ސިއްހަތު

ޕާމް އޮއިލްއިންގެ ދިރާސާއާ ދެކޮޅަށް ނަޓެއްލާ އުފައްދާ ކުންފި ތެދުވެއްޖެ

Jan 13, 2017
1

ކާބޯތަކެތީގެ ގިނަ ބާވަތްތަކެއް އުފައްދަން ބޭނުންކުރާ ތެލެއްކަމަށްވާ ޕާމް އޮއިލް އަކީ ކެންސަރަށް މަގުފަހިވާ ބާވަތެއް ކަމަށް ދިރާސާ ރިޕޯޓެއްގައި ބުނުމުން އެކަމާ ދެކޮޅަށް ޔޫރަޕްގެ ޕާމް އޮއިލް އިންޑަސްޓްރީން ދަނީ އަޑު އުފުލަމުންނެވެ.

ޔޫރަޕްގެ 44 ބިލިޔަން ޑޮލަރުގެ އަގުހުރި ޕާމް އޮއިލް އިންޑަސްޓްރީގެ އިތުރުން ވަރަށް މަޝްހޫރު ކުންފުންޏަކުން ވަނީ ދިރާސާއާ ދެކޮޅު ހަދާފަ އެވެ. އެއީ މުޅިދުނިޔޭގައި ވެސް މަގުބޫލުކަން ހޯދާފައިވާ ބާވަތެއް ކަމަށްވާ ނަޓެއްލާ ސްޕްރެޑް އުފައްދާ ފެރޭރޯ އެވެ.

ޕާމް އޮއިލްއަކީ ކެންސަރަށް މަގުފަހިވާ ބާވަތެއް ކަމަށް ދިރާސާ ރިޕޯޓެއްގައި ބުނެފައި ވާތީ އިޓަލީގެ ކާބޯތަކެތީގެ އިންޑަސްޓްރީގައި ހަރަކާތްތެރިވާ ގިނަ ކުންފުނިތަކަކުން ވަނީ ޕާމްއޮއިލް ބޮއިކޮޓް ކޮށްފަ އެވެ. ނަޓެއްލާ ބްރޭންޑްގެ ތަކެތީގެ ރައްކާތެރިކަމާއި މެދު ކަސްޓަމަރުންނަށް ޔަގީންކަން ދިނުމުގެ ގޮތުން އެކުންފުނިން ވަނީ އިޝްތިހާރުކުރުމުގެ ވަރުގަދަ ކެމްޕޭނެއް ފަށާފައެވެ.

ފެރޭރޯ ކުންފުނިން ބުނެފައި ވަނީ ނަޓެއްލާ ބްރޭންޑްގެ އެންމެ މަގުބޫލު އެއް އުފެއްދުން ކަމަށްވާ ހެޒުލްނަޓް އެންޑް ޗޮކްލެޓް ސްޕްރެޑްގައި ހުންނަ އޮމާން ކަމަކީ ޕާމް އޮއިލް ބޭނުން ކުރާތީ ހުންނަ އޮމާންކަމެއް ކަމަށާއި ސަންފްލާވާ ތެލާއި ޒުވާރިތެޔޮ ފަދަ ބާވަތްތައް ބޭނުންކޮށްފި ނަމަ އެކަން ބަދަލުވާނެ ކަމަށެވެ.

"ޕާމްއޮއިލް ނާޅާ ނަޓެއްލާ އުފައްދައިފި ނަމަ އުފެއްދޭނީ އެއަށް ވުރެ ފެންވަރުދަށް އުފެއްދުމެއް" ފެރޭރޯގެ ޕާޗޭޒިން މެނޭޖަރު ވިސެންޒޯ ޓަޕެއްލާ ބުނި ކަމަށް އިނގިރޭސިވިލާތުގެ ޓެލެގްރާފް ނޫހުން ބުންޏެވެ.

ޕާމް އޮއިލް ބޭނުން ނުކުރުމަށް ބާރުއަޅާ ކެމްޕޭނެއް ޔޫރަޕްގައި ފެށުނީ ޕާމް އޮއިލް ރިފައިން ކުރުމަށްޓަކައި 200 ޑިގްރީ ސެލްސިއަސްއަށް ހޫނު ކުރުމުން ކެންސަރަށް މަގުފަހިވާ ފަދަ މާއްދާއެއް އުފެދޭ ކަމަށް ޔޫރަޕިއަން ފުޑް ސޭފްޓީ އޮތޯރިޓީ (އީއެފްއެސްއޭ) އިން މިދިޔަ އަހަރު މޭމަހު ބުނުމުންނެވެ. ނަމަވެސް ޕާމްއޮއިލް ބޭނުން ނުކުރާކަށް އެ އޮތޯރިޓީއަކުން ނުބުނެއެވެ. ބުނެފައި ވަނީ އެކަމުގެ ނުރައްކާ އޮތް މިންވަރު ބެލުމަށް އިތުރަށް ދިރާސާ ކުރަން ޖެހޭ ކަމަށެވެ.