ވިޔަފާރި

ޓުއަރިޒަމުން ލިބުނު އާމްދަނީ 11 ޕަސެންޓް ދަށަށް ހިނގައްޖެ

ރާއްޖެއަށް ޓޫރިސްޓުން އައި އަދަދު މަދުވުމާއެކު ޓޫރިޒަމް ސިނާއަތް މެދުވެރިކޮށް ދައުލަތަށް ލިބުނު އާމްދަނީ މިދިޔަ އަހަރަށް ވުރެ، 11 ޕަސެންޓް ދަށަށް ގޮސްފި އެވެ.

ޓުއަރިޒަމް ދާއިރާއިން ދައުލަތަށް އާމްދަނީ ވަންނަންނީ، ޓޫރިސްޓުންނަށް ދޭ ހިދުމަތާއި އަގުންނަގާ ޓެކްސް، ޓީޖީއެސްޓީންނާއި ރިސޯޓްތައް ކުއްޔަށް ދޫކޮށްފައިވާ މުއްދަތު އިތުރު ކުރަން ދައްކާ ފައިސާ އިންނާއި ޓުއަރިސްޓް ރިސޯޓްތަކުގެ ކުލި އަދި ޓުއަރިޒަމް ޓެކްސް އިންނެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން އެންމެ ބޮޑަށް އަސަރުކޮށްފައި ވަނީ ޓުއަރިޒަމް ޓެކްސުން ލިބުނު އާމްދަނީ އަށެވެ. އެގޮތުން މިދިޔަ އަހަރަށް ވުރެ، 99 ޕަސެންޓްގެ ދަށްވުމެއް ވަނީ އައިސްފަ އެވެ. މިދިޔަ އަހަރު އެ ޓެކްސްއިން 78.3 މިލިއަން ރުފިޔާ އެ މުއްދަތުގައި ލިބުނު އިރު މިއަހަރު އަދި ލިބުނީ 330787ރ. އެވެ. ރިސޯޓްތަކުގެ މުއްދަތު އިތުރު ކޮށްގެން މިއަހަރު އަދި އާމްދަނީއެއް ނުލިބޭ އިރު، ޓީޖީއެސްޓީ އާއި ރިސޯޓްތަކުގެ ކުލީގެ ގޮތުގައި ދެއްކި ފައިސާގެ މިންވަރު ވަނީ މިދިޔަ އަހަރަށް ވުރެ އިތުރުވެފަ އެވެ.

ޓީޖީއެސްޓީގެ ގޮތުގައި 723.1 މިލިއަން ރުފިޔާ ލިބި، 29.5 ޕަސެންޓުގެ ކުރިއެރުމެއް ލިބިފަ އެވެ. މިދިޔަ އަހަރު ލިބުނީ 487.5 މިލިއަން ރުފިޔާ އެވެ. ރިސޯޓްތަކުގެ ކުލީގެ ގޮތުގައި 45.2 މިލިއަން ރުފިޔާ ލިބުނު އިރު، މިދިޔަ އަހަރު ލިބުނީ 28.7 މިލިއަން ރުފިޔާ އެވެ. އެއީ 1.8 ޕަސެންޓްގެ ކުރިއެރުމެކެވެ.

ޔޫކްރެއިން ހަނގުރާމައާ ގުޅިގެން ރަޝިޔާގެ އިގްތިސާދަށް ކުރިމަތިވެފައިވާ މައްސަލަތަކާ އަދި ޗައިނާގެ ޓޫރިސްޓުން އައުން މަދުވުމުގެ ސަބަބުން، ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު މިދިޔަ އަހަރަށް ވުރެ 7.3 ޕަސެންޓް ދަށްވެފައިވެ އެވެ. މިނިސްޓްރީ އިން ބުނަނީ ޓޫރިސްޓުން އައިވަރު، ދަށަށް ދިޔައީ މުޅި ދުނިޔެއަށް ވެސް ކުރިމަތިވި މައްސަލައެއް ކަމަށާއި މުޅި ދުނިޔޭގެ ޓޫރިޒަމަށް ވެސް މިފަހަރު މަޑުޖެހުމެއް އަންނާނެ ކަމަށެވެ.