ބޮލީވުޑް

"ޖުޅްވާ 2" ގައި ވެސް ސަލްމާން ޑަބަލް ރޯލަކުން

Jan 17, 2017

ނަވާރަސަތޭކަ ނުވަދިހަ ހަތްވަނަ އަހަރު އަހަރު ނިކުތް ފިލްމު "ޖުޅްވާ" ގައި ސުޕަސްޓާ ސަލްމާން ޚާން ވަނީ ޑަބަލް ރޯލަކުން ފެނިގެން ގޮސްފަ އެވެ.

"ޖުޅްވާ" ގައި ސަލްމާނާ އެކު ބަތަލާގެ ރޯލުން ފެނިގެން ގޮސްފައިވަނީ ކަރިޝްމާ ކަޕޫރާއި ރާމްބާ އެވެ.

"ޖުޅްވާ" ރިލީޒްކުރިތާ 20 އަހަރުފަހުން މި ސިލްސިލާގެ ދެވަނަ ފިލްމެއް އުފައްދަން ވަނީ ނިންމާފަ އެވެ. "ޖުޅްވާ 2" ގެ ގޮތުގައި އުފައްދާ އެ ފިލްމުގެ ލީޑްރޯލުން ފެނިގެންދާނީ ވަރުން ދަވަން އެވެ.

މި ފިލްމުގެ މެހެމާނެއްގެ ރޯލުން ސަލްމާން ފެނިގެންދާނެ ކަމަށްވާއިރު، އޭނާ ވެސް ފެނިގެންދާނީ ޑަބަލް ރޯލަކުން ކަމަށްވެ އެވެ.

ބުނެވޭ ގޮތުގައި ސަލްމާން މި ފިލްމުގައި ފެނިގެންދާނީ އޭނާ "ޖުޅްވާ" ގައި ކުޅެފައިވާ ރާޖާ އަދި ޕްރޭމްގެ ރޯލުންނެވެ.

"ޖުޅްވާ" އެކޭ އެއްގޮތަށް "ޖުޅްވާ 2" ވެސް ޑައިރެކްޓްކުރަނީ ވަރުންގެ ބައްޕަ ޑޭވިޑް ދަވަން އެވެ. ސާޖިދް ނަޑިއަޑްވާލާ ޕްރޮޑިއުސްކުރާ މި ފިލްމުގައި ވަރުން އާއެކު ފެނިގެންދާ ބަތަލާއިންނަކީ ޖެކްއަލީން ފާނެންޑޭޒް އާއި ތަޕްސީ ޕަނޫ އެވެ.

ސަލްމާން މީގެކުރިން ވެސް ވަނީ ޑަބަލް ރޯލް އިން "ކިކް" އާއި "ޕްރޭމް ރަތަން ދަން ޕާޔޯ" ގައި ވެސް ފެނިގެން ގޮސްފަ އެވެ.

މިއަހަރުގެ ތެރޭގައި ރިލީޒްކުރުމަށް ހަމަޖެހިފައި އޮތް މި ފިލްމުގެ ޝޫޓިން ވަރަށް އަވަހަށް ފެށުމަށް ވަނީ ނިންމާފަ އެވެ.