ދުނިޔެ

ފިންލޭންޑުގައި ވަޒީފާއަށް ނުދާ މީހުނަށް ސަރުކާރުން ފައިސާ ދެނީ

Jan 20, 2017

ފިންލޭންޑުގެ ސަރުކާރުން އިގްތިސޯދީ ގޮތުން ތަފާތު ތަޖުރިބާއެއް ކުރުމަށް ދިރާސާއެއް ހަދަން ފަށައިފި އެވެ. އެއީ އެއްވެސް މަސައްކަތެއް ނުކޮށް، އާމްދަނީއެއް ނުލިބޭ މީހުންނަށް ސަރުކާރުން ފައިސާ ދިނުމެވެ.

އެގޮތުން ފިންލޭންޑް ސަރުކާރުން މިމަސް ތެރޭގައި ނިންމާފައި ވަނީ އެ ގައުމުގެ 2000 މީހަކަށް 600 ޑޮލަރުގެ ރޭޓުން ފައިސާ ދޭށެވެ. އަދި އެ މީހުން ވަޒީފާތަކަށް ދިޔައަސް އެ ފައިސާ މެދު ނުކެނޑި ދެ އަހަރުގެ މުއްދަތަކަށް ދޭން ފިންލޭންޑް ސަރުކާރުން ވަނީ ނިންމާފަ އެވެ. -- ކޮންމެ ރައްޔިތަކަށް ވެސް މުސާރަ ޔަގީންކޮށްދޭ މި ސިޔާސަތަށް ކިޔަނީ "ޔުނިވާސަލް ބޭސިކް އިންކަމް" އެވެ.

"އަޅުގަނޑުމެން އުންމީދު ކުރަނީ ޔުނިވާސަލް ބޭސިކް އިންކަމް ލިބޭ ފަރާތްތަކުން ކާމިޔާބު މުސްތަގުބަލެއް ރާވައި އަމިއްލަ މަސައްކަތްތައް ފެށުމަށް އިތުރު ހިތްވަރެއް ލިބިގެން ދާނެކަމަށް،" މި ދިރާސާ ކުރަމުން އަންނަ ފިންލޭންޑުގެ ސޯޝަލް އިންޝޫރަންސް އެޖަންސީގެ އޮފިޝަލަކު ވިދާޅުވި އެވެ.

އާންމުންނަށް ފައިސާ ދޭން ފެށުމުން ފިންލޭންޑުގެ ބައެއް ފަރާތްތަކުން ވަނީ އެކަމަށް ވަރަށް ބޮޑަށް ފާޑު ކިޔައެވެ. އެ ފަރާތްތަކުން ދެކޭ ގޮތުގައި އެއްވެސް ބުރައެއް ނުއުފުލާ މުސާރަ ލިބެން ފެށުމަކީ އާދައިގެ ވަޒީފާތައް އަދާ ކުރަން މީހުން ފޫހި ވާނެ ކަމެކެވެ.

ނަމަވެސް އެ މަސައްކަތައް ބައިނަލްއަގުވާމީ ގައުމުތަކުގެ ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ. ގިނަ ބަޔަކު ދެކޭ ގޮތުގައި 2008 ވަނަ އަހަރު ދުނިޔެއަށް ކުރިމަތިވީ ފަދަ މާލީ ދަތިކަމުގެ ހައްލަކީ ޔުނިވާސަލް ބޭސިކް އިންކަމް އެއް ދިނުމެވެ. އޭގެ ސަބަބުން ގައުމުތަކަށް ކުރިމަތިވަމުން އަންނަ އިގްތިސާދީ މައްސަލަތައް ހައްލުވެގެން ދާނެ އެވެ.

މި ސިޔާސަތާ ބެހޭ ގޮތުން 20 ވަނަ ގަރުނުގެ މައްޝޫރު އިކޮނޮމިސްޓެއް ކަމަށްވާ މިލްޓޮން ފްރައިޑްމެން ވިދާޅުވެފައި ވަނީ ގައުމުގެ ހުރިހާ ރައްޔިތުންނަށް ވެސް ކޮންމެވެސް ވަރެއްގެ އުޖޫރައެއް ލިބޭނަމަ ފަގީރުކަން ނެތިގޮސް އިގްތިސާދު ކޮޅަށް ޖެހޭނެ ކަމަށެވެ. އޭނާ ލިޔުން ފޮތް ކަމަށްވާ "ލޯ، ލެޖިސްލޭޝަން، ލިބަޓީ" އި ވެސް ބުނެފައި ވަނީ ޔުނިވާސަލް ބޭސިކް ސެލަރީއަކީ އިގްތިސާދީ މިނިވަން ކަމަކަށް ގައުމު ދާނެ އުސޫލެކެވެ.

މީގެ ކުރިން 1970 ވަނަ އަހަރު ތެރޭގައި ކެނެޑާގައި ވެސް މިފަދަ އެކްސްޕެރިމަންޓް ކުރި އެވެ. އެގޮތުން ޑައުފިން ނަމަކަށް ކިޔާ ސަރަހައްދެއްގެ 30 ޕަސަންޓު މީހުންނަށް ކެނެޑާގެ ސަރުކާރުން މަސައްކަތެއް ނުކުރުވައި ފައިސާ ދިނެވެ. އަދި އެކަމާ ގުޅިގެން 2011 ވަނަ އަހަރުގައި މެންޓޮބާ ޔުނިވާސިޓީގައި ކުރެވުން ދިރާސާއިން ދައްކާ ގޮތުގައި ބޭސިކް ޔުނިވާސަލް ބޭސިކް ސެލަރީ ދިނުމުން ހައި ސްކޫލް ނިންމާ ކުދިންގެ އަދަދު އިތުރުވެ ހޮސްޕިޓަލްތަކުގައި އެޑްމިޓް ކުރާ ފަރާތްތަކުގެ އަދަދު 8.5 ޕަސަންޓު ދަށަށް ދިޔައެވެ. ނަމަވެސް މީހުން ވަަޒީފާތަކަށް ވަންނަ އަދަދަށް އެއްވެސް ބަދަލެއް ނާދެއެވެ. ކެނެޑާގެ ސަރުކާރު އޭރު ބަދަލުވީ ފަހުން މި ދިރާސާ އިތުރަށް ކުރިޔަކަށް ނުގެންދެވުނެވެ.