ހަބަރު

ގައުމުގެ ރައްޔިތުންގެ ފުރާނައަށް ނުރައްކާ ވެގެންދާ ހާލަތެއްގައި އެމީހުން ސަލަމާތް ކުރުމަށް ބޭނުންވާ ވަސީލަތްތައް ނެތް ނަމަ އެގައުމެއްގައި މިނިވަންކަން އޮތް ކަމަކަށް ނުބެލެވޭނެ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު ވިދާޅުވެއްޖެ އެވެ.

ކަނޑުމަތީގައި ހާލުގައި ޖެހިފައި ތިބި ސްރީލަންކާގެ މަސްވެރިންތަކެއް ސަލާމަތް ކުރުމާއި އަލިފާނުގެ ހާދިސާއެއްގައި ފެތުނު ރާއްޖޭގެ ބޯޓެއްގެ މީހުން ސަލާމަތްކުރުމުގެ އޮޕަރޭޝަން ހިންގި ކޯސްޓް ގާޑްގެ ހުރަވީ އުޅަނދުގެ ސިފައިންނަށް ޝުކުރު އަދާކުރެއްވުމަށް އެ އުޅަނދަށް ކުރެއްވި ޒިޔާރަތެއްގައި މިނިސްޓަރު ވިދާޅުވީ ނުރައްކަލެއް ދިމާވާ ހިނދު ސަލާމަތް ވުމަށް ބޭނުންކުރާނެ ވަސީލަތް ނެތުމަކީ ހިތާމަކުރަން ޖެހޭނެ ކަމެއް ކަމަށެވެ.

"...އަޅުގަނޑުމެންގެ ގައުމުގައި އަޅުގަނޑުމެންގެ ލޯބިވާ އަހުންނާއި އުހުތުން ، އެމީހުންގެ ފުރާނައަށް ނުރައްކާވެއްޖެ ހާލަތެއްގައި ނުވަތަ އެމީހުން ބެހިގެންދާ ހާލަތެއްގައި ވެސް އަޅުގަނޑުމެންނަށް މިވަސީލަތްތައް ނެތިއްޖެއްޔާ އޭގެ ޒާތުގައި ގައުމެއްގެ މިނިވަންކަން އޮތްކަމަކަށް ނުބެލެވޭނެ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިވަންކަމާއި އިސްތިގުލާލު ދެމެހެއްޓުމަށް ފައިސާ ހަރަދުކުރުމަކީ ވަކި މިންގަނޑެއް ގެންގުޅެވޭނެ ކަމެއް ނޫން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ސްރީލަންކާގެ މަސްވެރިން ހޯދައި ސަލާމަތް ކުރުމުގެ އޮޕަރޭޝަން ކާމިޔާބުކަމާއި އެކީ ނިންމާލާފައި ވާތީ ހުރަވީގައި މަސައްކަތް ކުރާ ސިފައިންނަށް ޝުކުރު އަދާކުރެއްވުމަށް މިނިސްޓަރު އާދަމް ޝަރީފު އެއުޅަނދަށް ކުރެއްވި ޒިޔާރަތުގައި އޭނާގެ އަރިހުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހުމަދު ޝިޔާމާއި ވައިސް ޗީފް އޮފް ޑިފެންސްފޯސް ބަރިގޭޑިއާ ޖެނެރަލް އަހުމަދު ޝާހިދާއި އެމްއެންޑީއެފްގެ މެރިންކޯގެ ކޮމާންޑަރު ބްރިގޭޑިއާ ޖެނެރަލް އަލީ ޒުހައިރާއި ކޯސްޓްގާޑްގެ ކޮމާންޑަރު ކާނަލް މުހައްމަދު އިބުރާހީމް ބައިވެރިވެވަޑައިގެންނެވި އެވެ.

ސިފައިންނަށް ޝުކުރުއަދާކުރައްވައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ހުރަވީގައި މަސައްކަތްކުރާ ސިފައިން ހޯދި ކާމިޔާބީ ސިފައިންގެ ވެރިޔާ އަދި ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީނާއި ޗީފް އޮފް ޑިފެންސް ފޯސް އާއި ސިފައިންގެ އެހެން އިސް އޮފިސަރުން ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާ ކަމަށެވެ. އަދި ވިދާޅުވީ ސިފައިން ކުރެއްވި މަސައްކަތަށް ޓަކައި އައްސަރިބަހާއި ސާބަސް ރައްދުކުރައްވާ ކަމަށެވެ.

ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު ހުރަވީއަށް ވަޑައިގެންނެވުމުން އެ އުޅަނދުގައި މަސައްކަތް ކުރާ ސިފައިން އޭނާއަށް އޮނަގާޑެއް އެރުވި އެވެ.