ދުނިޔެ

އިސްލާމީ ޓެރަރިޒަމް ދުނިޔޭން ފުހެލާނަން: ޓްރަމްޕް

Jan 20, 2017
  • އެއްވެސް ގޮތުން ދެން އެމެރިކާ ނުހުއްޓުވޭނެ
  • އެމެރިކާގެ މާޒީ ސިފަ ކުރެއްވީ ގަތުލުއާންމުގެ ގޮތު
  • ހުރިހާ ސިޔާސަތެއްގައި އިސްކަން ދޭނީ އެމެރިކާއަށް

"ހަރުކަށި އިސްލާމީ ޓެރަރިޒަމް" ދުނިޔޭން ފުހެލައްވާނެ ކަމަށް އެމެރިކާގެ އާ ރައީސް ޑޮނަލްޓް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

އެމެރިކާގެ ރައީސްކަމުގެ ހުވައި ކުރެއްވުމަށް ފަހު ގައުމާ މުހާތަބު ކުރައްވާ ދެއްވި ފުރަތަމ ތަގުރީރުގައި ޓްރަމްޕް ވިދާޅުވީ އެގައުމުގެ ދިރިއުޅުމުގެ ވައްޓަފާޅި އެހެން މީހުންނަށް މަޖުބޫރު ނުކުރާނެ ކަމަށެވެ. ނަމަވެސް އެހެން މީހުންނަށް މިސާލަކަށް އެމެރިކާ ވާނެ ކަމަށާއި
ޓެރަރިޒަމް ފުހެލައްވާނެ ކަމަށެވެ.

" ހަރުކަށި އިސްލާމީ ޓެރަރިޒަމް، އެކަން އަހަރެމެން ދުނިޔެއިން މުޅިން ފުހެލާނަން" އޭނާ ވިދާޅުވިއެވެ.

ޓްރަމްޕް ރައީސް ކަމަށް ވަޑައިގެންނެވުމަށް ކުރެއްވި ކެމްޕޭންގައި ދެއްކެވި ހަރުކަށި ހުރިހާ ވާހަކައެއް މިއަދުގެ ތަގުރީރުގައި އޭނާ ތަކުރާރު ކުރެއްވިއެވެ. ޝުކުރު އަދާކުރުމުގެ އެއްވެސް ވާހަކައެއް ނުހިމެނޭ ތަގުރީރުގައި އޭނާ ވަނީ އެމެރިކާގެ ކުރީގެ ހުރިހާ ސަރުކާރަކަށް ފާޑުވިދާޅުވެފައެވެ. އެމެރިކާގެ ހާލަތު ސިފަކުރެއްވީ ގަތުލު އާއްމެއްގެ ގޮތުގަ އެވެ. އަދި ވިދާޅުވީ އެކަން މިހާރުން ފެށިގެން ނިމުނީ ކަމަށެވެ.

"ކުށްކުރުން، ގޭންގްތަކާއި ޑްރަގްތައް ވަނީ އެތައް ފުރާނައެއް ގެއްލުވާލާފައި. އެމެރިކާގެ މި ގަތުލު އާއްމު، މިތަނުގައި، މިހާރު މިއައީ ނިމުމަކަށް،" އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެމެރިކާގެ ހުރިހާ ސިޔާސަތެއް މިއަދުން ފެށިގެން ބައްޓަން ވެގެންދާނީ އެމެރިކާއަށް އިސްކަންދޭ ސިޔާސަތުތަކެއްގެ ގޮތުގައި ކަމަށެވެ. އަދި ވިދާޅުވީ އެމެރިކާ އެއްބައިވަންތަވެއްޖެ ނަމަ އެމެރިކާ ނުހުއްޓުވޭނެ ކަމަށެވެ.

ޓްރަމްޕްގެ ތަގުރީރުގައި ވަރަށް ބާރު ލައްވައި ވިދާޅުވީ އޭނާ މަސައްކަތް ކުރައްވާނީ އެމެރިކާގެ ރައްޔިތުންނަށް ޓަކައި، އެމީހުންގެ ބައިވެރިވުމާއި އެކުގައި ކަމަށެވެ. އެގޮތުން އެމެރިކާ އަލުން ބިނާ ކުރައްވާނެ ކަމަށް ވިދާޅުވިއެވެ. އަދި ވިދާޅުވީ ނަސްލުގެ ގޮތުން ތަފާތަސް އެމެރިކާގެ ރައްޔިތުންގެ މެދުގައި ހަމަ ހަމަ ކުރައްވާނެ ކަމަށެވެ. އެމެރިކާގެ ކުންފުނިތަކުގެ ވަޒީފާތައް އަނބުރާ އެގައުމަށް ގެންނާނެ ކަމަށް ވިދާޅުވާ ވިދާޅުވުން ވެސް އޭނާ ތަކުރާރުކުރެއްވިއެވެ.

ޓްރަމްގެ ތަގުރީރަށް ފާޑުވިދާޅުވެ، ސޯޝަލް މީޑިއާ ޓްވިޓާގައި މުހައްލިލުން ލިއުއްވާފައި ވަނީ އެއީ އޭނާގެ ކެމްޕޭން ތަގުރީރުތަކާ އެއްފަދަ ތަގުރީރެއް ކަމަށެވެ.