ބޭރު ކުޅިވަރު

ފިނި މޫސުމުގެ ޓްރާސްފާގައި ކޮސްޓާއާ ހެދި ޗެލްސީ ހޫނު ވެއްޖެ

Jan 17, 2017

މިހާރު ކުރިއަށްދާ ފިނި މޫސުމުގެ ޓްރާންސްފާ ނިމެން ދެން ބާކީ އޮތީ ކުޑަ ދުވަސް ކޮޅެކެވެ. މި ޕީރިއަޑްގައި ޓްރާންސްފާގެ އެންެމެ އަގު ބޮޑު ޑިލްތައް ހަދަމުން ދަނީ ޗައިނާގެ ސްޕަލީގް ކުލަބު ތަކުން ނެވެ. ޗައިނާގެ ކުލަބުތަކުގެ އަޑު މިދިޔަ ހަފުތައިން ފެށިގެން އިތުރަށް ގަދަ ވެގެން ދިޔައީ، ޕްރިމިއާ ލީގްގެ އެއް ވަނައިގައި އޮތް ޗެލްސީގެ ސްޕެއިންގެ ފޯވަޑް ޑިއޭގޯ ކޮސްޓާ ގެންދަން ހުށަހެށުމުންނެވެ.

ކޮސްޓާ އަށް ހުށަހެޅި އަގައެކު، އެތައް ވާހަކަ ތަކެއް ފެންމަތިވެ، ޗެލްސީގެ އެތެރެ ވެސް ހޫނު ވެއްޖެ އެވެ. ޗައިނާގެ ސްޕަލީގްގެ ޓިއާންޖިން ކްއަންޖަން އެފްސީ އިން ހުށަހަޅާފައި ވަނީ ކޮސްޓާ އަށް ނޫނެކޭ ބުނަން އުނދަގޫވާ ވަރުގެ ބޮޑު އަގެކެވެ. އިޓަލީގެ ކުރިގެ ތަރި ފަބިއޯ ކަނަވާރޯ ކޯޗް ކޮށްދޭ، ޓީމުން ކޮސްޓާ އަށް ހުށަހަޅާފައި ވަނީ މުސާރައިގެ ގޮތުގައި އަހަރަކު 30 މިލިއަން ޕައުންޑްގެ ބޮޑު އަގަކެވެ.

ލީގްގައި އެންމެ ގިނަ ގޯލް ޖަހައި، އެންމެ ފޯމުގައި ހުރި ކުޅުންތެރިޔާ ދޫކޮށްލާކަށް ޗެލްސީ ބޭނުމެއް ނުވެއެވެ. މި މަހު ޗެލްސީން ވަނީ ޗައިނާގެ ޝަންހާއި އެސްޕީޖީއަށް އެ ޓީމުގެ ބްރެޒިލްގެ މިޑްފީލްޑާ އޮސްކާ، 60 މިލިއަން ޕައުންޑަށް ވިއްކާލާފަ އެވެ. އެހެންވެ ކުޅުންތެރިން ވިއްކައިގެން އިތުރު އާންމުދަނީއެއް ހޯދާކަށް ޗެލްސީގެ ވެރިޔާ ރަޝިޔާގެ ބިލިއަނަރު ރޯމަން އަބްރޮހިމޮވިޗް ބޭނުމެއް ނުވެއެވެ.

އިނގިރޭސި ވިލާތުގެ ގާޑިއަންގައި ޝާއިއު ކޮށްފައިވާ ރިޕޯޓެއްގައިވާގޮތުން، ޗެލްސީގެ ކޯޗް އެންޓޯނިއޯ ކޮންޓޭ އާއި ކޮސްޓާއާ ދެމެދު ހިތް ހަމަ ނުޖެހުންތަކެއް އުޅެއެވެ. މިވަގަތު ކޮންމެވެސް ވަރެއްގެ އަނިޔާގައި ހުރި ކޮސްޓާއާ، ކޮންޓޭ ވާހަކަ ނުދައްކާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. ނަމަވެސް އޭނާގެ ފިޓްނަސް ޓްރެއިނިން ދާގޮތް ކޮންޓޭ ދަނީ އޮބްޒާވް ކުރަމުން ނެވެ.

އެންމެ ފަހުގެ ޗެމްޕިއަން ލެސްޓާއާ ދެކޮޅާށް މިހަފުތާގައި ކުޅުނު މެޗަށް، ކޮސްޓާ ދަތުރު ނުކުރެ އެވެ. އެއީ ކޮސްޓާގެ ބުރައްކަށްޓަށް އެރި ތަދެއްގެ ސަބަބުން ކަމަށް ކޮންޓޭ ވަނީ ބުނެފަ އެވެ. އަންނަ އާދީއްތަ ދުވަހު ހަލް ސިޓީއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅޭ މެޗަށް، ކޮސްޓާ ބޭނުން ކުރުމަށް، ފިޓްނަސް ކޯޗް މެދުވެރިކޮށް ކޮންޓޭ ދަނީ ބަލަމުންނެވެ.

ދެހާސް ނަވާރަ ވަނަ އަހަރުގެ ޖޫން މަހާ ހަމަޔަށް، ޗެލްސީގެ ކޮންޓްރެކްޓް ހުރި ކޮސްޓާ، މި ފަހަރު ދޫކޮށްލާކަށް ޗެލްސީއިން އެއްބަހެއް ނުވެއެވެ. ދެން އޭނަ އަށް އޮތް ފުރުސަތަކީ ޖޫން މަހުގެ ހޫނު މޫސުމުގެ ޓްރާންސްފާ ޕީރިއަޑެވެ.

ނަމަވެސް، ކޮސްޓާ އަށް އެ ދޮރު ބަންދުވުމުގެ ފުރުސަތު އެބަ އޮތެވެ. އެއީ ޗައިނާގެ ފުޓްބޯޅަ ފެޑްރޭޝަނުން ވަނީ ބިދޭސީ ކުޅުންތެރިން ގެނައުމުގައި އާ ގަވައިދެއް އެކުލަވާ ލާފައެވެ. އާ ގަވައިދުގެ ދަށުން ޓީމަށް ގެނެވޭނީ ބިދޭސީ ތިން ކުޅުންތެރިން ނެވެ.