- މިހާރު އޮތްގޮތަށް އޭޑީއެފް ނެގުމަށް ހުރަހެއް ނެތް
- ގާނޫނު އިސްލާހު ކުރުމުގެ ވިސްނުން ދޫކޮށްލައިފި
- ފީ ނެގުމުގެ ތައްޔާރީތައް މިހާރު ވަނީ ފަށާފައި

ރާއްޖޭގެ އެއާޕޯޓްތަކުން ފުރާ މީހުންގެ އަތުން ނެގުމަށް ދާދި ފަހުން ފާސްކުރި، އެއާޕޯޓް ޑިވަލޮޕްމަންޓް ފީ، އޭޑީއެފްގެ ގާނޫނަށް އިތުރު ބަދަލެއް ނުގެނެސް މިހާރު ވެސް އޮތް ގޮތަށް އެ ފީ ނެގުމަކީ މިހާރު ސަރުކާރުގެ ވިސްނުން ކަމަށް އިކޮނޮމިކް ކައުންސިލް މިއަދު ބުނެފި އެވެ.
ދިވެހިންނާއި ބިދޭސީން ވެސް ތަފާތުނުކޮށް އޭޑީއެފްގެ ގޮތުގައި، 25 ޑޮލަރު ނެގުމަށް ސަރުކާރުން ބިލް ހުށަހެޅި ނަމަވެސް، ސަރުކާރުގެ މެންބަރުންގެ ތާއީދާ އެކު މަޖިލީހުގެ ތަޅުމުން ބިލް ފާސްކުރީ ބިދޭސީންގެ އަތުން 25 އަދި ދިވެހިންގެ އަތުން 12 ޑޮލަރު ނަގާ ގޮތަށެވެ. އެއާ އެކު އިކޮނޮމިކް ކައުންސިލުން ބުނެފައި ވަނީ އެގޮތަށް އޭޑީއެފް ނެގުމަކީ ދަތިކަމެއް ކަމަށާއި އެ ބިލަށް އިސްލާހު ހުށަހަޅަން ވިސްނާ ކަމަށެވެ.
"އަވަސް"އިން މިއަދު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އީވައިސީގެ ޗެއާ ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ޒުހޫރު ވިދާޅުވީ، ގާނޫނުގައިވާ ގޮތަށް އޭޑީއެފް ނެގުމަށް މަސައްކަތްތަކެއް މިހާރު ކުރަމުން އަންނަ ކަމަށެވެ. އެކަމުގެ މަޝްވަރާތައް ކުރަމުންދާއިރު ގާނޫނުގައިވާ ގޮތަށް އޭޑީއެފް ނެގުމުގެ ކަންކަން ތަންފީޒުކުރެވޭނަމަ ގާނޫނަށް އެއްވެސް ބަދަލެއް ނުގެންނާނެ ކަމަށް ޒުހޫރު ވިދާޅުވި އެވެ.
"ގާނޫނު ފާސްކުރި ގޮތަށް، ގާނޫނު ތަންފީޒުކުރަން ކުރަން ޖެހޭ އެންމެހާ ކަންތައްތައް އައިލެންޑް އޭވިއޭޝަންގެ ފަރާތުން ކުރަމުން އެބަދޭ، އޭގެ ފައިނަލް ޖަވާބެއް އަދި އަޅުގަނޑުމެންނަކަށް ނުލިބޭ، އެ ގާނޫނުގައި އެވާ ގޮތަށް ކުރިއަށް ގެންދެވޭތޯ ނުވަތަ ނޫންތޯ، އެ ޔަގީންކަން ލިބުމާއެކު ކުރިއަށް ގެންދެވޭކަމަށްވާނަމަ ކުރިއަށް ގެންދާނަން، ކުރިއަށް ނުގެންދެވޭނަމަ އިސްލާހެއް ހުށަހަޅަން ޖެހޭނީ، އަދި މިހާރު އޮތް ގޮތަށް ކުރިއަށް މިދަނީ،" ޒުހޫރު ވިދާޅުވި އެވެ.
އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އަބްދުލް ހާރިޝް މިއަދު ވިދާޅުވީ، ގާނޫނަށް ބަދަލެއް ނުގެނެސް ގާނޫނު ތަންފީޒުކުރެވޭނެ ކަމުގެ ޔަގީންކަން މިހާރު ލިބިފައިވާ ކަމަށެވެ. އެކަމާ އިންޓަނޭޝަނަލް އެއާޓްރާންސްޕޯޓް އެސޯސިއޭޝަނާ މަޝްވަރާކޮށް އެ ފަރާތުގެ ހުއްދަ މީގެ ދެ ދުވަސް ކުރިން ލިބިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
"މިހާރު އެޕްރޫވަލް އޮތުމުން އެ ގާނޫނު އޮތް ގޮތަށް ތަންފީޒުކުރެވޭނެ ކަމަށް އަޅުގަނޑުމެން މި ބަލަނީ، އިން ޕްރިންސިޕަލް އެޕްރޫވަލެއް އަޅުގަނޑުމެންނަށް ލިބިފައިވަނީ،" ހާރިޝް ވިދާޅުވި އެވެ.
ސަރުކާރުން އޭޑީސީ ނަގަނީ އެއާޕޯޓް ޑިވަލޮޕް ކުރުމަށް ހިންގާ، 800 މިލިއަން ޑޮލަރުގެ ބޮޑު މަޝްރޫއަށް ފަންޑު ހޯދުމުގެ ގޮތުންނެވެ. ސަރުކާރުން ލަފާކޮށްފައި އޮތީ އޭޑީއެފް ނަގައިގެން މި އަހަރު ބަޖެޓަށް، 565.8 މިލިއަން ރުފިޔާ މުޅިން އަލަށް ލިބޭނެ ކަމަށެވެ. އަދި އެ ފައިސާ އެއްވެސް ކަމަކަށް ހަރަދު ނުކޮށް ސޮވަރިން ފަންޑެއް އުފައްދައި އެ ފައިސާ އެ ފަންޑަށް ޖަމާކުރުމަށް ވަނީ ބަޖެޓްކޮށްފަ އެވެ.
ގާނޫނުގައިވާ ގޮތުން މީރާއިން ކަނޑައަޅާ އުސޫލެއްގެ ދަށުން އެއާލައިންތަކުން ޓިކެޓް ވިއްކާ އިރު އޭޑީއެފް ނެގުމަށް ފަހު، އެ ފައިސާ މީރާއަށް ދައްކަން ޖެހެ އެވެ. އެކަމާ ގުޅޭ ގަވާއިދު މީރާއިން ހެދުމަށް ފަހު މިހާރު ވަނީ އޭޖީގެ ލަފަޔަކަށް ފޮނުވައިފަ އެވެ.