ހޮލީވުޑް

ލިންޒީ ލޯއާން އިސްލާމްވީތަ؟

Jan 17, 2017

އިންސްޓަގްރާމްގައި ކުރިން ޕޯސްޓްކުރި ހުރިހާ ފޮޓޯތަކެއް ޑިލީޓު ކުރުމަށް ފަހު ލިންޒީ ލޯއާންގެ މި އެކައުންޓް މެދުވެރިކޮށް މިހާރު ގޮވާލާފައި ވަނީ ސުލްހައިގެ ސަލާމެކެވެ. އޭނާގެ ވެރިފައިޑް އެކައުންޓްގެ ގާތްގަނޑަކަށް ހަ މިލިއަނެއްހާ ފޮލޯވަރުންނަށް ފެންނަ ގޮތަށް "ތައާރަފް" ގައި ލިޔެފައި ވަނީ މިހެންނެވެ. -- އަލައިކުމް ސަލާމް އެވެ.

ހޮލީވުޑްގެ މަޝްހޫރު ފިލްމު "މީން ގާލްސް" އާއެކު ތަރިއެއްހެން އަރައިގެން ގޮސް ދުނިޔެ އަށް މަޝްހޫރުވި އެމެރިކާގެ މި ބަތަލާގެ ރަސްމީ އިންސްޓަގްރާމް އެކައުންޓަށް ގެނައި މި ބަދަލާއެކު ވަރަށް ގިނަ ބަޔަކު ބުނަން ފަށާފައި ވަނީ "ލިންޒީ ލޯއާން މިހާރު އިސްލާމްވެއްޖެއޭ" އެވެ. ނަމަވެސް އިންސްޓަގްރާމުން ފޮޓޯތައް ޑިލީޑްކޮށްލި މައްސަލަ އާއި "އަލައިކުމް ސަލާމް" ގެ ތައާރަފެއް ދީފައިވާ މައްސަލާގައި މިހާތަނަށް 30 އަހަރުގެ މި ބަތަލާ އަދި ލަވަކިޔުންތެރިޔާ އެއްވެސް ކޮމެންޓެއްކޮށްފައެއް ނުވެ އެވެ.

އިންސްޓަގްރާމުން ހުރިހާ ފޮޓޯތަކެއް ޑިލީޓްކޮށްލުމުގެ ކުރިން އެންމެ ފަހު ޕޯސްޓަކަށް އޭނާ ހިއްސާކޮށްފައި ވަނީ ސީރިއާގެ ރެފިއުޖީންގެ މައްސަލަ އަށް އަލިއަޅުވައި އޭނާ އަމިއްލަ އަށް ލިޔެފައިވާ ޅެމެކެވެ. ސީރިއާގެ ރެފިއުޖީންނަށް އެހީވުމުގެ ކެމްޕޭން ދަތުރުތަކެއް މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އޭނާ ތުރުކީ އަށް ވެސް ކޮށްފައިވެ އެވެ. އެ ދަތުރުތަކުގައި ނަގާފައިވާ ފޮޓޯތަކުން ލިންޒީ ފެންނަނީ ބުރުގާ ވެސް އަޅައިގެން ހުއްޓަ އެވެ.

އޭނާ އިސްލާމްވީ ކަމުގެ ރިޕޯޓްތައް ފެތުރި އިސްލާމީ ދުނިޔެއިން ސޯޝަލް މީޑިއާގައި މި ބަތަލާ އަށް މަރުހަބާކިޔަން ފަށާފައިވާއިރު މިދިޔަ އަހަރު ބްރޫކްލިންގައި ބޭއްވި އިޖުތިމާއީ ހަރަކާތެއްގައި ވެސް މުސްހަފެއް ހިފަހައްޓައިގެން ހުއްޓައި ފެންނަ ލިންޒީގެ ފޮޓޯއެއް އާންމުވެފައިވެ އެވެ. އެކަމާ ގުޅިގެން ސުވާލު ކުރުމުން ފަހުން އޭނާ ބުނެފައި ވަނީ ގުރުއާނުގެ އެ މުސްހަފަކީ ރައްޓެއްސަކު ހަދިޔާކުރި ފޮތެއް ކަމަށާއި އޭނާ އަކީ އަބަދުވެސް ވަރަށް ދީނީ ކަންކަމަށް ލޯބިކުރާ އަދި އާ ކަންކަން ދަސްކުރަން ބޭނުންވާ މީހެއް ކަމަށެވެ.

ޑިޒްނީގެ ތަރިއެއްގެ ގޮތުގައި ލޯއާން އެންމެ ފުރަތަމަ ބެލުންތެރިންގެ ސަމާލުކަން ހޯދީ 1998 ވަނަ އަހަރުގެ ރީމޭކެއް ކަމުގައިވާ "ދަ ޕޭރެންޓް ޓްރެޕް" އިންނެވެ. އެއަށް ފަހު 2004 ވަނަ އަހަރު ނެރުނު ފިލްމު "މީން ގާލްސް" ގެ ކާމިޔާބީ އަށް ފަހު ދުނިޔެ އަށް މަޝްހޫރުވުމަށް ފަހު ދެން އެފަދަ ކާމިޔާބީއެއް ބޮޑު ސްކްރީނުގައ ތަކުރާރުކުރެވިފައެއް ނުވެ އެވެ.

އޭގެ ބަދަލުގައި އޭނާގެ ވާހަކަ ފަހުން ސުރުހީތަކަށް އަރާފައި ވަނީ އަހުލާގީ ތަފާތު އެކި މައްސަލަތަކާ ގުޅިގެންނެވެ. މަސްތުގެ ހާލަތުގައި އިނދެ ކާރު ދުއްވުމާއި ވައްކަންކުރުން ފަދަ ކުށްތަކުގައި ހައްޔަރުކޮށް ޖަލަށް ލާފައިވާއިރު ތިން ފަހަރެއްގެ މަތިން ރިހެބުގައި ވެސް ފަރުވާ ހޯދާފައިވެ އެވެ.