ބޮލީވުޑް

ސަންޖޭ ބައޮޕިކްގެ ޝޫޓިން ރަންބީރާއެކު ފަށައިފި

Jan 16, 2017

މަޝްހޫރު ޑައިރެކްޓަރު ރާޖް ކުމާރު ހިރާނީގެ އެންމެ އުންމީދީ ފިލްމުގެ ގޮތުގައި ބެލެވިފައި އޮތް އެކްޓަރު ސަންޖޭ ދަތުގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމުގެ ޝޫޓިން ހޮނިހިރު ދުވަހު ފަށައިފި އެވެ.

ސަންޖޭ ދަތުގެ ރޯލުން ޒުވާން އެކްޓަރު ރަންބީރު ކަޕޫރު ފެނިގެންދާ ފިލްމުގެ ޝޫޓިން ހޮނިހިރު ދުވަހު މުމްބައިގައި ހުންނަ ފިލްމު ސީޓީގައި ފަށާފައިވާކަން ފިލްމުގެ ޑައިރެކްޓަރު ހިރާނީ ކުރި ޓްވީޓެއްގައި ވަނީ ޔަގީންކޮށްދީފަ އެވެ.

ހިރާނީ ކުރި ޓްވީޓުގައި ވަނީ ސަންޖޭ ދަތުގެ ބައޮޕިކްގެ ފުރަތަމަ މަންޒަރު ނަގާފައިވާ ކަމަށާއި އެ މަންޒަރަކީ ވަރަށް މަޖާ މަންޒަރެއް ކަމަށް ބުނެފަ އެވެ. އަދި ހިރާނީ ވަނީ ފިލްމުގެ ތަރިންނާއި ކްރޫ ވެސް ފިލްމުގެ ޝޫޓިން ފެށުމުން ތިބީ ވަރަށް އުފަލުން ކަމަށް ބުނެފަ އެވެ.

މިއަހަރު ރިލީޒްކުރުމަށް ހަމަޖެހިފައި ހުރި ފިލްމުތަކުގެ ތެރެއިން އެންމެ ގިނަބަޔަކު އިންތިޒާރުކުރަމުން އަންނަ މި ފިލްމުގައި ރަންބީރާ އެކު އެކްޓަރު ވިކީ ކޯޝަލް ވެސް ފެނިގެންދާނެ އެވެ. އަދި ސަންޖޭ ދަތުގެ ބައްޕްގެ ރޯލުން ފެނިގެންދާނީ ޕަރޭޝް ރާވަލް އެވެ.

އަދި ނަމެއް ދީފައިނުވާ މި ފިލްމުގައި ފެނިގެންދާނީ ސަންޖޭ ދަތު މަޝްހޫރުވެގެން އައިސް އޭނާގެ ތަރި މެދު އުޑުގައި ފިޔަ ޖަހަމުން އައި ގޮތާއި ކުއްލި އަކަށް އޭނާގެ އެ މަޝްހޫރުކަން ނެތިގެން ދިޔަގޮތުގެ އިތުރުން އޭނާގެ މައްޗަށް މަނާ ހަތިޔާރު ގެންގުޅުމުގެ ކުށް ސާބިތުވެ ޖަލަށް ލެވުނު ގޮތެވެ.

ސަންޖޭގެ ރޯލަށް ތައްޔާރުވުމުގެ ގޮތުން ރަންބީރު ވަނީ ފާއިތުވި ދުވަސްތަކުގައި އޭނާގެ ހަށިގަނޑުގެ މަސްތައް ވަރުގަދަކޮށް ހަށިގަނޑަށް ބޮޑު ބަދަލުތަކއް ގެނެސްފަ އެވެ. ހަށިގަނޑަށް ބަދަލު ގެނައި ނަމަވެސް ސަންޖޭ ދަތުގެ ސިފަ ޖެއްސުމަށްޓަކައި އެއްވެސް ކަހަލަ ޕްރޮސްތެޓިކެއް ރަންބީރު މި ފިލްމުގައި ބޭނުންނުކުރާނެ ކަމަށްވެ އެވެ.

މިފަހުން ދިން އިންޓަވިއުއެއްގައި ރަންބީރު ވަނީ ސަންޖޭ ދަތުގެ ރޯލު ކުޅެން އޭނާ ހައްގުވެސް ނުވާ ކަމަށާއި އޭނާގެ ރޯލު ކުޅުމަކީ ވަރަށް އުނދަގޫ އަދި ހިރާނީ ކަހަލަ ޑައިރެކްޓަރަކާ އެކު މަސައްކަތް ކުރުމަކީ ވެސް ވަރަށް އުނދަގޫ ކަމެއް ކަމަށް ބުނެފަ އެވެ.

ރަންބީރާ އެކު މި ފިލްމުގައި ބަތަލާގެ ރޯލުން ފެނިގެންދާ ތަރިން އަދި ހާމަކޮށްފައެއްނުވެ އެވެ.

ސަންޖޭ ދަތުގެ ހަޔާތުގެ މައްޗަށް އުފައްދާ މި ފިލްމު ޑިސެމްބަރު މަހު ފަހުކޮޅު ރިލީޒްކުރުމަށް ހަމަޖެހިފައިވާއިރު، މި ފިލްމާއެކު ސުޕަސްޓާ ސަލްމާން ޚާން އާއި ކެޓްރީނާ ކައިފްގެ "ޓައިގާ ޒިންދާހޭ" ވެސް އެއް ދުވަހެއްގައި ރިލީޒްކުރުމަށް ވަނީ ހަމަޖެހިފަ އެވެ.