އެކްސިޑެންޓް

ޝިއުނާ މަރުވި މައްސަލާގައި ޑްރައިވަރަށް ދައުވާކޮށްފި

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ރ. ރަސްގެތީމު، ފާތުމަތު ޝިއުނާ 28، މަރުވި މައްސަލާގައި ކާރު ދުއްވަން އިން މީހާގެ މައްޗަށް ދައުވާ އުފުލައިފި އެވެ. ކާރު ދުއްވާފައި ވަނީ ގ. ސީވޭވް، އަހުމަދު މަލްދާން އަލީ އެވެ.

އެ އެކްސިޑެންޓް ހިނގާފައިވަނީ ހުޅުމާލޭގައި ނިރޮޅު މަގުން އެޗްޑީސީ ކައިރީގަ އެވެ. އެކްސިޑެންޓް ހިނގަން މެދުވެރިވީ ޝިއުނާ އިން ސައިކަލްގެ ފަހަތުން ބާރު ސްޕީޑްގައި ދުއްވާފައި އައި ކާރު ޖެހުމުގެ ސަބަބުންނެވެ. އެ އެކްސިޑެންޓްގައި ސައިކަލް ދުއްވަން އިން މުހައްމަދު ޝާހިދަށް ވެސް އަނިޔާވި އެވެ.

އަހުމަދު މަލްދާން އަލީގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ މީހަކު މަރުވެދިޔުމުގެ އިހުމާލުގެ އަމަލެއް ކުރުމުގެ ދައުވާ އެވެ. އެ ދައުވާ އުފުލީ އާގާނޫނުލް އުގޫބާތުގެ 112 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެ މާއްދާގެ (ށ) ގެ ދަށުންނެވެ.

އެ ކުށުގެ އެންމެ ބޮޑު އަދަބަކީ ހަތަރު އަހަރުގެ ޖަލު ހުކުމެވެ. މި މައްސަލާގައި ޝަރީއަތް މާދަމާ ފެށުމަށް ވަނީ ތާވަލުކޮށްފަ އެވެ. އަޑުއެހުން ތާވަލުކޮށްފައިވަނީ މެންދުރުފަހު 1:00 އަށެވެ.

ޝިއުނާ މަރުވިއިރު އޭނާގެ ހަތް އަހަރުގެ ދަރިއަކު ހުރެ އެވެ. އޭނާ މާލެ އައީ، މަންމަ އާއި ދައްތަ ހައްޖަށް ފޮނުވުމަށެވެ.