ބޮލީވުޑް

އަންހެނުންނަށް ފުރައްސާރަ ކުރުމާ ދެކޮޅަށް އާތިފް އަސްލަމް ދެއްކި ނަމޫނާ

Jan 18, 2017
1

ޕާކިސްތާނުގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި ބޮލީވުޑްގެ ފިލްމުތަކަށް ލަވަ ކިޔައިދީގެން ބޮޑު މަގުބޫލު ކަމެއް ހޯދާފައިވާ އާތިފް އަސްލަމް، މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ޕާކިސްތާނުގެ ކަރާޗީގައި ދެމުންދިޔަ ޝޯއެއް މެދުކަނޑާލީ ފިރިހެނުންތަކެއް ފުރައްސާރަ ކުރަމުން ދިޔަ އަންހެން ކުއްޖަކު ސަލާމަތްކޮށްފަ އެވެ.

އެ އަންހެންކުއްޖާ އަށް ފުރައްސާރަކުރަމުން ދިޔަ ފިރިހެން ގްރޫޕުގެ ކިބައިން އާތިފް އަސްލަމް އެކުއްޖާ ސަލާމަތްކުރާ ވީޑިއޯ ސޯޝަލް މީޑިއާގައި ދައިރުވަމުން އަންނައިރު، އޭނާ އަށް ގިނަ ބައެއްގެ ތައުރީފު ދަނީ އޮހެމުންނެވެ.

ދައުރުވަމުން އަންނަ ވީޑިއޯއިން ފެންނަ ގޮތުގައި ލަވަކިޔަމުން ދިޔަ އާތިފް އަސްލަމް ވަނީ ޝޯ ބަލަން އެއްވެ ތިބި އާންމުންގެ ތެރޭގައި އެންމެ ކުރީގައި އިން އެ އަންހެންކުއްޖާ އަށް ފިރިހެނުންގެ ގްރޫޕަކުން ފުރައްސާރަކުރާތަން ފެނުމުން ލަވަކިޔުން ހުއްޓާލުމަށްފަހު އެ އަންހެން ކުއްޖާ ސަލާމަތްކޮށްފަ އެވެ.

ލަވަކިޔުން ހުއްޓާލުމަށްފަހު އަންހެން ކުއްޖާ އަށް ފުރައްސާރަކުރަމުން ދިޔަ ފިރިހެން ގްރޫޕާ ކައިރިވެ އާތިފް އަސްލަމް ވަނީ މައިކް އޮންކޮށްގެން ހުރެ، "ދުވަހަކު ވެސް އަންހެން ކުއްޖަކު ނުދެކެންތަ؟ މިތަނުގައި ކަލޭމެންގެ މަންމަ ނުވަތަ އަންހެން ކޮއްކޮ ވެސް ހުރުން އެކަށީގެންވޭ!" ފިރިހެން ކުދިންގެ ގްރޫޕާ ދިމާލަށް ވަރަށް ރުޅިއައިސް ހުރެގެން ބުނެފަ އެވެ.

އެއަށްފަހު އާތިފް އަސްލަމް ވަނީ އޭނާގެ ސެކިއުރިޓީ ގާޑުން ކުރެން އޭނާ ސަލާމަތްކުރަން ބޭނުންވާ ކަމަށާއި އަދި އަންހެންކުއްޖާ ސްޓޭޖަށް ނެގުމަށްފަހު އެތަނުން ދުރަށް ގެންގޮސްފަ އެވެ.

އަންހެން ކުއްޖާ އަށް ފުރައްސާރަ ކުރަމުން ދިޔަ ގްރޫޕުގެ ކިބައިން އެކުއްޖާ ސަލާމަތްކުރުމާއެކު ޝޯ ބަލަން އެއްވެ ތިބި މީހުން އެއް އަޑަކުން "އާތިފް" އަށް ގޮވައި އޭނާ ދެއްކި ނަމޫނާ އަށް އަންނަނީ ތައުރީފު ކުރަމުންނެވެ.