަތަކެއް ކުރިމަތި ވެފައިވާ ބްރެޒިލްގެ ފޯވަޑް ނޭމާ އެވެ. އެ ލަނޑު ޖެހީ އޭނާ އުފައްދަން އުޅުނު ހަމަލާ އެއްގައި ބިލްބާއޯގެ ކުޅުންތެރިން އެޓީމުގެ ޕެނަލްޓީ ޕެނަލްޓީ އޭރިއާގެ ތެރެއިން ކުރި ފައުލެއްގައި ލިބުނު ޕެނަލްޓީ އެއްގަ އެވެ.

ނޭމާ އެ ލަނޑު ކާމިޔާބު ކުރީ މެޗުގެ ވަގުތުން ބަލާނަމަ އޭނާ އެންމެ ފަހުން ލަނޑެއް ކާމިޔާބު ކުރިތާ 1038 މިނެޓް ފަހުން ނެވެ، އޭނާ އެންމެ ފަހުން ކާމިޔާބު ކުރީ އޮކްޓޯބަރު 19 ގައި ޗެމްޕިއަންސް ލީގްގެ ގުރޫޕް ސްޓޭޖްގައި މެންޗެސްޓާ ސިޓީ އާ ދެކޮޅަށް ކުޅުނު މެޗު ގައެވެ.

މެޗުގެ 51 ވަނަ މިނެޓްގައި ބިލްބާއޯގެ އެންރިކް ސަބޮރީޓް ވަނީ ބާސާ ކޮޅަށް ލަނޑެއް ޖަހައި މެޗުގެ އެގްރިގޭޓް ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.

އެ ލަނޑާއެކު ބިލްބާއޯގެ ކުޅުންތެރިންގެ މޫނު މަތިން ހިތްހަމަ ޖެހުން ފެނުނަސް ބާސާ އަށް ކްއާޓާ ފައިނަލް ޔަގީން ކޮށް ދިނީ 78 ވަނަ މިނެޓް ބިލްބާއޯގެ ޕެނަލްޓީ އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުމުން މެސީ ކާމިޔާބު ކުރި ލަނޑުން ނެވެ. އެ ލަނޑު މެސީ ކާމިޔާބު ކުރީ ބޯޅަ އަށް ހުރަސް އަޅަން ބިލްބާއޯގެ ކުޅުންތެރިން އެތުރި ފާރު ފޫ އަޅުވާ ލުމަށް ފަހު އެވެ.

މިއީ މެސީ ޖެހިޖެހިގެން ކާމިޔާބު ކުރި ތިން ވަނަ ހިލޭ ޖެހުމެވެ. ބިލްބާއޯއާ ދެކޮޅަށް ކުޅުނު ފުރަތަމަ ލެގް މެޗުގައިވެސް ބާސާގެ ލަނޑު މެސީ ކާމިޔާބު ކުރީ ހިލޭ ޖެހުމަކުން ނެވެ. އޭގެ ފަހުން ސްޕެނިޝް ލީގްގައި މިދިޔަ އާދިއްތަ ދުވަހުގެ ރޭ ވިޔަރެއާލްއާ ދެކޮޅަށް ކުޅުނު މެޗުގައި ބާސާ އަށް އެއްވަރު ކޮށްދިން ލަނޑުވެސް މެސީ ކާމިޔާބު ކުރީ ހިލޭ ޖެހުމަކުން ނެވެ.