ހަބަރު

ފުލުހާއި ކްރިމިނަލް ކޯޓާއި ޕީޖީ އަދި ރާއްޖެޓީވީ ބްރޯޑްކޮމް އިން ސުވާލުކޮށްފި

Mar 16, 2015
1

ކްރިމިނަލް ކޯޓުން ބަލާ ބައެއް މައްސަލަތަކުގެ އަޑު އެހުންތަކަށް ރާއްޖެ ޓީވީގެ ނޫސްވެރިން ނުވައްދަން ނިންމި މައްސަލަ އާއި އެ ޗެނަލުން ފޮނުވި ހަބަރެއްގެ މައްސަލާގައި ފުލުހުންނާއި ޕްރޮސެކިޓާ ޖެނެރަލް އޮފީހާ ރާއްޖެޓީވީގެ އޮފިޝަލުންނާއި ކްރިމިނަލް ކޯޓުގެ އޮފިޝަލުން ބްރޯޑްކާސްޓިން ކޮމިޝަން (ބްރޮޑްކޮމް) އިން ސުވާލުކޮށްފި އެވެ.

އެ ކޮމިޝަންގެ އިސް އޮފިޝަލަކު "އަވަސް" އަށް މިއަދު ވިދާޅުވީ ރާއްޖެޓީވީ ހާޒިރު ކޮށްފައި ވަނީ އިއްޔެ ކަމަށެވެ. އަދި ކްރިމިނަލް ކޯޓުގެ އޮފިޝަލުން އިއްޔެ އާއި މިއަދު ހާޒިރު ކޮށްފައިވާއިރު ފުލުހުންނާއި ޕީޖީ އޮފީހުން ހާޒިރުވެ ވަޑައިގަތީ ޕީޖީ މުހުތާޒު މުހުސިނެވެ. އެމަނިކުފާނު ވަޑައިގެންނެވީ އަމިއްލަ ފުޅަށެވެ. ބްރޯޑްކޮމް އިން އެދުނީ އޮފިޝަލަކު ފޮނުވައި ދިނުމަށެވެ.

ހުރިހާ ބައްދަލުވުމެއް ވެސް ބޭއްވީ ވަކިވަކިން ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިވަނީ އިއްޔެ އާއި މިއަދު އެ ހަތަރު [ޕީޖީ، ފުލުހުން، ރާއްޖެޓީވީ، ކްރިމިނަލް ކޯޓު] ފަރާތާއެކު ޖުމްލަ ފަސް ބައްދަލުވުމެއް ބާއްވާފަ،" އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކްރިމިނަލް ކޯޓުގެ އޮފިޝަލުން ދެ ފަހަރަށް ހާޒިރު ކުރީ އެ ކޯޓާ ގުޅުންހުރި ދެ މައްސަލައަކާ ގުޅިގެން ކަމަށެވެ. އެއީ ކްރިމިނަލް ކޯޓުގެ އަޑުއެހުންތަކަށް ރާއްޖެ ޓީވީގެ ނޫސްވެރިން ނުވައްދަން ނިންމި މައްސަލައާއި ކްރިމިނަލް ކޯޓުގެ ފަނޑިޔާރަކު ޕްރޮސެކިޓާ ޖެނެރަލާއި ބައްދަލުކުރި ކަމަށް ބުނާ ހަބަރެއް ރާއްޖެޓީވީން ފޮނުވާފައިވާތީ ކަމަށެވެ.

މި މައްސަލަ ބެލުމަށް ފަހު ރިޕޯޓް އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް އޮފިޝަލް ވިދާޅުވި އެވެ. ނަމަވެސް ރިޕޯޓު އެކުލަވާލައި ނިމޭނެ ވަކި ތާރީހެއް ވިދާޅެއް ނުވެއެވެ.

މި މައްސަލައާ ގުޅޭ ގޮތުން ފުލުހުން މީގެ ކުރިން ބުނެފައި ވަނީ ރާއްޖެ ޓީވީގެ ހަތަރު މުވައްޒަފަކު ހައްޔަރު ކުރީ ހުއްދަނެތި ވިޑިއޯ ކުރުމުން ކަމަށެވެ. ރާއްޖެޓީވީން ތުހުމަތު ކުރާ ގޮތުގައި އެ ވީޑިއޯ ވަނީ ގޭންގަކަށް ނިސްބަތްވާ ބަޔަކު ފުހެލާފަ އެވެ. އަދި އެ ވީޑިއޯ ފުހެލިކަން ފުލުހުން ކަށަވަރުކުރި ކަމަށް ވެސް ރާއްޖެޓީވީން ބުންޏެވެ.

ޕީޖީ މުހުތަޒް މުހުސިނާއި ކްރިމިނަލް ކޯޓުގެ ފަނޑިޔާރަކު މާލޭގެ ކެފޭއެއްގައި ބައްދަލު ކުރި ކަމަށް ރާއްޖެޓީވީން މިމަހުގެ އަށް ވަނަ ދުވަހު ހަބަރު ފަތުރާފައިވާއިރު އެކަން ސާބިތު ކޮށްދީފިނަމަ މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް ޕީޖީ ވަނީ ވިދާޅުވެފަ އެވެ.