ހަބަރު

ގައުމީ އެއްބައިވަންތަކަމުގެ ގުޅުމެއް އުފައްދަން އަދާލަތުން ހުރިހާ ޕާޓީތަކަށް ގޮވާލައިފި

Mar 17, 2015
9

ރާއްޖެ ހިމާޔާތްކޮށް އަނިޔާވެރިކަމާ ދެކޮޅަށް މަސައްކަތް ކުރުމަށް ހުރިހާ ސިޔާސީ ޕާޓީއެއް އެކުލެވޭ ގައުމީ އެއްބައިވަންތަކަމުގެ ގުޅުމެއް އެކުލަވައިލުމަށް އަދާލަތު ޕާޓީން ގޮވާލައިި، ހުރިހާ ސިޔާސީ ޕާޓީއަކަށާއި މަދަނީ ޖަމިއްޔާތަކަށާއި ޖަމާއަތަތްކަށް އަދާލަތު ޕާޓީން ދައުވަތު ދީފި އެވެ.

އެ ޕާޓީގެ އޮފީހުގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އެ ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވީ، މި ސަރުކާރުން މިހާރު އަމަލު ކުރަމުން މިދަނީ މީގެ 30 އަހަރު ކުރީގައި އޮތް ފަދަ އަނިޔާވެރިކަމުގެ ވެރިކަމުން އަމަލުތައް ކުރިގޮތަށް ކަމަށެވެ. އަދި ފަސާދަ އާއި އަނިޔާވެރިކަން އާންމުވުމުން އެކަމުން ގައުމު ސަލާމަތް ކުރެވެން އަންނަނީ ހުރިހާ އެންމެން ގުޅިގެން އެކުގައި މަސައްކަތް ކޮށްގެން ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެ މަސައްކަތުގައި ކޮންމެ ބަޔަކާ ގުޅިގެން މަސައްކަތް ކުރުމަށް ވެސް އެ ޕާޓީ އިން އޮތީ ތައްޔާރަށް ކަމަށެވެ. އިމްރާން ވިދާޅުވީ ސަރުކާރުގެ އަމަލުތައް ހުއްޓުވުމަށް އުފައްދާ ގުޅުމުގައި ބައިވެރިވުމުގެ ފުރުސަތު ސިޔާސީ ޕާޓީތަކުގެ އިތުރުން މަދަނީ ޖަމްއިއްޔާތައް އަދި އަމިއްލަ ފަރުދުންނަށް ވެސް އޮންނާނެ އެވެ.

"އަޅުގަނޑުމެން މިތިބީ މި ދައުވަތަށް އަންނަ ފަރާތްތަކަށް އިންތިޒާރުކޮށްގެން. އެ ފަރާތްތައް އައިމާ އަޅުގަނޑުމެން އެ ހަރަކާތްތައް ގެންދާނެ ގޮތްތަކެއް އެންމެން އެކުގައި މަޝްވަރާ ކޮށް ނިންމާނީ. އަޅުގަނޑުމެން އެންމެން ގުޅިގެން މި ގައުމު ސަލާމަތް ކުރުމަށް މިހާރު މިއީ ނިކުންނަންވީ ވަގުތު. ރާއްޖޭގެ ސިޔާސީ މައިދާން މިހާރުވެސް މި އަންނަނީ ވަރަށް ބާރު ދުވެލީގައި ބަދަލުވަމުން،" އިމްރާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ސަރުކާރުގެ އަމަލުތައް ހުއްޓުވަން ކުރެވެން ހުރި ކޮންމެ ގޮތަކަށް އަދާލަތު ޕާޓީ އިން މަސައްކަތް ކުރާނެ އެވެ. އަދި އެކަން ކުރެވެން އަންނަނީ އެ ޕާޓީއާ އެކު އިސްނަގައިގެން ހުރިހާ ފަރާތްތަކުގެ މަސައްކަތުން ކަމަށް އިމްރާން ވިދާޅުވި އެވެ. އަދާލަތު ޕާޓީގެ މެންބަރުން ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިބި ނަމަވެސް އެކަމާ ގުޅޭ ގޮތުން ވަކި އެއްޗެއް ދެންނެވެން ނެތް ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ. އަދި އެކަމާ މެދު އަމަލު ކުރާނެ ގޮތަކާ މެދު އިލްމްވެރިންގެ މަޖިލީހުގައި މަޝްވަރާކޮށް ގޮތެއް ނިންމާނެ ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ.