ބޮލީވުޑް

ރަންބީރާއެކު "ޖައްގާ ޖާސޫސް" ޕްރޮމޯޓް ކުރަން ކެޓްރީނާ ބޭނުމެއްނުވޭ

Jan 14, 2017

ވޭތުވެދިޔަ ދެ އަހަރު ދުވަހުން ފެށިގެން އުފައްދަމުން އައި ފިލްމު "ޖައްގާ ޖާސޫސް" ގެ ޝޫޓިން ނިމި މި އަހަރުގެ އެޕްރީލް މަހުގެ ހަތްވަނަ ދުވަހު ރިލީޒްކުރާ ގޮތަށް ވަނީ ހަމަޖައްސާފަ އެވެ.

ފިލްމުގެ ލީޑް ރޯލުން ފެނިގެންދާ ދެތަރިން ކަމަށްވާ ރަންބީރު ކަޕޫރާއި ކެޓްރީނާ ކައިފް ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ރުޅިވުމުން މި ފިލްމުގެ ޝޫޓިން ނުނިމި ވަނީ ވަރަށް ބޮޑަށް ލަސްވެގެން ގޮސްފަ އެވެ.

ރަންބީރު އާއި ކެޓްރީނާ ރުޅިވިފަހުން ދެމީހުންގެ ދެމެދުގައި އޮތް ޒާތީ މައްސަލައިގެ ސަބަބުން ޝޫޓިން ލަސްވި ނަމަވެސް، ފިލްމުގެ ނުނިމި ހުރި މަންޒަރުތައް ނަގަން ކެޓްރީނާ އެއްބަސްކުރުވުންވީ ފިލްމު އުފައްދާ ފަރާތަށް ކުރިމަތިލާން ޖެހުނު ބޮޑު އުނދަގުލަކަށެވެ. ކެޓްރީނާގެ ސަބަބުން ފިލްމުގެ ޝޫޓިން ލަސްވެފައިވާއިރު، ފިލްމުގެ ޝޫޓިން ނުނިމި، ރިލީޒްކުރާ ދުވަސްވެސް ވަނީ ލަސްކޮށްފަ އެވެ.

ކޮންމެ އަކަސް ކެޓްރީނާ އާއި ރަންބީރުގެ ދެމެދުގައި ހުރި ޒާތީ މައްސަލަތައް އެއްފަރާތްކުުރުމަށްފަހު ދެތަރިން ފިލްމުގެ ޝޫޓިން ނިންމާފައިވާއިރު، ކުރިއަށް އޮތީ ފިލްމު ޕްރޮމޯޓްކުރުމުގެ މައްސަކަތެވެ.

ފިލްމު ޕްރޮމޯޓްކުރުމަށް ބޭއްވޭ އިވެންޓްތަކުގައި އެދެތަރިންގެ ޒާތީ ދިރިއުޅުމާ ބެހޭގޮތުން ސުވާލުތަކާ ކުރިމަތިލާން ޖެހޭނެކަން އިނގޭތީ ކެޓްރީނާ މިހާރުން ފެށިގެން ވަނީ ފިލްމު ރަންބީރާ އެކު ޕްރޮމޯޓްނުކުރަން ނިންމާފަ އެވެ.

ބޮލީވުޑްގެ ހަބަރުތައް ބުނާގޮތުން ކެޓްރީނާ ވަނީ ކުރީގެ ލޯބިވެރިޔާ ރަންބީރާ އެކު އިތުރު އެއްވެސް މަސައްކަތެއް ކުރަން އެއްވެސް ޝައުގުވެރިކަމެއް ނެތުމުން "ޖައްގާ ޖާސޫސް" އޭނާ އާއެކު ޕްރޮމޯޓްނުކުރާނެކަން ފިލްމުގެ ޑައިރެކްޓަރާއި ޕްރޮޑިއުސަރުންނަށް އަންގާފަ އެވެ.

ކެޓްރީނާ މިފިލްމު ރަންބީރާ އެކު ޕްރޮމޯޓްކުރަން ދެކޮޅު ހެދި ނަމަވެސް ރަންބީރުގެ އެއްވެސް މައްސަލައެއް ނެތް ކަމަށްވެ އެވެ.

މިދެތަރިން ރުޅިވުމުގެ ސަބަބުން ފިލްމަށް އޭގެ ނޭދެވޭ އަސަރުކޮށްފައިވާއިރު، އަލުން މިދެތަރިންގެ ދެމެދުގައި އޮތް ޒާތީ މައްސަލަތަކުގެ ސަބަބުން ފިލްމުގެ ވިޔަފާރިއަށް ނޭދެވޭ އަސަރެއްކުރާކަށް ފިލްމު އުފެއްދި ފަރާތުން ނޭދެ އެވެ.

އެގޮތުން ފިލްމުގެ ޕްރޮޑިއުސަރުން ވަނީ ރަންބީރު އާއި ކެޓްރީނާ ކުރެން އެދެތަރިންގެ ޒާތީ މައްސަލަ އެއްފާރާތުގައި ބޭއްވުމަށްފަހު ފިލްމު ޖޯޝާއެކު ޕްރޮމޯޓްކުރަން އެދިފަ އެވެ.

ރަންބީރާ އެކު ފިލްމު ޕްރޮމޯޓްކުރަން ހަފްލާތަކުގައި ބައިވެރިވާން ކެޓްރީނާ ދެކޮޅު ހެދި ނަމަވެސް ރަންބީރު މީގެކުރިން ވަނީ އޭނާގެ ކުރީގެ ލޯބިވެރިޔާ ދިޕިކާ ޕަދުކޯން އާއި ރުޅިވިފަހުން އެދެތަރިން އެކުގައި ކުޅުނު ދެ ފިލްމެއް ޕްރޮމޯޓްކުރަން ހަރަކާތްތެރިވެފަ އެވެ.

ރަންބީރާ އެކު ފިލްމު ޕްރޮމޯޓްކުރަން ކެޓްރީނާ ދެކޮޅު ހަދަމުން އަންނައިރު، މިދިޔަ އަހަރު ނިކުތް އޭނާގެ ދެ ފިލްމު ކަމަށްވާ "ފިތޫރް" އާއި "ބާރް ބާރް ދޭކޯ" ވަނީ ފްލޮޕްވެފަ އެވެ. "ޖައްގާ ޖާސޫސް" ކާމިޔާބުވުން ކެޓްރީނާގެ ކެރިއަރަށް ވަރަށް މުހިންމު އިރު، އޭނާ މި ފިލްމު ޕްރޮމޯޓްނުކުރާ ނަމަ އެކަމުގެ ނޭދެވޭ އަސަރު މި ފިލްމަށް ކުރާނެ އެވެ.