ހަބަރު

ޖަލުތަކުގެ ނިޒާމް ބަދަލުކޮށް އާ ނިޒާމެއް ތައާރަފް ކުރަނީ

Mar 17, 2015
1

މި ސަރުކާރުން ދެން ޖަލުތައް ތަރައްގީ ކުރާނީ، ރާއްޖޭގައި އަދި ޕްރެކްޓިސް ނުކުރާ މުޅިން އާ ނިޒާމަކަށް ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ. 

ޓީވީއެމް، "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ރޭ ވާހަކަފުޅު ދައްކަވަމުން އުމަރު ވިދާޅުވީ ކ. ކާށިދު އާއި ހދ. ނޭކުރަންދޫގައި ޖަލު ހަދާނީ މުޅިން އާ ނިޒާމަކަށް ކަމަށެވެ. އަދި އެ ނިޒާމުގެ މައިގަނޑު ބޭނުމަކީ ގައިދީންނަކީ ހަރުދަނާ ބަޔަކަށް ހަދައި އެ މީހުން އަނބުރާ މުޖުތަމައަށް ނެރުން ކަމަށެވެ. އަދި އެ ނިޒާމަށް މިހާރު ކެބިނެޓްގެ ރުހުން ހޯދައި މަޖިލީހަށް ހުށަހަޅަން ނިންމާފައިވާ ކަމަށް އުމަރު ވިދާޅުވި އެވެ.

"އެ ނިޒާމް ގެންނަން އެބަ ޖެހޭ ގާނޫނަށް ބަދަލެއް ގެންނަން. އެހެން ވީމާ އެކަން ކުރިއަށް ދާނެ. މިއީ މިހާރު ރާއްޖޭގައި މި ގެންގުޅޭ ޖަލުތަކުގެ ނިޒާމަށް މުޅިން ބޮޑު ބަދަލެއް އަންނާނެ ކަމެއް. އެކަމަށް ޓަކައި އަލަށް މިހަދާ ނޭކުރެންދޫ އަދި ކާށިދޫ ޖަލު ހުންނާނީ ވެސް ތަފާތުކޮށް،" އުމަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގައި މިހާތަނަށް އޮތް ޖަލުތަކުގެ ނިޒާމަކީ، ދައުލަތުން ހުރިހާ ހަރަދެއް ކުރާ ނިޒާމެއް ކަމަށާއި ގައިދީންގެ ކަމަކީ ޖަލުގައި ހަމަ ތިބުން ކަމަށެވެ. ނަމަވެސް އެއީ ބަދަލުވާން ޖެހޭ ނިޒާމެއް ކަމަށާއި ޖަލުގައި ތިބޭ އިރު ގައިދީން މަސައްކަތް ކޮށް އާމްދަނީ ވެސް ހޯދަން ޖެހޭނެ ކަމަށެވެ. އަދި ތަފާތު މަސައްކަތްތައް ދަސް ކުރުން ފަދަ ކަންކަން ކުރަން ޖެހޭ ކަމަށެވެ. 

އޭނާ ވިދާޅުވީ، ހިންމަފުށީގައި ހަދާފައި ހުންނަ ލުއި ޖަލުގައި މިހާރު ވެސް އެ ނިޒާމު ކޮންމެވެސް ވަރަކަށް އަންނަނީ ޕްރެކްޓިސް ކުރަމުންނެވެ. އެގޮތުން އެކި ބާވަތުގެ ގާ އެޅުމުގެ މަސައްކަތުގައި 200 ގައިދީން ޝާމިލް ކުރަން ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މިހާރު ގާއެޅުމުގެ މަސައްކަތުގައި އުޅޭ ގައިދީންނަށް ކޮންމެ މަހަކު ވެސް މުސާރަ ދޭ ކަމަށް ވެސް ވިދާޅުވި އެވެ. ގައިދީ އަކު ބޭނުންވާ ނަމަ ބޭންކް އެކައުންޓަށް އެ ފައިސާ ޖަމާކޮށްދޭ ކަމަށާއި އާއިލާއަށް ފޮނުވަން ބޭނުން ނަމަ އެ އިންތިޒާމް ވެސް ހަމަޖައްސައިދޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. ބައެއް ގައިދީން އެ ފައިސާ އިން އެ މީހުންނަށް ބޭނުންވާ ތަކެތި ގަތުމުގެ ފުރުސަތު ވެސް އޮވެ އެވެ.

"މީގެ ބޭނުމަކީ އެ މީހުންނަކީ ހަރުދަނާ ބަޔަކަށް ހެދުން. މި ސާލަކަށް އެ މީހުން ޖަލުގައި ތިބެފައި މުޖުތަމައަށް ނިކުންނަ އިރު، އަތުގައި ފައިސާއެއް ނެތި މަސައްކަތެއް ދަސްވެފައި ނެތީމައި އަލުން ކުށް ކުރާނީ. އޭރުން އަނެއްކާ ވެސް ޖަލަށް މި ވަންނަން ޖެހެނީ،" އުމަރު ވިދާޅުވި އެވެ.

ތިލަފުށީގައި ހަދާފައިވާ ލުއި ޖަލު މިމަހުގެ ތެރޭގައި ނޫނީ އަންނަ މަހު ރަސްމީކޮށް ހުޅުވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ކާށިދޫ އާއި ނޭކުރެން ދޫގައި ހަދާ ޖަލުގެ މަސައްކަތް ވެސް ފެށުމަށް ތައްޔާރުވެފައިވާ ކަމަށް އުމަރު ވިދާޅުވި އެވެ. އެ ޖަލުތައް ހެދުމުގައި ގައިދީންގެ އެހީތެރިކަން ހޯދާނެ ކަމަށް ވެސް ވިދާޅުވި އެވެ.