ދުނިޔެ

މުސްލިމް ބްރަދަހުޑްގެ ލީޑަރަށް މިސްރުން މަރުގެ ހުކުމް އިއްވައިފި

އެގައުމުގެ ގީޒާގެ ކްރިމިނަލް ކޯޓުން މި ހުކުމް މިއަދު އިއްވާފައިވީ ނަމަވެސް ހުކުމުގައި ރަސްމީ ސިފަ ޖެހިގެންދާނީ ގައުމުގެ މުފްތީއާ މަޝްވަރާކުރެއްވުމަށް ފަހު އެ ބޭފުޅާ ދެއްވާ ލަފައަކަށް ބިނާކޮށް އަންނަ އެޕްރީލް މަހުގެ 11 ވަނަ ދުވަހު އެވެ. މަރުގެ ހުރިހާ މައްސަލަތަކެއްގައި ވެސް އެންމެ ފަހު ބަސް މިސްރުގައި ވިދާޅުވާ ބޭފުޅަކީ އެގައުމުގެ އިސް މުފްތީ އެވެ.

ނަމަވެސް އެ ބޭފުޅާގެ ނިންމެވުމަކީ ވެސް ބަދަލުނުކުރެވޭ ފެންވަރުގެ ނިންމެވުމެއް ނޫނެވެ.

މުސްލިމް ބްރަދަހުޑްގެ ލީޑަރާއި އިތުރު 13 މެމްބަރެއްގެ މައްޗަށް މަރުގެ ހުކުމް އިއްވާފައި ވަނީ މުސްލިމް ބްރަދަހުޑުން މިސްރުގެ ވެރިކަމަށް ވަޑައިގެންނެވި މުހައްމަދު މުރްސީގެ ވެރިކަން އަސްކަރިއްޔާ އިން ވައްޓާލުމާ ގުޅިގެން އެގައުމުގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެންނެވެ.

އެ ހަމަނުޖެހުންތަކުގައި ފުލުހުންގެ މަރުކަޒުތަކާއި ގިނަ އަދަދެއްގެ ފައްޅިތަކަކަށް ނުރައްކާތެރި ހަމަލާތަކެއް ދީފައިވާއިރު ދައުލަތުން ބުނަނީ އެ ޖަރީމާތަކުގެ ފަހަތުގައި ވަނީ މުސްލިމް ބްރަދަހުޑް ކަމަށެވެ. މުސްލިމް ބްރަދަހުޑް ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ކަނޑައަޅައި މިސްރުގެ ސިޔާސީ މައިދާނުން އަލުން މަނާކޮށްފައި ވަނީ ވެސް މި ސަބަބާ ހެދި އެވެ.

މިސްރުގެ އަސްކަރިއްޔާ އިން މުރްސީގެ ވެރިކަން ނިމުމަކަށް ގެނައީ ސަރުކާރުގެ ސިޔާސަތުގައި "ދީނީ ގޮތުން ހައްދު ފަހަނަޅައި ގޮސްފައިވާ" ކަމަށް ބުނެ ގިނަ އަދަދެއްގެ ބަޔަކު އެ ބޭފުޅާގެ އިސްތިއުފާ އަށް ގޮވާލައި ސިލްސިލާ މުޒާހަރާތަކެއް ކުރަމުން ދަނިކޮށެވެ.

މުރްސީގެ ވެރިކަން ވައްޓާލުމަށް ފަހު އެ ބޭފުޅާގެ ގިނަ އަދަދެއްގެ ސަޕޯޓަރުންގެ މައްޗަށް މިސްރުން މަރުގެ ހުކުމް އިއްވާފައިވާއިރު މުޒާހަރާ އާއި ހަމަނުޖެހުންތަކުގެ މައްސަލާގައި މުރްސީގެ މައްޗަށް ވެސް ދަނީ ޝަރީއަތް ހިންގަމުންނެވެ.

ބްރަދަހުޑްގެ މެމްބަރުންގެ މައްޗަށް ޓެރަރިޒަމްގެ ތުހުމަތުގައި ދައުވާކޮށް ހުކުމް އިއްވަމުން ގެންދާއިރު މިސްރުގެ ކުރީގެ ރައީސް ހުސްނީ މުބާރަކްގެ މައްޗަށް އިއްވި ހުކުމް ބާތިލުކޮށް ބައެއް ދައުވާތައް ގެންގޮސްފައިވާކަން ވެސް ފާހަގަކޮށްލެވެ އެވެ.