ވިޔަފާރި

ލޭމް އިން އެމްއެމްޕީއާރުސީ އާއި މަރުކަޒީ ބޭންކާ ބައްދަލުކޮށްފި

Jan 20, 2017

ރާއްޖޭގެ ސަފާރީ އޮޕަރޭޓަރުންގެ ޖަމިއްޔާ، ލިވަ ބޯޑް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ލޭމް) އިން މަރުކަޒީ ބޭންކާއި، މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އާ މިއަދު ބައްދަލުކޮށްފި އެވެ.

ލޭމްގެ ރައީސް ހަސަން ހަލީމް "އަވަސް" އަށް ވިދާޅުވީ އެމްއެމްޕީއާރުސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ހާރިސް މުހައްމަދުއާ ބައްދަލު ކުރުމުގެ މައިގަނޑު މަގުސަދަކީ ރާއްޖެ ޕްރޮމޯޓް ކުރުމުގައި ގުޅިގެން މަސައްކަތް ކުރެވޭނެ ދާއިރާތައް ބެލުން ކަމަށެވެ.

"މި ބައްދަލުވުމުގެ މައިގަނޑު މަގުސަދަކީ ދެ ފަރާތަށް ވެސް ވެވެން އޮތް އެހީތައް ބެލުން. ހާއްސަކޮށް ރާއްޖެ އިޝްތިހާރު ކުރުމުގައި،" ހަސަން ވިދާޅުވި އެެވ.

މީގެ އިތުރުން ލޭމް އިން މިއަދު ވަނީ މަރުކަޒީ ބޭންކުގެ ގަވަރުނަރު، ޑރ. އަޒީމާ އާދަމްއާ ވެސް ބައްދަލު ކޮށްފަ އެވެ.

ލޭމްގެ ރައީސް ހަަސަން ވިދާޅުވީ މި ބައްދަލުވުމުގައި މަގުސަދަކީ ކަނޑު އުޅަނދު ފަހަރު ވަކި އިންޝުއަރެންސް ކުންފުންޏަކުން އިންޝުއަކުރާ ގޮތަށް ހަމަޖެހުމާއެކު، އެކަމުގައި މަރުކަޒީ ބޭންކުގެ ހިޔާލެއް ހޯދުން ކަމަށެވެ.

"މި ބައްދަލުވުމުގައި ގަވަރުނަރުގެ ހިޔާލުވެސް ވިދާޅުވި. އެކަމަނާ ގަބޫލުކުރައްވާ ކަމެއް ނޫންކަމަށް ވިދާޅުވީ އެއް ކުންފުންޏަކުން މި ހިދުމަތް ދިނުމަކީ،" ހަސަން ވިދާޅުވި އެވެ.

ލޭމްއަކީ ރާއްޖޭގެ ޓޫރިޒަމްގައި އެންމެ ހިއްސާ ބޮޑު އެއް އިންޑަސްޓްރީ ކަމަށްވާ ސަފާރީ އޮޕަރޭޓަރުންގެ ޖަމިއްޔާ އެވެ. މި ޖަމިއްޔާގެ މެންބަރުންގެ އަދަދު 150 އަށްވުރެ ގިނަ އެވެ.