މާރާމާރީ ހިންގުން

އައްޑޫ ސިޓީގައި 2015 ވަނަ އަހަރު ހިނގި މާރާމާރީއެއްގައި މީހަކު މަރާލި މައްސަލާގައި ހަތަރު މީހެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައިފި އެވެ.

އެ މާރާމާރީގައި މަރުވެފައިވަނީ އައްޑޫ ސިޓީ، ހިތަދޫ އަތީނާ، ހުސެއިން ޝިއާރެވެ. އޭނާ މަރުވެފައިވަނީ މާރާމާރީގައި ލިބުނު ޒަހަމްތަކަށް ފަރުވާދެމުން ދަނިކޮށެވެ. މި މައްސަލާގައި ދައުވާ އުފުލާފައިވަނީ ހިތަދޫ، ޗާނދުމާގެ އަލީ ޝަމްއާން އާއި އެ ރަށު ހަނދުވަރު އިސްމާއީލް ރަޝީދާއި އެ ސިޓީ މަރަދޫ، ގަނދަކޯޅިގޭ، މުހައްމަދު އަޒާން އަލީ އަދި އެ ރަށު އޮނުފީނުގެ މުހައްމަދު ނިފާޒު އަލީގެ މައްޗަށެވެ.

މިއަދު ހެނދުނު 11:00 ގައި ބޭއްވި މި މައްސަލާގެ ދެވަނަ އަޑުއެހުން ވަނީ ސިއްރުކޮށްފަ އެވެ. އެނގިފައިވާ ގޮތުގައި މި މައްސަލާގައި ޝަރީއަތް ސިއްރުކޮށްފައިވަނީ ދައުލަތުން އެދިގެންނެވެ.

ހުސެއިން ޝިއާރު މަރާލިއިރު އޭނާގެ އުމުރަކީ 19 އަހަރެވެ. އޭނާ މަރުވެފައިވަނީ ތޫނު އެއްޗަކުން ދިން ހަމަލާގައި ބުރަކައްޓަށާއި ބޮލުގެ ދެ ތަނަކަށް ލިބުނު ސީރިއަސް ޒަހަމްތަކަށް ފަރުވާދެމުން ދަނިކޮށެވެ.