ބޮލީވުޑް

މޮޅު އާ އެކްޓަރުގެ އެވޯޑް ނުލިބުމުން ހަރްޝްވަރްދަން ދެރަވީ؟

Jan 21, 2017

ހިންދީ ފިލްމުތަކަށް ދޭ އެންމެ ޝަރަފުވެރި އެވޯޑް، ޖިއޯ ފިލްމް ފެއާ އެވޯޑްގެ 62 ވަނަ އެވޯޑް ހަފްލާ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ މުމްބާއީގައި ވަރަށް ކުލަ ގަދަކޮށް ވަނީ ބާއްވައިފަ އެވެ.

ފިލްމު ފެއާ އެވޯޑްސްގެ ނޮމިނޭޝަންސްތައް އިއުލާން ކުރުމާއެކު އެވޯޑްތަކުގެ ނޮމިނޭޝަންސްތައް އިންސާފުވެރި ނޫންކަމަށް ބުނެ ބައެއް ފަރާތަކުން ވަނީ އިންތިހާއަށް ފާޑުކިޔާފަ އެވެ.

މުޅިން އަލަށް ތައާރަފުވި އެންމެ މޮޅު އެކްޓަރުގެ އެވޯޑް "އުޅްތާ ޕަންޖާބު" އިން ދިލްޖިތް ދޮސަންޖް އަށް ލިބިފައިވާއިރު، މި އެވޯޑަށް އޭނާ އާއެކު ވާދަކުރި މަޝްހޫރު އެކްޓަރު އަނިލް ކަޕޫރުގެ ފިރިހެން ދަރިފުޅު ހަރްޝްވަރްދަން ކަޕޫރު (ހަރްޝް) ވަނީ ދިލްޖިތް އަށް އެ އެވޯޑް ލިބުމުން އެކަމާ ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ.

ޕަންޖާބުގެ އެކްޓަރު ދިލްޖިތް އަށް މުޅިން އަލަށް ތައާރަފުވި އެންމެ މޮޅު އެކްޓަރުގެ އެވޯޑް ލިބުމުން އޭނާ އަށް އެ އެވޯޑް ހައްގު ނޫން ކަމަށް ބުނެ ހަރްޝް ކުރި ޓްވީޓްތަކެއްގައި ބުނެފައި ވަނީ، ދިލްޖިތް މީގެ ކުރިން ވަނީ ހިންދީ ބައެއް ފިލްމުތަކުގެ އިތުރުން އެހެނިހެން ރީޖަނަލް ފިލްމުތަކުން ވެސް ފެނިގެން ގޮސްފައި ކަމަށެވެ.

ދިލްޖިތް 2008 ވަނަ އަހަރު ނިކުތް ހިންދީ ފިލްމަކުން ފެނިގެން ގޮސްފައިވާ ކަމަށް ހަރްޝް ބުނެފައިވާއިރު، މުޅިން އަލަށް ތައާރަފުވި އެންމެ މޮޅު އެކްޓަރުގެ އެވޯޑަކީ އެ ތަރިއެއްގެ އެންމެ ފުރަތަމަ ހިންދީ ފިލްމުގައި ދައްކާ އެކްޓިން އަށް ދޭ އެވޯޑެކެވެ. އަދި މިދިޔަ ހަފްތާގައި ބޭއްވުނު މި އެވޯޑް ހަފްލާ ގައި ދިން "ބެސްޓް ޑެބިއު އެކްޓާ މޭލް" ގެ އެވޯޑަކީ ވޭތުވެދިޔަ އަހަރު ނިކުތް ފިލްމުތަކުން އެންމެ މޮޅު އެކްޓަރަކަށް ދޭ އެވޯޑެވެ.

ހަރްޝް މި އެވޯޑަށް ވާދަކޮށްފައިވަނީ މިދިޔަ އަހަރު ނިކުތް އޭނާގެ ފުރަތަމަ ފިލްމު "މިރްޒިޔާ" އިންނެވެ. ގިނަ ފިލްމު ކްރިޓިކްސް އާއި ބެލުންތެރިން ވެސް އޭނާ އެ ފިލްމުގައި ދައްކުވާފައިވާ އެކްޓިން އަށް ވަނީ ތައުރީފުކޮށްފަ އެވެ.

ހަރްޝް ކުރި ޓްވީޓެއްގައި ވަނީ ކޮންމެހެން އެ އެވޯޑް އޭނާ އަށް ލިބެން ޖެހޭ ކަމަކަށް ގަބޫލުނުކުރާ ކަމަށާއި ނަމަވެސް އެ އެވޯޑް ދީފައިވާ ގޮތާއި މެދު ސުވާލު އުފައްދާ ކަމަށެވެ. އަދި މުޅިން އަލަށް ތައާރަފުވި އެހެން އެކްޓަރަކަށް އެ އެވޯޑް ލިބުނުނަމަ އެކަން ހެޔޮ ހިތުން ގަބޫލުކުރާނެ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

އެވޯޑާ މެދު ހިތްހަމަނުޖެހިގެން ހަރްޝް ކުރި ޓްވީޓްތަކާ ގުޅިގެން، ބައެއް ފަރާތްތަކުން އޭނާ އަށް ތައުރީފުކުރި ނަމަވެސް އަނެއް ބައި ފަރާތްތަކުން ވަނީ އޭނާ އަށް އިންތިހާ އަށް ފާޑުކިޔާފަ އެވެ. އަދި އޭނާ އަށް ތާއީދުކޮށް ވާހަކަދައްކާފައިވާ ބައެއް ފަރާތްތަކުން ވަނީ ބޭކާރު ކަންތައްތަކުގައި އުޅުމަށް ވުރެން ކުރިއަށް ހުރި ފިލްމުތަކާ މެދު ވިސްނުން މާ ރަނގަޅު ވާނެ ކަމަށް ބުނެފަ އެވެ.

ފިލްމު ފެއާ އެވޯޑްގެ އެންމެ މޮޅު އަލަށް ތައާރަފުވި އެކްޓަރުގެ އެވޯޑް ނުލިބުނު ނަމަވެސް ހަރްޝް ވަނީ މިދިޔަ އަހަރު ބޭއްވި ގިނަ އެވޯޑް ހަފްލާތަކުގައި "މިރްޒިޔާ" އިން އެންމެ މޮޅު އާ އެކްޓަރުގެ އެވޯޑް ލިބިފަ އެވެ.