ފިނިޕޭޖް

މި ފިލްމު ބަލައިގެން މީހުން ހޮޑުލައި، އަނބުރައިގަނެގެން ވެއްޓެނީ!

Jan 15, 2017

ޓްރެއިލާގައި އަދި ފިލްމުގައި ދައްކުވައި ދެނީ އިންސާނުންނާއި ޖަނަވާރުންގެ ގުނަންތައް ކޮށައި ކުދިކުދިކޮށް ގަދަކަމުން މީހުންނަށް ކާންދޭ މަންޒަރުތަކެވެ. އަދި އިންސާނުންގެ މަސް ކެއުމަށް ދެވިހިފައިވާ މީހުން މީހުންގެ ގައިގައި ދަތްއަޅައި ލޭ އޮހޮރުވައި ބުރިކޮށް، ހަންގަނޑު ނޮޅާލައިގެން ކާ މަންޒަރުތަކާއި މަސްތައް އިރާލައިގެން ކާ މަންޒަރުތަކެވެ.

މިއީ ފިލްމު ފެސްޓިވަލްތަކުގައި ޕްރިމިއާކޮށްފައިވާ ބިރުވެރި ފިލްމު "ރޯ" ގެ ބައެއް ބެލުންތެރިންނަށް ކުއްލި ހާލަތުގައި ސިއްހީ ތަޖުރިބާކާރުންގެ އެހީ ބޭނުންވެފައިވާ އެއް ސަބަބެވެ. ރިޕޯޓްތައް ބުނާ ގޮތުން ފެސްޓިވަލްތަކުގައި މި ފިލްމު ބެލި ވަރަށް ގިނަ ބަޔަކަށް ސިއްހީ އެހީތެރިކަން ފޯރުކޮށްދީފައިވެ އެވެ. އެއީ ފިލްމު ބަލައިގެން ނަފުސާނީ އަސަރު ކޮށްގެންނާއި އޭގައި ދައްކުވައިދިން މަންޒަރުތަކުން މޭނުބައިކޮށް ހޮޑުލެވި ބައެއް މީހުން ސިނަމާ އަށް ފެއިންޓްވެގެންނެވެ.

އަލަތު ޑައިރެކްޓަރެއް ކަމުގައިވާ ޖޫލިއާ ޑޮކޯނާއުގެ މި ފިލްމުގައި ދައްކުވައި ދެނީ ވެޖިޓޭރިއަންއެއްގެ ގޮތުގައި ދިރިއުޅެމުން އަންނަ ޒުވާން އަންހެން ކުއްޖަކަށް މަސް ކެވި، އެންމެ ފަހުން ކެނިބަލްއަކަށް ބަދަލުވެގެން ކުރިމަތިވާ ނުރައްކާތަކެވެ. މި ފިލްމު ވަނީ ނިމިގެން ދިޔަ ޓޮރޮންޓޯ އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލް ޕްރިމިއާކޮށް އެތައް ބަޔަކު ބިރުގަންނަވައި ހޭނައްތާލައިފަ އެވެ.

ފިލްމު ރަސްމީކޮށް ސިނަމާތަކުގައި ދައްކަން ފަށާނީ މި އަހަރުގެ މާޗް މަހުގެ 15 ވަނަ ދުވަހުން ފެށިގެންނެވެ. މި ފިލްމު ބެލި މީހުން ބުނަނީ މިއީ އޭގެ ގްރެފިކް މަންޒަރުތަކަށް ސަމާލުވާންޖެހޭ ފިލްމެއް ކަމަށާއި ނަފްސާނީ ގޮތުން ބެލުންތެރިޔާ އަށް ކުރާ އަސަރު މި ފިލްމުގައި ވަަރަށް ވެސް ބޮޑު ކަމަށެވެ. އަދި ފިލްމު ބަލަމުން އެއްވެސް ކަހަލަ ކެއުމެއް އަރުތެރެއަށް ނުދިރޭނެ ކަމަށް ވެސް ފާޑުކިޔުންތެރިން ބުނެ އެވެ.

މޭނުބައިނުކޮށް ނުވަތަ ހޮޑުނުލެވި ފިލްމުގެ ޓްރެއިލާ ވެސް ބަލައި ނުނިންމޭނެ ކަމަށް ބުނެވެ އެވެ.