އަވަސް ވީކެންޑް

މާލީ ދާއިރާއަށް އެންމެ ބޭނުންތެރި އެއް ސިކުނޑި!

Jan 20, 2017
5

ސްކޫލް ދައުރު އެއީ މޮޅު ދަރިވަރެކެވެ. ހާއްސަ ދާއިރާއަކީ ވިޔަފާރީގެ އިލްމުގެ މުހިންމު އެއް ބައި ކަމަށްވާ އެކައުންޓިންނެވެ. މަތީ ތައުލީމް ހާސިލް ކުރެއްވި އެއް ދާއިރާއަކީ ވެސް އެކައުންޓިންގެ އެންމެ މަތީ އެއް ދަރަޖަ ކަމަށްވާ ޗާޓެޑް އިންސްޓިޓިއުޓް އޮފް މެނޭޖުމަންޓް އެކައުންޓިން (ސީމާ) އާއި އިސްލާމީ އިގްތިސާދުގެ ހިލްމެވެ. މިހާރު ދަނީ އިސްލާމީ އިގްތިސާދުގެ ދާއިރާ އިން ދަނީ ޕީއެޗްޑީ ހައްދަވަމުންނެވެ. މިއީ ރާއްޖޭގައި އިސްލާމިކް ފައިނޭންސް ކުރިއެރުމަށް އުފައްދާފައިވާ ކުންފުނި، މޯލްޑިވްސް ސެންޓަ ފޯ އިސްލާމިކް ފައިނޭންސް (އެމްސީއައިއެފް) ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ކަމަށްވާ އިބްރާހިމް ދީދީ، އާއްމު ނަމުންނަމަ (ޑީޑީ) އެވެ.

"އޭލަވަލް ނިންމާފައި ފުރަތަމަ ވަޒީފާ އަށް ވަނީ ޕްލޭނިން މިނިސްޓްރީ އަށް. އެ ތަނުގެ ނެޝަނަލް އެކައުންޓްގެ ބައިގައި އުޅެނީ. އެ ތަނުގައި އުޅެމުން މެލޭޝިޔާ އަށް ޗާޓެޑް އެކައުންޓިންގެ ދާއިރާ އިން ކިޔަވަން ދިޔައީ،" މެލޭޝިޔާ އިން މަތީ ތައުލީމް ހާސިލް ކުރެއްވި ޑީޑީ ވިދާޅުވި އެވެ.

އޭގެ ފަހުން، ރާއްޖެ ވަޑައިގެން ކުޑަ ދުވަސްކޮޅަކު ޓޫރިޒަމް ދާއިރާއަށް ވެސް ހިދުމަތް ކުރެއްވި އެވެ. އަދި އައިލެންޑް އޭވިއޭޝަންގައި ވެސް މުހިންމު މަސައްކަތް ތަކެއް ކުރެއްވި އެވެ. ޑީޑީ، ގަބޫލު ކުރައްވާ ގޮތުގައި އޭވިއޭޝަން ދާއިރާގައި އުޅުނީ ވަރަށް ގަޔާ ވެގެންނެވެ. އަދި މި ދާއިރާގައި ގިނަ ތަޖުރިބާ ތަކެއް ވެސް ލިބިގެން ދިޔަ އެވެ.

"އައިލެންޑް އޭވިއޭޝަންގައި ގިނަ ފުރުސަތު ތަކެއް ކުރެވުނު. ގިނަ ތަޖުރިބާ ތަކެއް ވެސް ލިބުނު. އެ ތަނުގައި ލިބުނު އައިލެންޑް އޭވިއޭޝަނުން ތަރައްގީ ކުރި އެއާޕޯޓުގެ ފުލް ބިޒްނަސް ޕްލޭން ހަދަން. މި ދާއިރާގައި އުޅުނުއިރު އޭވިއޭޝަން ދާއިރާއަށް ލޯ ހުޅުވުނު،" އައިލެންޑް އޭވިއޭޝަންގެ ތަޖުރިބާ ޑީޑީ ވިދާޅުވެ ދެއްވި އެވެ.

މީގެ ފަހުން މަސައްކަތް ކުރެއްވީ ކުރީގެ ވަތަނިއްޔާގަ އެވެ. މި ގޮތުން ވަތަނިއްޔާ އިން ރާއްޖޭގައި ފޯނުގެ ހިދުމަތް ފެށި ދުވަސްވަރު އެ ކުންފުނީގެ ފައިނޭންސް ބައިގައި މަސައްކަތް ކުރެއްވި އެވެ.

"އަޅުގަނޑުގެ ކެރިއާގައި އައިލެންޑް އޭވިއޭޝަން އާއި ވަތަނިއްޔާ އިން ވަރަށް ބޮޑު ކުރި އެރުންތައް ލިބުނު. ވަތަނިއްޔާގައި ފައިނޭންސްގެ އެންމެ ސީނިއާ ދިވެއްސެއްގެ ގޮތުގައި މަސައްކަތް ކުރަން ލިބުނު. އޭރު ވަތައްނިއްޔާގެ ފައިނޭންސްގެ ހެޑަކަށް ހުންނެވި މިސްރުގެ ބޭފުޅާއަކީ ވަރަށް ތަޖުރިބާ ހުރި ބޭފުޅެއް. އެހެންވެ ގިނަ އެއްޗިހި ތަކެއް އެނގިގެން ދިޔަ. އޭނާ މަސައްކަތް ކުރި ގޮތަށް މަސައްކަތް ކުރީ. މިގޮތުން ފައިނޭންޝަލް މެނޭޖުމަންޓުގެ ގިނަ ދާއިރާ ތަކުން ތަޖުރިބާ ލިބުނު،" ޑީޑީ ވިދާޅުވި އެވެ.

ވަތަނިއްޔާއަކީ ބޭރުގެ ކުންފުންޏަކަށް ވުމުން މި ކުންފުނި ވެގެން ދިޔައީ، ޑީޑީ އަށް އެންމެ ބޮޑު އެއް ތަޖުރިބާ އަށެވެ. މިގޮތުން 20 ގައުމުގެ މީހުންނާއެކު މަސައްކަތް ކުރަމުން ފުރުސަތު ލިބުނެވެ.

"އެހެން މީހުންނާއެކު މަސައްކަތް ކުރަން ފުރުސަތު ލިބުނު. ދޭތެރެ ދޭތެރެ އިން ލިބޭ ދުބާއީ ފަދަ ގައުމުތަކުގައި އޮންނަ ބައްދަލުވުން ތަކަށް ދާން. މިގޮތުން މަލްޓި-ކަލްޗަރަލް ވެގެން ދިއުން މިއީ ލިބިގެން ދިޔަ ބޮޑު ކުރިއެރުމެއް."

އޭގެ ފަހުން ބަދަލުވީ، ހައުސިން ޑިވްލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އަށެވެ. މި ކުންފުނީގެ ފައިނޭންސް ބައިގެ ހެޑުގެ މަގާމަށެވެ.

އެޗްޑީއެފްސީ އަށް ޖޮއިން ކުރިއިރު އެ ތަނުގެ ފައިނޭންސް ބަޔަކު ނެތް އެއްވެސް ސްޓްރަކްޗާ އެއް. އެއްވެސް ކަހަކަ އޮޕަރޭޝަނަލް މެނުއަލް އެއް ނެތް. ނަމަވެސް އޭރު ކުންފުނީގައި އިންޓަނޭޝަނަލް ޝެއާ ހޯލްޑަރުން ތިބި. ވަރަށް ބޮޑެތި ކުރި އެރުންތައް ހޯދާފައި އޮތީ. އެހެންވެ ފައިނޭންސް ދާއިރާ އަށް ބޮޑު ބަދަލެއް ގެންނަން ޖެހުނީ. އެއީ ޕްރޮކިއުމަންޓް މެނުއަލްކަމުގައި ވިއަސް ނޫނީ، ފައިނޭންޝަލް މެނޭޖުމަންޓް މެނުއަލް ކަމުގައި ވިއަސް. އެހެންވެ ހުރިހާ ކަމެއް ސުމަކުން ފަށަން ޖެހުނީ. ނަމަވެސް އެކަން މާކަބޮޑު ކަމަކަށް ނުވި، ސަބަބަކީ ވަތަނިއްޔާގައި ކުރެވިފައިވާ މަސައްކަތް ތަކުން،" ޑީޑީ ވިދާޅުވި އެވެ.

"މި ކަންތައްތައް ރަނގަޅަށް ކުރެވުނުކަމުގެ ހިތްހަމަ ޖެހުން ލިބުނު. އެއީ ދުވަހަކު ވެސް އައިއެފްސީ [އިންޓަނޭޝަނަލް މަނިޓަރީ ފަންޑް] ފަދަ ފަރާތްތަކާ މުއާމަލާތް ކުރަމުން ދިޔައިރު ދުވަހަކު ވެސް އެ ބޭފުޅުން ހިތްހަމަ ނުޖެހިގެން އުޅޭކަން ނުޖެހުނު. ރާއްޖޭގެ އެންމެ ފުރަތަމަ ކުންފުނީގެ ގޮތުގައި އެޗްޑީއެފްސީ ރޭޓްކުރި އިރު އެ ތަނުގައި މަސައްކަތް ކުރެވުނު. އެ ރޭޓިން އެޖެންސީއާއެކު ހުރިހާ ކަމެއްގައި އުޅުނު. އެހެންވީމަ ރޭޓިންއަކީ ކޮބައިކަން، އެ ކަމުގައި ބޭނުން ކުރަނީ ބޭނުންކުރާ މެތަޑުތައް އެނގުނު."

ޑީޑީއަކީ އަބަދު ވެސް، ޒުވާނުންނަށް ފުރުސަތު ދެއްވަން ހިތްވަރު ދެއްވާ، އަދި ފުރުސަތު ދޭން ބޭނުންވާ ބޭފުޅެކެވެ. އެޗްޑީއެފްސީގައި މަސައްކަތް ކުރި ދުވަސްވަރު މި ފަދަ ކަމެއް ދިމާވި އެވެ. އެ ތަނަށް އަލަށް ވަޒީފާއަށް ވަތް ކުއްޖަކަށް އެކަށީގެންވާ ގޮތަށް ޕާފޯމް ނުކުރެވިގެން ވަކި ކުރުމަށް ބޯޑުން އެ ދުނީ އެވެ. ނަަމަވެސް، ޑީޑީ ބޯޑަށް ވިސްނަައި ދެއްވީ އެ ޒުވާނާ އަށް ދެވަނަ ފުރުސަތެއް ދިނުމަށެވެ. ނަތީޖާއަކީ ކޮބައި ހެއްޔެވެ؟ ސަބަބަކީ އޭނާއަށް ކުރިއަރަން މަގު ދިނުމެވެ. ނަތީޖާއަކީ މިއަދު އޭނާ ރާއްޖޭގެ ބޮޑު ކުންފުންނީގެ ފައިނޭންސް ބައިގެ އެންމެ މަތީ އެންމެ އުހަށް ދިއުމެވެ.

"އަޅުގަނޑު ވަރަށް ދެރަވާ ކަމެއް މީހަކު ކަނޑާލުން. އެހެންވެ ފުރުސަތު ދިނީ [އެ ޒުވާނާ] އަށް. ބޭނުންވީ ފުރުސަތެއް ދޭން. އެހެންވެ ފައިނޭންސް ޑިޕާޓްމަންޓުގައި އިތުރަށް ތަމްރީން ކުރީ. ނަޖީތާއަކީ އޭނާ މިހާރު ރަނގަޅު ކެރިއާއެއް ބިލްޑް ކުރުން،" ޑީޑީ ވިދާޅުވި އެވެ.

އެޗްޑީއެފްސީގައި މަސައްކަތްކުރިއިރުގެ އެހެން ވާހަކަ އެކެވެ. އެ ކުންފުނިން އެންމެ ކުރިން ރާއްޖޭގެ އެކި ހިސާބުތަކަށް ލޯނު ދުލެއް ނުކުރެ އެވެ. ނަމަވެސް ފައިނޭންސްގެ ހެޑަކަށް އިބްރާހިމް ހަވާލުވެ، ކުންފުނީގެ ބޯޑާއެކު ކުރި މަސައްކަތުން ރާއްޖޭގެ އެކި ހިސާބުތަކަށް ލޯނު ދޫކުރަން ފެށި އެވެ.

"ވަރަށް ބޮޑަށް މަސައްކަތް ކޮށްގެން ހަ ސަރަހައްދަަކަށް ލޯނު ދޫރަން ނިންމީ. ބޯޑަށް ލިބިފައި އޮތް އިމްޕްރެޝަންއަކީ ރާއްޖޭގެ އެކި ހިސާބުތަކަށް ލޯނު ދޫކުރުން ލޯނު އަނބުރާ ނުދައްކާ ކަމަށް. ނަމަވެސް ހަ ރަށެއް ނަގައިގެން ކުރި މަސައްކަތުން އެކަން ކާމިޔާބުވީ،" ޑީޑީ ވިދާޅުވި އެވެ.

އެ ކުންފުނީގައި ޑީޑީ، 2009-2012 އަށް މަސައްކަތް ކުރެވި އެވެ. މި ދުވަސްވަރު ފައިނޭންސްގެ ހެޑުގެ ގޮތުގައި ހުންނަވާ ބޯޑުގެ ލަފާގެ މަތިން ކުރި މަސައްކަތުން 400 ޕަސެންޓުގެ ކުރިއެރުމެއް ކުންފުންޏަށް ހޯދުން މިއީ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ޑީޑީ، ފާހަގަ ކުރައްވަ އެވެ.

"ފެށިއިރު އެޗްޑީއެފްސީގެ ސްޓާފް ޓާން އޯވާ ވަރަށް މަތި. ނަމަވެސް ސްޓާފުންނަށް ރަނގަޅު ކަންތައް ތަކެއް ގެނެސް ދިނިން. އެޗްޑީއެފްސީއަކީ ރަނގަޅު ތަނެއްގެ ގޮތުގައި، ވަޒީފާ އަދާކުރާ ހިތުން ވަޒީފާ އަދާކުރާ ތަނަކަށް ހެދުނު. ޖޫނިއަ ކުދިންނަށް ރަނގަޅު ތަމްރީ ތަކެއް ދެވުނު. މި ތަމްރީންތަކުގެ ނަތީޖާއަކީ މިހާރު އެއީ ކުންފުނީގެ މުހިންމު ތަނބުތަކަށްވުން،" ޑީޑީ ވިދާޅުވި އެވެ.

އެޗްޑީއެފްސީގައި މަސައްކަތް ކުރެވި އިރު ކުރި މަސައްކަތުން އެޗްޑީއެފްސީ އަށް ރަނގަޅު ކުރިއެރުން ތަކެއް ހޯއްދެވި އެވެ. އަދި މި ދުވަސްވަރު އެކްސެލެންސް އިން ބިޒްނަސް މެނޭޖުމަންޓް އެވޯޑު ޑީޑީ އަށް ލިބުނެ އެވެ.

"ފެށުނިއްސުރެން ފެށިގެން ވެސް އިސްލާމިކް ޕްރޮޑަކްޓްތަކެއް ގެންނަން ބޭނުންވި. ނަމަވެސް އޭރަކު އިސްލާމިކް ބޭންކެއް ނެތް. އެހެންވެ ދަތިކަމަށްވީ. ނަމަވެސް ޑރ. އަބްދުﷲ ޝިހާމު ގެނެސްގެން ދޭ ޕްރޮޑަކްޓްތަކާއި އޮފާ ކުރަން ބޭނުންވާ ޕްރޮޑަކްޓްތައް ކިޔައި ދިނީ. ޝިހާމު ވިދާޅުވީ ކުޑަ ބަދަލަކުން އިސްލާމިކް ޕްރޮޑަކްޓަ ތަކެއް ހެދިދާނެ އޭ. މިހެން ހުއްޓައި އަޅުގަނޑާ ދިމާވަނީ ޑރ. މުނީޒާ. އެ ތަނުން އެޗްޑީއެފްސީގެ ވާހަކަ ދެއްކުން މުނީޒާ ވެސް ޝައުގުވެރިވެ ލެއްވީ،" ޑީޑީ ވިދާޅުވި އެވެ.

މީގެ ފަހުން އެޗްޑީއެފްސީން ނެރުނު، ބައެއް އާ ޕްރޮޑަކްޓްތަކެއްގައި އިސްކޮށް އުޅުއްވި އެވެ.

"އެޗްޑީއެފްސީ، އަމްނާ އިން އިސްލާމިކް ފުރަތަަމަ ސުކޫކް އިޝޫ ކުރުމުގައިވެސް މަސައްކަތް ކުރެވުނު. އެ ތަނަށް ބޭނުންވާ ފައިސާ ހޯދުމަށް ޕްރޮޑަކްޓްތަކެއް ހުޅުވާލި. ދެހާސް ބާރަ ވަނަ އަހަރާ ހަމަ އަށް އައިއިރު ބޭރުގެ ފަންޑު މަދުވެފައި އޮތީ. އެހެންވެ ބޮންޑެއް އިޝޫކުރަން މަސައްކަތް ފެށީ. އަބަދު ވެސް އެ ވާހަކަ ދެކެވެނީ. ނަމަވެސް އެމްޑީ ބޭރުގައި ހުރި ދުވަސްވަރެއްގައި އަޅުގަނޑު ޕްރޮސްޕެކްޓާސް ހަދާފަ އެމްޑީ އަށް ހުށަހެޅީ. އެމްޑީ ވިދާޅުވީ ހިނގާށޭ ކުރި އަށް ދަމާ. މި ކަމަށް ސީއެމްޑީއޭ އިން ވަރަށް ބޮޑު އެހީތެރިކަމެއް ލިބުނު."

އެޗްޑީއެފްސީގައި އިސްލާމިކް ޕްރޮޑަކްޓްތަކެއް ގެންނަން، ކުރި މަސައްކަތްވީ އެހާ ފަސޭހަ ކަމަކަށް ނޫނެވެ. މި ކަމަށް ބޯޑުގައި ގިނަ ޗެލެންޖު ތަކެއް ކުރިމަތިވި އެވެ. ސަބަބެއް ކަމަށްވާ ބޯޑުގައި އެ ދުވަސްވަރު ތިއްބެވި ގިނަ ބޭރުގެ ބޭފުޅުން އެކަމަށް ފަސް ޖެހުމެވެ. ނަމަވެސް ބުރަ މަސައްކަތުން އެކަން ކާމިޔާބު ކުރެއްވި އެވެ.

ޑީޑީ ހުންނެވީ އިސްލާމިކް ފައިނޭންސްގެ ދާއިރާ އިން މާސްޓާސް ހައްދަވައިގެންނެވެ. އެހެންވެ ބޭނުންވީ މި ދާއިރާ އިން ކުރި އަށް ދާނެ އެވެ. މި ދުވަސްވަރު އެޗްޑީއެފްސީ އަމްނާގެ އިސް ދައުރެއް އަދާކުރެއްވި އެވެ.

"އެޗްޑީއެެފްސީ އާމްދަނީ 300 ގްރޯތެއް ލިބުނު 2015 އާ ހަމައަށް. އިސްލާމިކް ފައިނޭންސްގެ ދާއިރާ އިން މިހާރު ފުލް ސޮލިއުޝަނެއް ދެވުނު. އެހެންވެ ގްރޯވެގެން ދިޔައީ،" ޑީޑީ ވިދާޅުވި އެވެ.

އޭގެ ފަހުން ޑީޑީ ގުޅިވަޑައިގަތީ، މޯލްޑިވްސް ސެންޓަ ފޯ އިސްލާމިކް ފައިނޭންސް (އެމްސީއައިއެފް) ކުންފުންޏަށެވެ. ސަރުކާރުގެ 100 ޕަސެންޓް ހިއްސާ އޮތް، މި ކުންފުނި ސަރުކާރުން އުފެއްދެވީ ރާއްޖެ މާލީ ދާއިރާގެ ހަބަކަށް ހެދުމަށެވެ. މިގޮތުން ކުންފުނިން މިހާރު ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ޑީޑީ އާއި ޑރ. މުނީޒާ އަދި ބޭރުގެ މާހިރުންގެ ބޯޑެއް ހިމަނައިގެން، ކުރަމުންދާ ބުރަ މަސައްކަތުގެ ނަތީޖާ ވެސް ދަނީ ފެންނަމުންނެވެ.

"އަޅުގަނޑު ގަބޫލުކުރަނީ މި ފުރުސަތު ލިބުނީ އިސްލާމިކް ފައިނޭންސް ތަރައްގީ ކުރަން ކުރި މަސައްކަތް މި ދާއިރާގެ ބޭފުޅުން ބަލައިގެންފައިވާތީ ކަމަށް. މިއީ ޗެލެންޖިން ކަމެއް. މިއީ ވަރަށް ބްރޯޑް މެންޑޭޓެއް. މި ކަމުގައި ތައުލީމް ދޭން ޖެހޭ. މީހުން ހޭލުންތެރި ކުރުވަން ޖެހޭ. ކޮންސެލްޓެންސީ ދޭން ޖެހޭ. ޕްރޮޕަޓީ ޑިވްލޮޕް ކުރަން ޖެހޭ،" ޑީޑީ ވިދާޅުވި އެވެ.

މި މަސައްކަތުގައި އެމްސީއައިއެފް ކުންފުނީގެ ގާބިލް ބޯޑާއެކު، ސަރުކާރާ ގުޅިގެން ދަނީ ގިނަ މަސައްކަތް ތަކެއް ކުރަމުންނެވެ. މި މަސައްކަތުގައި ޑީޑީގެ މަގުސަދަކީ އެންމެން ވެސް ބޭނުންވާ ގޮތެވެ. ރާއްޖެއަކީ މާލީ ދާއިރާގެ ހަބަކަށް ހެދުމެވެ. ރާއްޖޭގެއަކީ އިސްލާމިކް ފައިނޭންސްގެ ދާއިރާގައި އެންމެ ވަރުގަދަ، އަދި އެންމެ ބާރުގަދަ އެއް ގައުމަށް ހެދުމެވެ. ހަމަޔަގީނުންވެސް މިކަމަށް އެންމެ "ފިޓު" އެއް ސިކުނޑައަކީ މިއީ އެވެ.