ދުންޔާ މައުމޫން

އަންހެނުން ބާރުވެރިކުރަން ރާއްޖެ ގިނަ މަަސައްކަތްތަކެއްކޮށްފައިވޭ: ދުންޔާ

ޕާކިސްތާނުގައި މިހާރު ކުރިއަށްދާ ސައުތު އޭޝިއަން ވިމެންސް އެލަޔަންސް (ސަވާ) އޮފް ކޮމިއުނިޓީ ލީޑާސްގެ ސަރަހައްދީ ބައްދަލުވުމުގެ ޝަރަފުވެރި މެހެމާނުގެ ގޮތުގައި ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ދުންޔާ މައުމޫން ތަގުރީރު ކުރައްވައިފި އެވެ.

އަންހެނުން ބާރުވެރިކުރުވުމުގެ ބޭނުމުގައި ބޭއްވި އެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ދުންޔާ ވިދާޅުވީ، ގޮންޖެހުންތަކާއި ހުރަސްތައް ހުރި ނަމަވެސް ރާއްޖޭގެ ސިޔާސީ ދާއިރާގައި އަންހެނުން ހަރަކާތްތެރިވަމުންދާ ކަމަށެވެ. އަންހެނުންގެ ދައުރު ވެސް ވަރަށް ބޮޑު ކަމަށެވެ.

ރާއްޖޭގައި އަންހެނުންގެ ހައްގުތައް ރައްކާތެރިކުރުމަށާއި އަންހެނުން ބާރުވެރިކުރުވުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަން ދުންޔާ ފާހަގަކުރެއްވި އެވެ. އެގޮތުން ސީޑޯ މުއާހަދާ ތަސްދީގު ކުރުމާއި އަންހެނުންނާ ދެކޮޅަށް ކުރާ އަނިޔާ ހުއްޓުވުމުގެ ގާނޫނާއި ޖެންޑާ އީކުއަލިޓީ ގާނޫނުތައް ފާސްކޮށްފައިވާކަން ދުންޔާ ފާހަގަކުރެއްވި އެވެ.

އެހެނަމަވެސް އަދިވެސް އަންހެނުންނަށް ސިޔާސީ ދާއިރާގައި ގޮންޖެހުންތައް ހުރިކަން ދުންޔާ ފާހަގަކުރެއްވި އެވެ. އެހެން ދިމާވަނީ ދުންޔާ ވިދާޅުވި ގޮތުގައި، މުޖުތަމައުގައި އަދިވެސް އިހު ޒަމާނުންސުރެ އަންހެނުންނާމެދު ދެކެމުން އައި ގޮތްތައް ބަދަލުނުވާތީ އެވެ. ދައުލަތުގެ އިސް މަގާމުތަކާއި ސަރުކާރުގެ ސިޔާސަތުތައް ކަނޑައެޅުމުގެ ފަންތީގައި އަންހެނުންނަށް ހަރަކާތްތެރިވުމުގައި ގޮންޖެހުންތައް އަންހެނުންނަށް ހުރިކަން ފާހަގަކުރެއްވި އެވެ.

"ސިޔާސީ ދާއިރާގައި އަންހެނުން ހަރަކާތްތެރިވުމުގައި ރާއްޖޭގެ ރަށްތައް ޖޯގްރަފީގެ ގޮތުން ބެހިފައިވާ ގޮތުން ދަތުރުފަތުރު ކުރުމަށް އުނދަގޫވުމަކީ ވެސް ވަރަށް ބޮޑު ގޮންޖެހުމެއް، ބައްދަލުވުންތަކަށާއި ތަމްރީނުތައް އެއް ރަށުން އަނެއް ރަށަށް އަންހެނުންނަށް ދަތުރުކުރަން ޖެހުމަކީ ފަސޭހަ ކަމެއް ނޫން، އެހެންވަނީ އަންހެނުން އާއިލާގައި އަދާކުރަން ޖެހޭ ދައުރުގެ ސަބަބުން،" ދުންޔާ ވިދާޅުވި އެވެ.

ދުންޔާ ވިދާޅުވީ، ގޮންޖެހުންތަކާއެކު ވެސް ސިޔާސީ ޕާޓީތަކުގައި އަންހެނުން އިސް ސަފުގައި ހަރަކާތްތެރިވަމުންދާ ކަމަށާއި އަންހެނުންގެ ބައިވެރިވުން އިތުރުވަމުންދާ ކަމަށެވެ. އަދި އަންހެނުންނަށް އެ މާހައުލު ފަހިކޮށްދޭން ޖެހޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

ފޮރިން މިނިސްޓަރުކަން ކުރެއްވިއިރު އެ މިނިސްޓްރީގެ ޑިޕްލޮމެޓުންގެ މެޖޯރިޓީއަކީ އަންހެން ކަނބަލުންނަށް ހެދުމަށް އިސްކަން ދެއްވި ކަމަށް ދުންޔާ ވިދާޅުވި އެވެ.

މި ބައްދަލުވުމުގައި ރާއްޖޭގެ ބައެއް އެހެން އަންހެން ބޭފުޅުން ވެސް ބައިވެރިވެލައްވަ އެވެ. އޭގެ ތެރޭގައި ކުރީގެ މިނިސްޓަރު އަނީސާ އަހުމަދު ވެސް ހިމެނެ އެވެ.