ބަލި ނުވެ 40 މެޗް ހަމަ ކުރިތާ ހަފުތާ އެއް ނުވަނީސް، ސްޕެނިޝް ކަޕްގައި ރޭ ސެލްޓަ ވީގޯ އަތުން 2-1 ގެ ނަތީޖާ އަތުން ވީ ބައްޔާއެކު ޖެހިޖެހިގެން ދެ މެޗުން ބަލިވެ ރެއާލް މެޑްރިޑްގެ ބާރު ކެނޑިއްޖެ އެވެ.
ރޭ ގެ މެޗުން ރެއާލް ބަލިވީ ސްޕެނިޝް ލީގްގައި ސެވިއްޔާ އަތުން 2-1 ބަލިވިތާ ތިން ދުވަސް ތެރޭ ގައެވެ.
މިއީ ޒިދާންގެ ކޯޗު ކަމުގެ ދަށުން ރެއާލް ޖެހިޖެހިގެންވީ ބައްޔެވެ. އަދި މިއީ އޭނާގެ ކޯޗު ކަމުގެ ދަށުން ރެއާލް ބަލިވި ހަތަރު ވަނަ މެޗެވެ. މި ސީޒަންގައި ދެ ބަލި ވެފައިވާއިރު އަނެއް ދެ ބަލިވީ މިދިޔަ ސީޒަންގަ އެވެ. ރެއާލްގެ ދަނޑުގައި ކުޅުނު މެޗްގައި ފުރަތަމަ ލީޑް ނެގީވެސް، ސެލްޓަވީގޯ އިން ނެވެ.
މެޗުގެ 64 ވަނަ މިނެޓްގައި އެ ޓީަމށް ލީޑް ނަގައިދިނީ އިއާގޯ އެސްޕަސް އެވެ. އޭގެ ފަސް މިނެޓް ފަހުން ރެއާލް އަށް ނަތީޖާ ހަމަހަމ ކޮށްދިން ލަނޑު ކާމިޔާބު ކުރީ މާސެލޯ އެވެ. ނަމަވެސް މެޗްގެ 70 ވަނަ މިނެޓްގައި ސެލްޓަވީގޯ މެޗުން މޮޅު ކޮށްދިން ލަނޑު ކާމިޔާބު ކުރީ ޖޯނީ ކާސްޓްރޯ އެވެ.