ހަބަރު

"މިނިވަން ފަންސާސް" ފާހަގަ ކުރަން ސްކައި ޑައިވެއް ކުރަނީ

Mar 17, 2015
1

"މިނިވަން ފަންސާސް" ފާހަގަ ކުރުމުގެ ގޮތުން ޒުވާނުންގެ ސްކައި ޑައިވެއް ބާއްވަން ހޯމް މިނިސްޓްރީން ނިންމައިފި އެވެ.

ހޯމް މިނިސްޓްރީން ބުނީ ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރޭ މުނާސަބާ ކަމަށްވާ، 26 ޖުލައިޔާ ދިމާކޮށް ބާއްވާ ހަރަކާތްތަކުގެ ތެރެއިން ދިވެހި ޒުވާނުން ބައިވެރިވެގެން ސްކައި ޑައިވް ކުރަން ސަރުކާރުން ނިންމާފައިވާ ކަމަށާއި އެ ޑައިވްގައި ބައިވެރިވާން ބޭނުންވާ ޒުވާނުންނަށް އެކަމަށް ކުރިމަތިލުމަށް ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށެވެ.

ހޯމް މިނިސްޓަރު ވިދާޅުވި ގޮތުގައި އެ ޑައިވްގައި ތަމްރީން ކުރުމަށް 50 ޒުވާނަކު ނަގާނެ އެވެ. އަދި އެކަމަށް ތަމްރީން ކުރުމަށް އިންޑިއާޔާ ގުޅިގެން ބާއްވާ ޓްރެއިނިން ތަކަށް ފަހު 15 ނޫނީ 20 ޒުވާނަކު ސްކައި ޑައިވްގެ ހަރަކާތްތަކަށް ނަގާނެ އެވެ.

"ސިއްހަތު ރަނގަޅަށް ހުރި އެފަދަ ކަމެއް ކުރަން ކެރޭ ކޮންމެ ޒުވާނަކަށް މި އޮތީ ފުރުސަތު ހުޅުވިފައި. މިކަމަށް ބޭނުންވާ ތަމްރީންނާއި ސާމާނު މި ހުރިހާ ކަމެއް އަޅުގަނޑުމެން ސަރުކާރުގެ ހަރަދުގައި ފޯރުކޮށްދޭނަން. މިކަން މިއީ ރާއްޖޭގައި އެހާ އާންމުކަމެއް ނޫން. އެކަމަކު މި ކުޅިވަރަށް ވެސް ބަޔަކު މި ތަމްރީން ކޮށްދެވެނީ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިވަން 50 ފާހަގަ ކުރުމަށް ސްކައި ޑައިވް ހަރަކާތުގެ އިތުރުން، ފެތުމުގެ މުބާރަތަކާއި އެހެން ވެސް ކުޅިވަރު ހަރަކާތްތައް ބާއްވަން ވެސް ނިންމާފައިވެ އެވެ. މާލެ އާއި ވިލިމާލެ ދެމެދު ބާއްވާ ފެތުމުގެ ހަރަކާތުގައި މިނިސްޓަރު އުމަރު ވެސް ބައިވެރިވެ ވަޑައިގަންނަވާނެ އެވެ.