ވިޔަފާރި

ރާއްޖެ ވަނީ އޯޝަން އިކޮނޮމީއަކަށް ފައްކާވެފައި: އިކޮނޮމިކް މިނިސްޓަރު

Mar 17, 2015

ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކުގެ ސަބަބުން އޯޝަން އިކޮނޮމީއަކަށް ރާއްޖެ ފައްކާވެފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

"މޯލްޑިވްސް މެރިން އެކްސްޕޯ" ފަށަން ދަރުބާރުގޭގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ސައީދު ވިދާޅުވީ މޯލްޑިވްސް މެރީން އެކްސްޕޯ ފަދަ އެގްޒިބިޝަންތަކުގެ ބޭނުން ބޮޑުވެފައިވާ ކަމަށެވެ.

"އަޅުގަނޑުމެންނަށް މިވަނީ މެރިޓައިމް މުހިންމު ދެ ކޮންފެންޝަނެއްގައި ބައިވެރިވެވިފަ. ސަރުކާރުން ގެނެސްދޭ ބައެއް ޕްރޮޖެކްޓްތަކުގެ ތެރޭގައި މާލޭގެ ކޮމާޝަލް ބަނދަރަށް ދިމާވެފައިވާ ދަތިކަން މައްސަލަ ހައްލު ކުރުމަށް މިވަނީ ހަރުނަދާ ސިޔާސަތުތަކެއް އެކުލަވާލެވި ޕޯޓް ޑިވްލޮޕް ކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވެފަ،" ސައީދު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ލިވަބޯޑް އެސޯސިއޭޝަން ކަމުގައިވީ ނަމަވެސް އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ މި ސަރުކާރު ވެރިކަމާ ހަވާލުވުން ކަމަށެވެ.

"ނަވާރަސަތޭކަ ހަތްދިހަ ފަސް ވަނަ އަހަރު ދިވެހިރާއްޖެ އަށް ޓޫރިޒަމް އިންޑަސްޓްރީ ވަނީ ގެނެސްދީފަ. އޭގެ ފަހުން ސަރުކާރުން ގެންގުޅުނު ހަރުދަނާ ވިސްނުމުގެ ސަބަބުން އޭގެ 40 އަހަރު ފަހުން މި ވަނީ މުޅި ދުނިޔެ އެންމެ ބޮޑަށް ސެލެބްރޭޓް ކުރާ ލަގްޒަރީ ޕްރޮޑަކްޓެއް އުފެދިފަ. މިއަދު ލިބިފައިވާ ނަސީބަކީ މިކަން އާ އުސްމިންތ ަކަށް ގެނެސްދޭނެ އިގްތިސާދީ ވިސްނުން ތިބި ބަޔަކު ވެރިކަމާ ހަވާލުވުން،" ސައީދު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ސްޕެޝަލް އިކޮނޮމިކް ޒޯންތައް އުފެދިގެން ދާއިރު، ފްރީ ޒޯން ތަކެއް އުފެދިގެންދާނެ ކަމަށެވެ.

"މެރިޓައިމް ސީލޭންޑެއްގެ ހަރަކާތްތައް ރާއްޖޭގެ ގޮނޑުދޮށުގައި އުފެދިދައިވާތީ މީގެ ކުރިން ތަނަވަސްނުވާ ވަރަށް ވަޒީފާ އުފެއްދުމުގެ މަސައްކަތް މިވަނީ ފައްޓާފަ. ސްޕެޝަލް އިކޮނޮމިކް ޒޯންތައް އުފެދިގެން އަންނައިރު ފްރީޒޯންތައް އުފެދިގެން ދާނެ. އެއްވެސް ޝައްކެއް ނެތް ގޮތުގައި ކުރިއެރުން ތަކެއް ލިބިގެންދާނެ،" ސައީދު ވިދާޅުވި އެވެ.