ފިނިޕޭޖް

ސައުންޑްސް އޮފް މޯލްޑިވްސްގައި އަބުޅޯގެ ހުށަހެޅުންތައް

Jan 17, 2017

އަންނަ މަހު ސިންގަޕޫރުގެ ޑައިވް ރިސޯޓް ޓްރެވަލް (ޑީއާރްޓީ) އެކްސްޕޯގެ ތެރޭގައި އޮންނަ ރާއްޖޭގެ ސައުންޑްސް އޮފް މޯލްޑިވްސްގައި އަބްދުﷲ ޒަހީމްގެ ހުށަހެޅުންތައް ފެންނާނެ ކަމަށް ހައިރައިޒް އިން ބުނެފި އެވެ.

ސައުންޑްސް އޮފް މޯލްޑިވްސް އިންތިޒާމުކުރާ ހައިރައިޒްއިން ބުނީ ޑައިވް އެކްސްޕޯ ފެއާގެ އްޖޭގެ ސަރަހައްދުގައި މިއުޒީޝަނުންނާއި އާޓިސްޓުންގެ އިތުރުން ރިސޯޓުތަކާއި ޓޫރިޒަމް ކުންފުނިތަކާއި ގެސްޓްހައުސްތަކުން ވެސް ބައިވެރިވާނެ ކަމަށާއި މި އަހަރުގެ ސައުންޑް އޮފް މޯލްޑިވްސްގެ މެއިން ސްޕޮންސާއަކީ ކާނި ހޮޓެލްސް ކަމަށެވެ.

މި އަހަރުގެ ސައުންޑްސް އޮފް މޯލްޑިވްސްގައި އަބުޅޯގެ އިތުރުން ޕާފޯމްކުރާ ފަރާތްތަކުގެ ތެރޭގައި ހަބޭސް ބޮޑުބެރު ގްރޫޕާއި ގްރެވިޓީ ބައި ހަބޭސް ވެސް ހިމެނެ އެވެ.

ޑީއާރުޓީ އެގްޒިބިޝަންއަކީ ދުނިޔޭގެ ގިނަ ގައުމުތަކުގައި ބާއްވާ ބޮޑު ފެއާ އެކެވެ. މި އަހަރުގެ މި ފެއާ އޮތީ ސިންގަޕޫރުގަ އެވެ. މީގެ ކުރިން މިފެއާ ފިލިޕީންސްގެ މެނީލާ އާއި ހޮންކޮގް އާއި ޝެންހާއީގައިވެސް ބޭއްވި އެވެ.

ސިންގަޕޫރުގައި ސައުންޑްސް އޮފް މޯލްޑިވްސް މި އަހަރު ބާއްވާއިރު، މީގެ އަހަރެއް ކުރިން ފެށިގެން ބާއްވަމުން އަންނަ "ސައުންޑްސް އޮފް މޯލްޑިވްސް" ޝޯތައް މާލެ އާއި ސްރީލަންކާގެ ވެރިރަށް ކޮލަމްބޯ އަދި މެލޭޝިޔާގެ ވެރިރަށް ކުއަލަލަންޕޫރާއި ދުބާއީ އަދި ބެންގްލޫރުގައި ވެސް ބާއްވާފައިވެ އެވެ. މިދިޔަ އަހަރު ތައިލެންޑްގައި ވެސް ބާއްވަން މަސައްކަތް ކުރި އެވެ. އެހެން ނަމަވެސް އެ ގައުމުގެ ރަސްގެފާނު އަވަހާރަވުމާ ގުޅިގެން އެ ގައުމުގައި ހިތާމަފާޅުކުރުން ކުރިއަށް ދާތީ އެ ޝޯ އެ ގައުމުގައި ނުބާއްވަން ނިންމީ އެވެ.