ބޮލީވުޑް

ސަންޖޭގެ ބައޮޕިކާއި ސަލްމާންގެ "ޓައިގާ ޒިންދާ ހޭ" އެއްދުވަހު

Jan 18, 2017

މިއަހަރު ރިލީޒްކުރި ފުރަތަމަ ހިންދީ ފިލްމު މިދިޔަ ހުކުރު ދުވަހު ރިލީޒްކޮށްފައިވާއިރު، އެ ފިލްމާއެކު ބޮކްސް އޮފީހުގެ ވާދަވެރިކަން މިވަނީ ފެށިގެން ގޮސްފަ އެވެ.

މި އަހަރުގައި ރިލީޒްކުރުމަށް ހަމަޖެހިފައި ހުރި ގިނަ ފިލްމުތައް ކަނޑައަޅައި ރިލީޒްކުރާ ތާރީހު ވެސް އިއުލާންކޮށްފައިވާއިރު އޭގެތެރެއިން ބައެއް ފިލްމުތަކަކީ އެހެން ފިލްމުތަކާ އެއް ދުވަހެއްގައި ރިލީޒްކުރަން ޖެހި، ބޮކްސް އޮފީހުގައި ކުރިމަތިލުމަކަށްދާނެ ފިލްމުތަކެވެ.

އެގޮތުން ޑިސެމްބަރު މަހުގެ ފަހުކޮޅު މަޝްހޫރު އެކްޓަރު ސަންޖޭ ދަތުގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވާއިރު، އެ ފިލްމާއެކު ސުޕަސްޓާ ސަލްމާން ޚާން އާއި ކެޓްރީނާ ކައިފްގެ ފިލްމު "ޓައިގާ ޒިންދާ ހޭ" ވެސް ރިލީޒްކުރަން ވަނީ ނިންމާފަ އެވެ.

ޔާޝް ރާޖް ފިލްމްސްއިން 2012 ވަނަ އަހަރު ނެރުނު "އޭކް ތަ ޓައިގާ" ގެ ދެވަނަ ބައިގެ ގޮތުގައި ނެރޭ "ޓައިގާ ޒިންދާ ހޭ" އާއި ސަންޖޭގެ ބައޮޕިކް އެއް ދުވަހެއްގައި ރިލީޒްކުރަން ހަމަޖެހިގެން ދިއުމާއެކު ބޮކްސް އޮފީހުގައި މި ދެ ފިލްމުގެ ބޮޑު ކުރިމަތިލުމެއް ދާނެ ކަމަށް އަންނަނީ ބުނަމުންނެވެ.

މިދިޔަ ހޮނިހިރު ދުވަހު ޝޫޓިން ފެށި ސަންޖޭގެ ބައޮޕިކާއި "ޓައިގާ ޒިންދާ ހޭ" އެއް ދުވަހެއްގައި ރިލީޒްކުރަން ނިންމުމުން އެވާހަކަތައް މާގަދަޔަށް ދެކެވެމުން އަންނަނީ ސަލްމާން އާއި ރަންބީރާ ދެމީހުންނަކީ އެކަކު އަނެކަކާ މެދު މާ ރުހޭ ދެމީހުންނެއް ނޫނެވެ. ސަލްމާން އާއި ލޯބީގެ ގޮތުން ގުޅިގެން އުޅެމުން ކެޓްރީނާ އޭނާ ދޫކޮށް ރަންބީރު އާ ލޯބީގެ ގޮތުން ގުޅުނު ހިސާބުން އެދެތަރިން ދެމެދުގައި ވަރުގަދަ ޒާތީ ހަސަދަވެރިކަމެއް އޮވެ އެވެ.

އަނެއްކޮޅުން ކެޓްރީނާ އާއި ރަންބީރުއާ ވެސް މިހާރު ރުޅިވެފައިވާއިރު، އެދެތަރިންގެ ދެ ފިލްމެއް އެއް ދުވަހެއްގައި ރިލީޒްވާތީ ބޮކްސް އޮފީހުގައި ކުރީ ދެ ލޯބިވެރިންގެ ވަރުގަދަ ކުރިމަތިލުމެއް ވެސް ފެނިގެންދާނެ އެވެ.

މީގެއިތުރުން ސަލްމާން އާއި ސަންޖޭ އަކީ ކުރީގެ ވަރަށް ގާތް ދެ އެކުވެރިން ނަމަވެސް އެ ދެތަރިންގެ ދެމެދުގައި މައްސަލަތަކެއް ޖެހި، އެ ދެމެދުގައި އޮތް ގާތް އެކުވެެރިންކަން ވަނީ ނިމުމަކަށް އައިސްފަ އެވެ. އެހެންކަމުން މި ދެ ފިލްމުގެ ކުރިމަތިލުމަށް ވުރެން ބޮޑަށް މިއީ ސަލްމާން އާއި ރަންބީރު އަދި ސަންޖޭގެ ކުރިމަތިލުމެކެވެ.

"އޭކް ތަ ޓައިގާ" އަކީ 2012 ވަނަ އަހަރު ނިކުތް އެންމެ ކާމިޔާބު ފިލްމުގެ ތެރޭގައި ހިމެނޭ ފިލްމަށްވީއިރު، ސަންޖޭގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމަކީ ކާމިޔާބު ފިލްމު "ޕީކޭ" ގެ ޑައިރެކްޓަރު ރާޖް ކުމާރު ހިރާނީ އުފައްދާ ފިލްމެކެވެ.

ސަންޖޭ ބައޮޕިކްގެ ޝޫޓިން ފެށިގެން ކުރިއަށްދިޔަ ނަމަވެސް "ޓައިގާ ޒިންދާ ހޭ" ގެ ޝޫޓިން އަދި ފަށާނެ ދުވަހެއް ހާމައެއް ނުކުރެ އެވެ. ނަމަވެސް އެ ފިލްމު ޑިސެމްބަރު 22 ވަނަ ދުވަހު ރިލީޒްކުރާނެކަން ވަނީ ހާމަކޮށްފަ އެވެ.