ބޮލީވުޑް

"ޓްރިޕަލް އެކްސް 4" ގައި ވެސް ވިން ޑީސަލްއާއެކު ދިޕިކާ؟

Jan 15, 2017

ބޮލީވުޑްގެ މަޝްހޫރު ބަތަލާ ދިޕިކާ ޕަދުކޯންގެ ފުރަތަމަ ހޮލީވުޑް ފިލްމު "ޓްރިޕަލް އެކްސް: ދަ ރިޓާން އޮފް ޒެންޑާ ކޭޖް" އިއްޔެ ވަނީ އިންޑިއާގެ ޕްރިމިއާ ކޮށްފަ އެވެ.

މި ފިލްމު އިންޑިއާގައި ޕްރިމިއާ ކުރާތީ ފިލްމުގެ ލީޑްތަރި ވިން ޑީސަލް އާއި ޑައިރެކްޓަރު ޑީޖޭ ކަރޫސޯ ވެސް ޕްރޮމޯޝަނަލް އިވެޓްތަކުގައި ބައިވެރިވުމަށް އެ ގައުމަށް އައިސްފަ އެވެ.

އިންޑިއާގެ މުމްބައިގައި މި ފިލްމު ޕްރިމިއާކުރުމަށް ބޭއްވި ހަފްލާގައި ބޮލީވުޑްގެ ނަން މަޝްހޫރު ގިނަ ތަރިންނެއް ވެސް ބައިވެރިވެފައިވާއިރު، އެ އިވެންޓުގައި ވިން ޑީސަލް އާއި ދިޕިކާ ވަނީ އެކަކު އަނެކަކަށް އިންތިހާ އަށް ތައުރީފުކޮށްފަ އެވެ.

މި އިވެންޓުގައި ނޫސްވެރިޔަކު ވިން ޑީސަލް ކުރެން ދިޕިކާ އާއެކު މަސައްކަތްކުރި އިރު އެންމެ ހާއްސަ ކަމަކަށް ފާހަގަވީ ކޮން ކަމެއްތޯ އެހުމުން ޖަވާބުގައި ބަދަލުގައި ވިން ޑީސަލް ވަނީ ނޫސްވެރިން ކުރެން "ދިޕިކާ އާއެކު މަސައްކަތްކުރުމުގައި އެންމެ ހާއްސަ ކަމަކީ އަދި އޭނާ އާއެކު އިތުރު ފިލްމެއް ކުޅެފާނެތޯ" އަހާފަ އެވެ.

އިތުރަށް ވިން ޑީސަލް ވަނީ ފިލްމުގެ ޑައިރެކްޓަރު ކަރޫސޯ ކުރެން އަލުން އެމީހުން އެކުގައި ފިލްމެއް ކުޅޭނީ ކޮން އިރަކުންތޯ އަހާފަ އެވެ. ވިން ޑީސަލްގެ ސުވާލަށް ޖަވާބު ދެމުން ކަރޫސޯ ވަނީ އަންނަ އަހަރުގެ ކުރީކޮޅަށް އޭނާ އިތުރު ފިލްމެއް ތައްޔާރުކުރަން ޖެހޭ ކަމަށް އޭނާ އަށް އަޑުއިވިފައިވާ ކަމަށް ބުނެފަ އެވެ.

ކަރޫސޯގެ ޖަވާބާއެކު އުފަލުން ހުރި ވިން ޑީސަލް ވަނީ އޭނާ އަށް ހީވާ ގޮތުގައި ކަރޫސޯ އެބުނި އެއްޗަކުން ކޮންމެވެސް އެއްޗެއް ދޭހަވާނެ ކަމަށާއި މި އަހަރުގެ މެއި ހިސާބުގައި މި ސިލްސިލާގެ ހަތަރު ވަނަ ފިލްމުގެ ޝޫޓިން އެމީހުން ފަށާނެ ކަމަށް ބުނެފަ އެވެ.

އިތުރަށް ކަރޫސޯ ވަނީ "ޓްރިޕަލް އެކްސް 4" ގެ ޓައިޓަލް އަކީ "ސެރީނާސް ރިވެންޖް" ކަމަށް ބުނެފަ އެވެ.

ދިޕިކާ "ޓްރިޕަލް އެކްސް" ގައި ކުޅެފައިވާ ރޯލުގެ ނަމަކީ ސެރީނާ އަންގާ އެވެ. އެހެންކަމުން ކަރޫސޯ ބުނި ގޮތަށް ހަތަރު ވަނަ ބައިގެ ޓައިޓަލް ގައިވާ ގޮތުން އެ ފިލްމުގައި ވިން ޑީސަލް އާއެކު ދިޕިކާ ވެސް ފެނިގެންދާނެ އެވެ.

"ޓްރިޕަލް އެކްސް" ކުޅެން ވަގުތު ދޭން ޖެހުމުން މިދިޔަ އަހަރު ބޮލީވުޑް އެއްވެސް ފިލްމެއް ކުޅެފައިނުވާއިރު، އެ ފިލްމުގެ ފަހުން ދިޕިކާ މިހާރު އަންނަނީ ސަންޖޭ ލީލާ ބަންސާލީގެ "ޕަދްމާވަތީ" ގެ މަންޒަރުތައް ނަގަމުންނެވެ. އެ ފިލްމުގެ އިތުރުން މިއަހަރު ކުޅޭނެ އިތުރު ބޮލީވުޑްގެ ފިލްމެއް އަދި ދިޕިކާ ނިންމާފައެއްނުވެ އެވެ.

އެހެންކަމުން އޭނާ "ޓްރިޕަލް އެކްސް 4" ގައި ވިން ޑީސަލް އާއެކު ފެނިގެން ދިއުމަކީ ވަރަށް ގާތްކަމެކެވެ.