ހޮލީވުޑް

ޖެނިފާ ލޯރެންސްގެ އާ ލޯބިވެރިޔާ "ހުތުރުވެގެން" ފޭނުން ރަތަށް

Jan 17, 2017
1

ހޮލީވުޑްގެ އެންމެ އަގުބޮޑު އަދި އެންމެ ރީތި ބަތަލާގެ ލޯބިވެރިޔާ ވެސް އެވަރަށް ރީތިވާން ޖެހޭނެ އެވެ. އެކްޓްރެސް ޖެނިފާ ލޯރެންސްގެ ފޭނުން ބުނަނީ މިހެންނެވެ. އޭނާގެ ސަޕޯޓަރުންނާއި ފޭނުން ރުޅިގަދަވެގެން ސޯޝަލް މީޑިއާގައި ހެއްދެވިނެހެއްދެވި އަށް ގޮވަމުން ދަނީ ޖެނިފާ ލޯރެންސް އޭނާގެ އާ ލޯބިވެރިޔާ ޑެރެން އެރޯނަސްކީއާ އެކު ފެންނަ ފޮޓޯތަކެއް އާންމުވުމާ ގުޅިގެންނެވެ.

"ސިލްވާ ލައިނިންސް ޕްލޭބުކް" އިން އޮސްކާގައި އެންމެ މޮޅު ބަތަލާގެ އެވޯޑް ހާސިލުކޮށްފައިވާ ލޯރެންސްގެ އާ ލޯބިވެރިޔާ އެރޯނަސްކީ ގަބޫލުކުރަން ފޭނުން ބޮޑަށް ދެކޮޅުހަދަމުން ދަނީ މި ދެ މީހުންގެ އުމުރުގެ ތަފާތު ބޮޑުކަމުންނެވެ. އުމުރުން 26 އަހަރުގެ ބަތަލާ މިދިޔަ އަހަރުގެ އޯގަސްޓް މަހުން ފެށިގެން ޑޭޓްކުރަމުން އަންނަ އެރޯނަސްކީ އަށް މިހާރު 47 އަހަރެވެ. ދެ މީހުންގެ ދެމެދުގައި 20 އަހަރުގެ ތަފާތެއް ހުރިއިރު ބަތަލާ ރޭޗަލް ވެއިޒްއާ ކައިވެނިކޮށް، އެރޯނަސްކީ އަށް ދަރިއަކު ވެސް ލިބިފައި އެބަހުއްޓެވެ.

ފޭނުންގެ ފާޑުކިޔުން އެރޯނަސްކީ އަށް އަމާޒުވެފައި ވަނީ ލޯރެންސްއާ ގައިގޯޅިކޮށް އުޅެނިކޮށް ނަގާފައިވާ ފޮޓޯތަކެއް އާންމުވުމާ ގުޅިގެންނެވެ. މި ފޮޓޯތަކުގައި ފެންނަނީ ދެ މީހުން އަތާއި އަތް ޖޯޑުކޮށްގެން އުޅޭ މަންޒަރާއި އެއް ލޮލީޕޮޕެއް ބޮމުން ސަމާސާކުރަމުން ގެންދާ މަންޒަރެވެ. ކޮންމެއަކަސް ލޯރެންސްގެ ފޭނުން ބުނަނީ މިއީ ވަރަށް ވެސް ހުތުރު މަންޒަރުތަކެއް ކަމަށާއި އަދި ވަކިން ހާއްސަކޮށް 20 އަހަރުގެ ތަފާތެއް ދެ މީހުންގެ ދެމެދުގައި ހުރުމަކީ ވަރަށް ވިޔާނުދާ ކަމެއް ކަމަށެވެ.

ޖެނިފާ ލޯރެންސް ކުރިން ލޯބީގެ ގޮތުން ގުޅިގެން އުޅުނީ އޭނާގެ ފޭނުންގެ މެދުގައި ނިކަން ބޮޑު މަގްބޫލުކަމެއް ލިބި ރީތި ކަމަށް ވެސް މަޝްހޫރުވި 27 އަހަރުގެ އެކްޓަރު ނިކޮލަސް ހޯލްޓްއާ އެވެ. އެއީ "އެކްސް މެން" ގެ ފިލްމުތަކުގައި ލޯރެންސްއާ އެކު މަސައްކަތްކޮށްފައިވާ އިނގިރޭސި އެކްޓަރެކެވެ.