ބޮލީވުޑް

ހޮލީވުޑަށް ދިޔުމުގެ އެއްވެސް ޝައުގެއް އާމިރުގެ ނެތް

Jan 19, 2017

ބޮލީވުޑްގެ މަޝްހޫރު ދެ ބަތަލާއިން ކަމަށްވާ ޕްރިޔަންކާ ޗޯޕްޅާ އާއި ދިޕިކާ ޕަދުކޯން ހޮލީވުޑް ފިލްމު ކުޅެން ފަށައި އެ ދެތަރިންނަށް ވަނީ ކުއްލި އަކަށް ވަރަށް ބޮޑު މަގުބޫލުކަމެއް ލިބިގެން ގޮސްފަ އެވެ.

ދިޕިކާގެ ފުރަތަމަ ހޮލީވުޑްގެ ފިލްމު "ޓްރިޕަލް އެކްސް" މިދިޔަ ހުކުރު ދުވަހު އިންޑިއާގައި ރިލީޒްކޮށްފައިވާއިރު، ޕްރިޔަންކާގެ އެމެރިކަން ޓީވީ ޝޯ "ކުއަންޓިކޯ" ގެ ދެވަނަ ސީޒަން އޭނާ އަންނަނީ ޝޫޓްކުރަމުންނެވެ. އަދި އޭނާގެ ވެސް ފުރަތަމަ ހޮލީވުޑް ފިލްމު "ބޭވޮޗް" އަންނަ މެއި މަހުގެ ތެރޭގައި ރިލިޒްކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

މި ދެތަރިންގެ ފަހުން ހޮލީވުޑަށް ނިކުންނަން ޝައުގުވެރިވާ ކަމަށް ބޮލީވުޑްގެ އިތުރު ތަރިން ފާޅުކުރަމުން އަންނަިއިރު، ބަތަލާ ސޯނަމް ކަޕޫރާއި ހުމާ ގުރެއިޝީ އަށް ހޮލީވުޑް ފިލްމުތަކުން ފުރުސަތު ލިބިފައިވާ ކަމުގެ ވާހަކަތަކެއް އަންނަނީ ދެކެވެމުންނެވެ.

ބަތަލާއިން ހޮލީވުޑް ފިލްމު ކުޅެން ޝައުގުވެރިކަން ފާޅުކުރަމުން އައި ނަމަވެސް ބޮލީވުޑްގެ އެންމެ ކާމިޔާބު ތަރި އާމިރް ޚާން ވަނީ ޔޫއެސް އަށް ގޮސް ހޮލީވުޑް ފިލްމުގައި މަސައްކަތްކުރުމުގެ ޝައުގުވެރިކަމެއް އޭނާގެ ނެތް ކަމަށް ބުނެފަ އެވެ.

ނޫހަކަށް ދިން އިންޓަވިއުއެއްގައި އާމިރް ބުނެފައިވަނީ، ހޮލީވުޑަށް ދިއުމަށް ވުރެން ހިންދީ ފިލްމުތައް ކުޅެން އޭނާ މާ ގަޔާވެ ޝައުގުވެރިވާ ކަމަށާއި ފާއިތުވެ 25 ނުވަތަ 26 ވަރަކަށް އަހަރުން ފެށިގެން އޭނާ އާއި އިންޑިއާގެ އޯޑިއެންސާ ދެމެދު ވަރަށް ގާތްގުޅުމެއް އޮންނަ ކަމަށެވެ. އަދި ބެލުންތެރިންގެ ފަރާތުން އޭނާ އަށް ލިބޭ ލޯތްބަށް އޭނާ ވަރަށް އިހްތިރާމްކުރާ ކަމަށް ވަނީ ބުނެފަ އެވެ.

"ހޮލީވުޑް ފިލްމު ކުޅުމުގެ އަހަރެންގެ ޝައުގުވެރިކަމެއް ނެތް. އަހަރެންގެ ފިލްމީ ކެރިއަރުގައި ހޮލީވުޑް ފިލްމު ކުޅޭކަށް ބޭނުމެއް ނޫން" އާމިރް ބުނެފައިވެ އެވެ.

ހޮލީވުޑް ފިލްމުގެ އިތުރުން އިންޓަނޭޝަނަލް ފިލްމަކުން ފުރުސަތެއް ލިބިއްޖެނަމަ އާމިރް ހުރީ، އެ ހުށަހެޅުމެއް ރަނގަޅު ނަމަ އެ ފިލެއް ކުޅޭ ގޮތަށެވެ.

އުފެއްދުންތެރިކަމުގައި އެއްވެސް ހުރަހެއް ނެތް ކަމަށް ބުނަމުން އާމިރް ވަނީ މިސާލަކަށް އޭނާ އަށް ޖަމާނު ފިލްމެއް ކުޅެން ފުރުސަތެއް ލިބި، އެ ހުށަހެޅުމެއް އޭނާ އަށް ކަމުދާނަމަ އެފިލްމެއް ކުޅޭނެ ކަމަށް ބުނެފަ އެވެ.

ހިންދީ ސިނަމާގައި މިހާތަނަށް އުފެއްދި އެންމެ ކާމިޔާބު ފިލްމުގެ މަގާމު އާމިރްގެ "ޑަންގާލް" އަށް ވަނީ ލިބިފަ އެވެ. އިންޑިއާއިން އެކަނި އާމްދަނީގެ ގޮތުގައި ވަނީ 372 ކްރޯޑަށް ވުރެން ބޮޑު އާމްދަނީއެއް ލިބިގެން ގޮސްފަ އެވެ.

އާމިރްގެ ފިލްމުތަކަށް އިންޑިއާގެ އިތުރުން ބޭރު ދުނިޔޭގެ ގައުމުތަކުގައި ވެސް ބޮޑު އާމްދަނީއެއް ވަނީ ލިބިގެން ގޮސްފަ އެވެ.

ބޮލީވުޑްގެ ތަރިންގެ ތެރެއިން އިރްފާން ޚާން އާއި އައިޝްވާރިޔާ ރާއީ އަދި އަނިލް ކަޕޫރުގެ މީގެކުރިން ވަނީ އިންޓަނޭޝަނަލް ފިލްމުތަކުން ފެނިގެން ގޮސްފަ އެވެ.