އަހުމަދު ނިހާން ހުސައިން މަނިކު

އިދިކޮޅު ޕާޓީތަކުގެ ވޯޓް ވެސް ރައީސް ޔާމީނަށް ދަނީ ޔަގީންވަމުން: ނިހާން

  • އިންތިހާބު ގެންދާނީ އިދިކޮޅު ކިހިލީ ޖަހާލައިގެން
  • މެޑަމް ފަދަ އަނބިކަނބަލަކު ހޯއްދެވުމަކީ ރިޔާސީ ކެންޑިޑޭޓަކަށް ޝަރުތެއް
  • ހުރިހާ ބޭފުޅުން ތިން އަހަރުގެ އިންގިލާބީ ތަރައްގީ ފާހަގަ ކުރި

އަންނަ ރިޔާސީ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ދެވަނަ ދައުރަކަށް ހޮވައިދޭން އަދާލަތާއި ޖޭޕީ އާއި އެމްޑީޕީގެ ގިނަ މެންބަރުން ވެސް މަސައްކަތް ކޮށްދޭނެ ކަމުގެ ޔަގީންކަން މިހާރު ދޭން ފަށާއިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރުކަން ވެސް ކުރައްވާ އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެ އެވެ.

ރައީސް އަބްދުﷲ ޔާމީންގެ 2018 ވަނަ އަހަރުގެ ރިޔާސީ ކެމްޕޭން ހަރަކާތްތައް ފަށައި ގަތުމަށް މެޑަމްގެ އިސް ނެންގެވުމަށް "ފެށުން" ނަމުގައި މިރޭ ހުޅުމާލޭގައި ތަފާތު ހަރަކާތްތަކާއެކު ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވިލާމާލޭ ދާއިރާގެ މެންބަރު ވިދާޅުވީ އަންނަ ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް އެއްބުރުން ކާމިޔާބު ކުރެވޭނެ ކަމަށެވެ. އަދި އެމްޑީޕީ އާއި އަދާލަތު ޕާޓީ އަދި ޖުމްހޫރީ ޕާޓީގެ މެންބަރުން ވެސް ރައީސް ޔާމީނަށް ވޯޓު ދެއްވާނެ ކަމުގެ ޔަގީންކަން ދެމުން އަންނަ ކަމަށެވެ. އޭނާ އަދި ވިދާޅުވީ 2018 ރައީސް ޔާމީން ކާމިޔާބު ކުރައްވާނީ ރޭހުގައި ދެން ތިއްބަވާނެ ކެނޑިޑޭޓުން "ކިހިލީ ޖަހައިގެން ފަސޭހަ ކަމާއެކު" ގައި ކަމަށެވެ.

ނިހާނުގެ ވާހަކައިގައި އޭނާ ވަނީ ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން، ފަސްޓް ލޭޑީ، މެޑަމް ފާތުމަތު އިބްރާހިމަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވާފަ އެވެ. ވިދާޅުވީ އެކަމަނާ އަކީ ހުރިހާ ގޮތަކުން ނަމޫނާ ފަސްޓް ލޭޑީއެއް ކަމަށާއި ރާއްޖޭގައި ދެން ރައީސް ކަމަށް ކުރިމަތިލައްވާ ކޮންމެ ބޭފުޅަކު ވެސް އެފަދަ އަނބިކަނބަލަކު ހޯއްދެވުމަކީ ރައީސް ކަމަށް ވަޑައިގަތުމަށް އޮތް ޝަރުތެއް ކަމަށް ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވެ، މެޑަމް ފާތުމަތު އިބްރާހިމް އަށް ތައުރީފު ކުރައްވައިފި އެވެ.

ޕީޕީއެމްގެ ޕީޖީ ލީޑަރު ނިހާން ވިދާޅުވީ، މެޑަމްގެ ހަރަކާތްތެރިކަން ފެނިގެން ދަނީ މިހާރު އެކަނި ނޫން ކަމަށާއި އެކަމަނާގެ ހަރަކާތްތެރިކަން ރައީސް ޔާމީނު 2013 ވަނަ އަހަރުގެ ރިޔާސީ ކެމްޕެއިން ފެއްޓި ހިސާބުން ފެށި ފެނި ސާބިތުވެގެން ގޮސްފައިވާ ކަމަށެވެ.

"އަޅުގަނޑަށް ފެނިގެން ދިޔަ 2013 ވަނަ އަހަރު ރައީސް ޔާމީންގެ ފަހަތްޕުޅުގައި އެމަނިކުފާނަށް ކާމިޔާބު ހޯދަވައިދެއްވުމަށް މެޑަމް ނިކުންނަވާ މަސައްކަތް ކުރެއްވި ތަން،" ނިހާން ވިދާޅުވި އެވެ.

ނިހާން ވިދާޅުވީ، "ފެށުން" ޖަލްސާއަށް ވެސް އެތައް ގިނަ ބަޔަކު ހާޒިރުވެފައިވަނީ އެކަމާނާގެ މަސައްކަތްޕުޅުންކަމަށެވެ. އެއީ މިހާރު ސިޔާސީ ޕާޓީއަކަށް ވެސް ޖަމާނު ކުރެވޭހާ ގިނަ މީހުން ކަމަށެވެ.

"2023 ގެ ފަހުން ރައީސް ކަމަށް ވަޑައިގަންނަވަން ބޭނުންފުޅުވާ ފަރާތަކަށް ޝަރުތެއް އަޅުގަނޑު ދަންނަވާލަން ބޭނުންވޭ، 2023 ގައި [ރައީސް ކަމަށް] ކުރިމަތިލައްވާ [ފިރިހެން] ބޭފުޅެއް ކަމަށްވާނަމަ މެޑަމް ފާތުން ފަދަ އަނބިކަނބަލަކު ގެންގުޅުވަން ހަނދުމަ ކުރައްވާށޭ، އެއީ ޝަރުތެކޭ،" ނިހާން ވިދާޅުވި އެވެ.

ނިހާންގެ އިތުރުން "ފެށުން" ޖަލްސާގައި ވާހަކަ ދެއްކެވި ހުރިހާ ބޭފުޅުން ވެސްވަނީ ރައީސް އަބްދުﷲ ޔާމީނަށް އަންނަ ރިޔާސީ އިންތިހާބު ކާމިޔާބު ކޮށްދެއްވުމަށާއި އިޖުތިމާއީ ގޮތުން އެކަމަނާ ކުރައްވާ މަސައްކަތް ފާހަގަ ކޮށް އެކަމަނާ އަށް ވަރަށް ބޮޑަށް ތައުރީކޮށްފަ އެވެ.