ވިޔަފާރި

އޭޑީއެފް ނަގަން ތައްޔާރީތައް ފަށައިފި، ގަވާއިދު ނިންމައި އޭޖީގެ އޮފީހަށް

Jan 16, 2017
  • އޭޑީއެފް ނެގުމުގެ ކަންކަން ކުރާނީ މީރާއިން
  • އެޕްރީލް މަހު މި ފީ ނަގަން ފަށަން ޖެހޭ
  • އެއާޕޯޓް ސާވިސްޗާޖް ދެއްކުން ވެސް މީރާއަށް

ރާއްޖޭގެ އެއާޕޯޓްތަކުން ބޭރަށް ފުރާ ޕެސެންޖަރުންގެ އަތުން ނަގަން ނިންމާފައިވާ، އެއާޕޯޓް ޑިވަލޮޕްމަންޓް ފީ، އޭޑީއެފް ނަގާނެ ގޮތުގެ ގަވާއިދު ދައުލަތުގެ ޓެކްސް އިދާރާ، މީރާ އިން ނިންމުމަށް ފަހު އެޓާނީ ޖެނެރަލް އޮފީހުގެ ލަފަޔަކަށް އެ ގަވާއިދު ފޮނުވައިފި އެވެ.

މިދިޔަ ޑިސެމްބަރު ހަތް ވަނަ ދުވަހު ރައީސް ތަސްދީގު ކުރެއްވި، އޭޑީއެފް ނެގުމުގެ ގާނޫނުގެ ދަށުން ބޭރަށް ފުރާ ބިދޭސީންގެ އަތުން 25 ޑޮލަރު އަދި ދިވެހިންގެ އަތުން 12 ޑޮލަރު އަންނަ އެޕްރީލް މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ނަގަން ޖެހެ އެވެ. އެ ގާނޫނުގައި ބުނާ ގޮތުން މީރާ އިން ކަނޑައަޅާ އުސޫލެއްގެ ދަށުން ރާއްޖޭގައި އޮޕަރޭޓް ކުރާ ހުރިހާ އެއާލައިނަކުން އެ ފައިސާ ފަސިންޖަރުންގެ އަތުން ނަގައި މީރާއަށް ދައްކަން ޖެހެ އެވެ.

މީރާގެ ސްޕޯކްސްޕާސަން މުހައްމަދު ޝާހިދު މިއަދު "އަވަސް"އަށް ވިދާޅުވީ އޭޑީއެފް ނެގުމާ ގުޅޭ ގޮތުން ހަދަން ޖެހޭ ގަވާއިދު މީގެ ދުވަސްކޮޅެއް ކުރިން ނިންމައި އެޓާނީ ޖެނެރަލްގެ ލަފާ ހޯދުމަށް ފޮނުވާފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ މީރާ އިން ގަވާއިދު އެކުލަވާލާފައި ވާނީ އެއާލައިންތަކުން ޓިކެޓް ވިއްކާ އިރު އޭޑީއެފް ގެ ފައިސާ ޕެސެންޖަރުންގެ އަތުން ނަގައި ވީހާ ވެސް ފަސޭހަ އަދި ލުއިގޮތެއްގައި މީރާއަށް ދެއްކޭނެ އުސޫލުތަކެއްގެ މައްޗަށް ބަލައިގެން ކަމަށެވެ.

އޭޖީގެ ލަފާ ލިބުނުހާ އަވަހަކަށް، އެ ގަވާއިދު ގެޒެޓްކުރުމާއި އޭޑީއެފް ނެގުމަށް ވާން ޖެހޭ އެހެން ތައްޔާރީތައް ކަމާ ގުޅޭ ފަރާތްތަކާ އެކު މީރާ އިން ފަށާނެ ކަމަށް ވެސް ވިދާޅުވި އެވެ.

މިހާރު ވެސް ބޭރުގެ ފަސިންޖަރުން އަތުން 25 ޑޮލަރުގެ އެއާޕޯޓް ސާވިސް ޗާޖެއް ނަގާ އިރު، ދިވެހިންގެ އަތުން 12 ޑޮލަރު ނަގަ އެވެ. އެހެންކަމުން ކުރިއަށް އޮތް ތަނުގައި ދިވެހިން އަތުން 24 ޑޮލަރާއި ބޭރުގެ ފަސިންޖަރުން އަތުން ޖުމްލަ 50 ޑޮލަރު ނަގާނެ އެވެ.

ޝާހިދު ވިދާޅުވީ އެއާޕޯޓް ސާވިސް ޗާޖްގެ ގޮތުގައި އެއާލައިންތަކުން ނަގާ ފައިސާ މީރާއަށް މިހާރު ދައްކަނީ އެއާޕޯޓްސް ކޮމްޕެނީ އިން ކަމަށެވެ. އެހެން ނަމަވެސް، އޭޑީއެފްގެ ގަވާއިދުގެ ދަށުން އެއާޕޯޓް ސާވިސް ޗާޖް ވެސް އެއާލައިންތަކުން ދައްކަން ޖެހޭނީ ސީދާ މިރާއަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސަރުކާރުން އޭޑީއެފް ނަގަނީ އެއާޕޯޓް ޑިވަލޮޕް ކުރުމަށް ހިންގާ، 800 މިލިއަން ޑޮލަރުގެ ބޮޑު މަޝްރޫއަށް ފަންޑު ހޯދުމުގެ ގޮތުންނެވެ. ސަރުކާރުން ލަފާކޮށްފައި އޮތީ އޭޑީއެފް ނަގައިގެން މިއަހަރު އަހަރު ބަޖެޓަށް، 565.8 މިލިއަން ރުފިޔާ މުޅިން އަލަށް ލިބޭނެ ކަމަށެވެ. އަދި އެ ފައިސާ އެއްވެސް ކަމަކަށް ހަރަދު ނުކޮށް ސޮވަރިން ފަންޑެއް އުފައްދައި އެ ފައިސާ އެ ފަންޑަށް ޖަމާކުރުމަށް ވަނީ ބަޖެޓްކޮށްފަ އެވެ.