ބޮލީވުޑް

އިންޑިއާއިން ބޭރުކޮށްލިޔަސް މާހިރާ "ރައީސް" ޕްރޮމޯޓްކުރަނީ

Jan 15, 2017

މިމަހުގެ 25 ވަނަ ދުވަހު ރިލީޒް ކުރާ ސުޕަސްޓާ ޝާހްރުކް ޚާންގެ "ރައީސް" ގައި ބަތަލާގެ ރޯލުން ފެނިގެންދާނީ ޕާކިސްތާނުގެ ތަރި މާހިރާ ޚާން އެވެ.

އިންޑިއާ އާއި ޕާކިސްތާނާ ދެމެދު އުފެދުނު ސިޔާސީ ނުތަނަވަސް ކަމުގައި ބަދަލު ކުރެވުނު ހަމަލާތަކަށްފަހު އިންޑިއާގައި ޕާކިސްތާނުގެ އެކްޓަރުންނަށް ހަރަކާތްތެރި ނުވެވޭނެ ކަމަށް އެގައުމުގެ ސިޔާސީ ޕާޓީ މަހަރާޝްތްރަ ނަވްނިރްމަން ސެނާއިން (އެމްއެންއެސް) ވަނީ ޕާކިސްތާނުގެ އެކްޓަރުން އެގައުމުން ބޭރުކޮށް، ދެން އިތުރު އެއްވެސް ފިލްމެއްގައި މަސައްކަތް ނުކުރެވޭނެ ކަމަށް ނިންމާފަ އެވެ.

ބޮލީވުޑްގައި ޕާކިސްތާނުގެ ތަރިންނަށް ނޫޅެވޭނެ ކަމަށް ނިންމާފައިވާއިރު، މި މަހު އެންމެ ބޮޑު ފިލްމުގެ ގޮތުގައި ރިލީޒްކުރާ "ރައީސް" ޕްރޮމޯޓް ކުރުމަށް އިންޑިއާގައި ބާއްވާ އެއްވެސް ހަފްލާއެއްގައި މާހިރާ އަށް އެގައުމަށް އައިސް ބައިވެރިވުމުގެ ހުއްދަ ނެތުމުން ކުރިން ބެލެވިފައި އޮތީ މި ފިލްމު ޕްރޮމޯޓްކުރުމުގެ ހުރިހާ ހަރަކާތެއްގައި ބައިވެރިވާނީ ޝާހްރުކް ކަމަށެވެ. ނަމަވެސް ބަތަލާ މާހިރާ އެވަނީ ބޯޑަރުގެ އަނެއް ފަރާތުގައި ހުރެގެން ވިޔަސް ޝާހްރުކާއެކު ފިލްމު ޕްރޮމޯޓް ކުރުމުގައި އެންމެ ތަންފުކެއް ވެސް އޭނާ ދޫ ނުދޭނެކަން ހާމަކޮށްފަ އެވެ.
އެގޮތުން މާހިރާ ޝާހްރުކާއި ފިލްމުގެ މުހިންމު ރޯލަކުން ފެނިގެންދާ ނަވާޒުއްދީން ސިއްދީގާއެކު ވީޑިއޯ މެދުވެރިކޮށް މި ފިލްމުގެ ޕްރޮމޯޝަނަލް އިވެންޓްތަކުގައި ބައިވެރިވާނެ އެވެ.

މީގެ އިތުރުން ވެސް ސޯޝަލް މީޑިއާގައި މި ފިލްމު ޕްރޮމޯޓްކުރުމަށް މާހިރާ ހާރަކާތްތެރިވާނެ ކަމަށްވާއިރު ސްކައިޕް މެދުވެރިކޮށް އިންޓަވިއުތައް ވެސް ފިލްމާ ބެހޭގޮތުން އޭނާ ދޭނެ އެވެ. މިފަހަކަށް އައިސް މާހިރާ އަންނަނީ ޓްވިޓާ މެދުވެރިކޮށް އޭނާގެ ފޭނުންނާ ގާތްގުޅުމެއް ބާއްވަމުންނެވެ. އަދި ފަހަކަށް އައިސް ސޯޝަލް މީޑިއާގައި އޭނާގެ ހަރަކާތްތެރިކަން ވެސް ވަނީ ބޮޑުވެފަ އެވެ.

އިންޑިއާއިން ބޭރުކޮށްލާފައިވީ ނަމަވެސް މާހިރާ ހުރީ "ރައީސް" ޕްރޮމޯޓް ކުރަން އޭނާ އަށް ޕާކިސްތާނުގައި ހުރެގެން ކުރެވުނު ކޮންމެ ކަމެއް ކުރަން ތައްޔާރަށެވެ.

"ރައީސް" އަކީ މާހިރާ ބޮލީވުޑަށް ތައާރަފުވާ ފިލްމެވެ. ޕާކިސްތާނުގެ ތަރިން ބޮލީވުޑްގައި މަނާ ކޮށްފައިވާއިރު އޭނާގެ ބޮލީވުޑްގެ ކެރިއަރު ކުރިއަތް އޮތީ ކިހިނެއްކަން އދި ބުނާކަށް ނޭނގެ އެވެ.

މި ފިލްމަކީ ރަލުގެ ވިޔަފާރި ކުރުން މަނާ އިންޑިއާގެ ގުޖްރާތުގައި ބަނގުރަލުގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ މީހަކާއި އޭނާގެ ބަނގުރަލުގެ ވިޔަފާރި އެކީ ނައްތާލުމަށް ދާ ފުލުސް މީހަކާ ދެމެދުގައި ހިނގާ ކުރިމަތިލުންތަކެއް ފެނިގެންދާ ފިލްމެކެވެ. މާހިރާ މި ފިލްމުގައި ފެނިގެންދަނީ ޝާހްރުކްގެ އަންހެނުންގެ ރޯލުންނެވެ.

"ރައީސް" ރިލީޒް ކުރަން ކުޑަ ދުވަސްކޮޅަކަށް ވެފައިވާއިރު އިންޑިއާގެ ސިޔާސީ ޕާޓީ ޝިވް ސޭނާގެ ޗައްޓިސްގާގެ ޔުނިޓުން ބައެއް ޑިސްޓްރިބިއުޓަރުންނަށް އަންނަނީ މި ފިލްމު ރިލީޒް ނުކުރަން އިންޒާރުދެމުންނެވެ.