އެންމެ ފަހުގެ ވޯލްޑް ކަޕްގައި ނެދަލެންޑްސް އަށް ތިން ވަނަ ހޯދައިދިނުމަށް ފަހު މެންޗެސްޓާ ޔުނައިޑެޓާ ހަވާލުވެ އެ މަގާމު މިދިޔަ އަހަރު ގެއްލުނު ގޮތަށް އިތުރު ޓީމަކާ ހަވާލުނުވެ ހުރުމަށް ފަހު ލުއީ ވެން ހާލްގެ 26 އަހަރުވީ ކޯޗިން ކެރިއަރު އޭނާ ނިންމާލައިފި އެވެ. ރަސްމީކޮށް މިކަން އިއްޔެ އިއުލާނުކޮށްފައިވާއިރު ނެދަލެންޑްސްގެ މި ކޯޗަށް 65 އަހަރެވެ.
ވެން ހާލް އަކީ ޔުނައިޓެޑްގެ އިތުރުން އަޔެކްސް އާއި ބާސެލޯނާ އަދި ބަޔާން މިއުނިކާއި ނެދަލެންޑްސްގެ އަލްކަމާރު ޒާންސްޓްރީކް އަށް ވެސް ކޯޗުކަން ކޮށްދީފައިވާ ތަޖުރިބާކާރު އަދި ކެރިއަރުގައި ގިނަ ކާމިޔާބީތަކެއް ހާސިލުކޮށްފައިވާ ކުޅަދާނަ މޭސްތިރިއެކެވެ. ޓީމަކާ އެކު އެނބުރި އައުމުގެ އިތުރު ވިސްނުމެއް ނެތް ކަމަށް އޭނާ ބުނެފައި ވަނީ ނެދަލެންޑްސްގެ ނޫހެއް ކަމުގައިވާ ޑެ ޓެލެގްރާފަށް ދިން އިންޓަވިއުއެއްގަ އެވެ.
"އަހަންނަށް ވިސްނުނީ އަހަރެން ހުއްޓާލަން ވެއްޖެއޭ. ދެން އަހަރެން ހިތަށް އެރީ އެކަމަކު އެއީ ވަގުތީގޮތުންނޭ. އެކަމަކު މިހާރު އަހަންނަކަށް ހީއެއް ނުވޭ ދެން އަލުން ކޯޗިން ކެރިއަރާއެކު އެނބުރި އަންނާނެހެނެއް،" ވެން ހާލް ބުނެފައިވެ އެވެ.
އޭނާ މިކަން އިއުލާނުކޮށްފައި ވަނީ ފުޓްބޯޅަ އަށް ކޮށްދިން ހިދުމަތުގެ އަގުވަޒަންކޮށް ނެދަލެންޑްސްގެ ސަރުކާރުން އޭނާ އަށް، ލައިފްޓައިމް އެޗީވްމަންޓް އެވޯޑެއް އަރުވާފައި ވަނިކޮށެވެ.
ވެން ހާލް ވަނީ އަޔެކްސް އާއި ބާސެލޯނާ އަދި އަލްކަމާރު އާއި ބަޔާން މިއުނިކާ އެކު އެކި ލީގުތައް ކާމިޔާބުކޮށް އަޔެކްސްއާ އެކު ޗެމްޕިއަންސް ލީގު ވެސް ކާމިޔާބުކޮށްފަ އެވެ. އެއަށް ފަހު އޭނާގެ ކޯޗިން ކެރިއަރުގައި ޖާދޫ ދެއްކީ ނެދަލެންޑްގެ ގައުމީ ޓީމު ގޮވައިގެން ނުކުމެ އެވެ. ނަމަވެސް ކެރިއަރު ނިންމާލުމުގެ ކުރިން ޔުނައިޓެޑާ އެކު ހޭދަކުރި ދުވަސްތަކުގައި ފާޑުކިޔުންތެރިންނަށް ރައްދުދެވޭ ވަރުނުވިޔަސް އޭނާ ވަނީ ޔުނައިޓެޑަށް އެފްއޭ ކަޕް ކާމިޔާބުކޮށްދީފަ އެވެ.
ވެން ހާލް ބުނީ ކޯޗިން ކެރިއަރު ނިމުމަކަށް ގެންނަން ވިސްނި އެއް ސަބަބަކީ އޭނާގެ އާއިލާ ކަމަށެވެ. ވަރަށް ފަހުން އޭނާގެ އަންހެން ދަރިފުޅުގެ ފިރިމީހާ ވަނީ މަރުވެފަ އެވެ. ވެން ހާލް ބުނެފައި ވަނީ އާއިލާ އަށް މިވަގުތު އޭނާގެ އެހީތެރިކަން މުހިންމުވެފައިވުމަކީ އެމީހުންނާ އެކު މަޑުކުރަން ބޭނުންވާ ސަބަބެއް ކަމަށެވެ.
އަދި ރިޓަޔާކުރާއިރު މިހާރު ވެސް ޝައުގުވެރިވަނިވި ގިނަ ހުށަހެޅުންތަކެއް އެކި ޓީމުތަކުން ލިބެމުން އަންނަ ކަމަށް އޭނާ ބުންނެވެ.
ފުޓްބޯޅައިގެ ކެރިިއަރުގައި ވެން ހާލް އަކީ އަޔެކްސްގެ މިޑްފީލްޑުން ވިދާލި ކުޅުންތެރިއެކެވެ. އެއަށް ފަހު ކުޅުން ހުއްޓާލާފައި އޭނާގެ ކޯޗިން ކެރިއަރު ފެށީ 1987 ވަނަ އަހަރު އެވެ. ހެޑް ކޯޗެއްގެ ގޮތުގައި ފުރަތަމަ ފަހަރަށް ދަނޑަށް ނުކުތީ 1991 ވަނަ އަހަރު އަޔެކްސް ގޮވައިގެންނެވެ. އެ ހިސާބުން އޭނާ ކޯޗެއްގެ ގޮތުގައި އިސާހިތަކު ފުޓްބޯޅައިގެ އެންމެ އުހަށް އަރައިގެން ދިޔައީ އެވެ.
އޭނާ ޔުނައިޓެޑާ 2014 ވަނަ އަހަރު ގުޅުނީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ނަމަވެސް ދަށް ނަތީޖާތަކާ އެކު ދެ އަހަރު ފަހުން އޭނާ ވަނީ މަގާމުން ވަކިކޮށްފަ އެވެ.
ވެން ހާލް އަކީ އޭނާގެ ކެރިއަރުގައި ކާމިޔާބުކަމާއި އިންގިލާބީ ބަދަލުތަކެއް ތައާރަފްކުރި ކޯޗެއްގެ އިތުރުން އޭނާގެ ރުޅިގަދަކަމަށް ވެސް މަޝްހޫރު ކޯޗެކެވެ.